ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ޓްރަމްޕް ވަޑައިގަންނަވަނީ

ވޯލްޑް ކަޕްގެ ފައިނަލް މެޗަށް ޓްރަމްޕް ވަޑައިގަންނަވަނީ

ފީފާ ވޯލްޑް ކަޕް ފުޓްބޯޅަ މުބާރާތުގެ ފޯރިގަދަ ފައިނަލް މެޗު ބައްލަވާލެއްވުމަށްޓަކައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވަޑައިގަންނަވާނެކަން ވައިޓް ހައުސް އިން ހާމަކޮށްފިއެވެ.

ވައިޓް ހައުސްގެ ޕްރެސް ސެކްރެޓަރީ ކެރޮލައިން ލެވިޓް ރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، ކުރިއަށް އޮތް ހުކުރު ދުވަހު ރައީސް ޓްރަމްޕް ނިއުޔޯކް ސިޓީއަށް ދަތުރުފުޅެއް ކުރައްވާނެ ކަމަށެވެ. މި ދަތުރުފުޅުގައި ޓްރަމްޕް ޓަވަރގައި ފީފާއިން އިންތިޒާމުކުރާ ހާއްސަ ހަފްލާއެއްގައި ރައީސް ބައިވެރިވެވަައިގަންނަވާނެއެވެ. އަދި އާދިއްތަ ދުވަހުގެ ރޭ (ރާއްޖޭ ގަޑިން ދަންވަރު 12 ޖަހާއިރު) ފެށުމަށް ހަމަޖެހިފައިވާ ވޯލްޑް ކަޕް ފައިނަލް މެޗު ބައްލަވާލެއްވުމަށް ސްޓޭޑިއަމަށް ރައީސް ޓްރަމްޕް ވަޑައިގަންނަވާނެ ކަމަށް ލެވިޓް ކަށަވަރުކޮށްދެއްވިއެވެ.

މި މުބާރާތާ ގުޅޭގޮތުން ވާހަކަދައްކަވަމުން ލެވިޓް ވިދާޅުވީ، މިއީ އެމެރިކާގެ ތާރީޚުގައި މިހާތަނަށް ބޭއްވި އެންމެ ކާމިޔާބު، އެންމެ ގިނަ ބަޔަކު ބަލާފައިވާ އަދި އެންމެ ރައްކާތެރި ކުޅިވަރު މުބާރާތް ކަމަށެވެ. ދުނިޔޭގެ އެންމެ މަޤްބޫލު ކުޅިވަރު މުބާރާތް ކަމަށްވާ ފީފާ ވޯލްޑް ކަޕް، އެމެރިކާގައި ފުރިހަމަކަމާއެކު ބޭއްވިދާނެކަން އެ ޤައުމުން ސާބިތުކޮށްދީފި ކަމަށާއި، ރައީސް ޓްރަމްޕް މި ފައިނަލް މެޗަށް ވަރަށް ބޮޑަށް އިންތިޒާރު ކުރައްވަމުން ގެންދަވާ ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ނިއުޔޯކް ނިއުޖަރޒީ ސްޓޭޑިއަމްގައި ކުޅޭ މި ފައިނަލް މެޗުގައި ބައްދަލުކުރާނީ ޔޫރަޕްގެ ޗެމްޕިއަން ސްޕެއިން އާއި ދެކުނު އެމެރިކާގެ ޗެމްޕިއަން އަދި މިހާރުގެ ވެސް ވޯލްޑް ކަޕްގެ ތަށި އުފުލާލާފައިވާ އާޖެންޓީނާއެވެ. އާޖެންޓީނާ މިފަހަރު ނިކުންނަނީ ތަށި ދިފާއުކުރުމުގެ އަޒުމުގައެވެ. ނަމަވެސް ތާރީޚަށް ބަލާއިރު، 1962 ވަނަ އަހަރަށްފަހު މިހާތަނަށް އެއްވެސް ޓީމަކަށް ވޯލްޑް ކަޕްގެ ތަށި ޖެހިޖެހިގެން ދެ ފަހަރު ދިފާއު ކުރެވިފައެއް ނުވެއެވެ.

މީގެ އިތުރުން، އުތުރާއި މެދުތެރޭ އެމެރިކާގައި މިހާތަނަށް ވޯލްޑް ކަޕްގެ ދެ މުބާރާތެއް ބާއްވާފައިވާއިރު، މިއީ އެ ސަރަހައްދުގައި ބޭއްވޭ އެންމެ ފޯރިގަދަ އަދި އެންމެ ބޮޑު މުބާރާތްކަން ފާހަގަކުރެވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *