ކުޅުދުއްފުށީ ސިޓީކައުންސިލުން ފޯރުކޮށްދޭންޖެހޭ ކަރަންޓްގެ ހިދުމަތަށް ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން ހުރަސްއަޅާ ކަމަށް ހުށަހެޅި މައްސަލަ ސާބިތެއް ނުވިއެވެ.
މިއީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކުޅުދުއްފުށީ ސިޓީކައުންސިލުން ފޯރުކޮށްދޭންޖެހޭ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދޭން، ފެނަކަ ކޯޕަރޭޝަން ލިމިޓެޑުން އެއް ބާރުލުން ނުދީ ހުރަސް އަޅާމަކަށް ބުނެ، ފެނަކައިގެ މައްޗަށް ސިވިލް ކޯޓުގައި ކުރި ދައުވާއެކެވެ.
މިދައުވާގައި ސިޓީ ކައުންސިލުން ބުނެފައި ވަނީ ލާމަރުކަޒީ ގާނޫނުގެ ދަށުން ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފޯރުކޮށްދޭން ޖެހޭ ކަރަންޓްގެ ހިދުމަތް ފޯރުކޮށްދިނުމަށް، އެ ގާނޫނުން ލާޒިމު ކޮށްފައިވާ، ލިއުމުން އެއްބަސްވުން ހެދުމަށް ފެނަކައިން ހުރަސް އަޅައި، ކައުންސިލަށް އެއްބާރުލުން ނުދީ، ކައުންސިލްގެ ގާނޫނީ ޒިންމާ އަދާ ކުރަން ފެނައިން ހުރަސް އަޅަމުންދާ ކަމަށެވެ.
މި މައްސަލައިގައި ތިން ކަމަކަށް ކުޅުދުއްފުށީ ސިޓީކައުންސިލުން ސިވިލްކޯޓުގައި އެދިފައިވެއެވެ.
އެއްކަމަކީ ފެނަކަ އަކީ، ލާމަރުކަޒީ ގާނޫނުގެ 2-69 ވަނަ މާއްދާގެ (ހ) ގައި ބަޔާންކޮށްފައިވާ ތިންވަނަ ފަރާތެއް ކަމަށް ކަނޑައަޅައި ދިނުމަށެވެ.
އެ މާއްދާގައި ބުނަނީ، ކަރަންޓާއި، ފެނާއި، ފާހާނާ އާއި ނަރުދަމާގެ ދުމަތްތަކުގެ ތެރެއިން ހިދުމަތެއް ރަށެއްގައި ނުވަތަ ސިޓީއެއްގައި ފޯރުކޮށްދެނީ، ތިންވަނަ ފަރާތަކުން ކަމަށްވާލަތުގައި، އެ ތިންވަނަ ފަރާތަކާއި ކައުންސިލާ ދެމެދު އެ ހިދުމަތް ފޯރުކޮށްދިނުމާ ގުޅޭގޮތުން ލިޔުމުން ވެވޭ އެއްބަސްވުމެއް އޮންނަންވާނެ ކަމަށެވެ.
ދެވަނަ ކަމަކަށް އެދިފައިވަނީ، ހަކަތައިގެ ގާނޫނުގެ 10 ވަނަ މާއްދާގެ (ފ) އާއި ލާމަރުކަޒީ ގާނޫނުގެ 1-69 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވާ ޒިންމާތައް އަދާކުރުމަށް ފެނަކައިން ސިޓީ ކައުންސިލަށް އެއްބާރުލުން ދޭންޖެހޭނެ ކަމަށް ކަނޑައަޅައި ދިނުމަށެވެ.
ހަކަތައިގެ ގާނޫނުގެ 10 ވަނަ މާއްދާއަކީ އެ ގާނޫނުގެ ދަށުން ކައުންސިލު ތަކަށް ލިބިފައިވާ ޒިންމާތަކާއި ބާރު ތަކުގެ ތެރޭން ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތަށް ކުރިއަށް ގެންދަންޖެހޭ ކަންކަން ކަނޑައަޅާފައިވާ މާއްދާއެވެ.
އެ މާއްދާގެ (ފ) ގައި ބުނަނީ، ކައުންސިލުތަކަށް ހަވާލުވެފައިވާ ހަކަތައިގެ ހިދުމަތް ފޯރުކޮށްދިނުމުގެ މަސައްކަތް، އެކަމަށް ލައިސަންސް ލިބިފައިވާ ފަރާތަކާއެކު ވެވޭ އެއްބަސްވުމެއްގެ ދަށުން އެފަރާތަކާ ހަވާލުކޮށް، ކުރިއަށް ގެންދަންވާނެ ކަމަށެވެ.
ލާމަރުކަޒީ ގާނޫނުގެ 1-69 ވަނަ މާއްދާގެ (ހ) ގައި ބަޔާން ކޮށްފައިވަނީ ކޮންމެ ރަށެއް ނުވަތަ ސިޓީއެއްގައިވެސް އަންނަނިވި އާންމު ހިދުމަތްތައް، އެ ރަށެއް ނުވަތަ ސިޓީގެ ރައްޔިތުންނަށް، ކައުންސިލުން ފޯރުކޮށްދޭން ވާނެއެވެ.
އެ ހިދުމަތްތަކަކީ:
ކަރަންޓުގެ ހިދުމަތް
ފެނުގެ ހިދުމަތްފާހާނާ އާއި ނަރުދަމާގެ ހިދުމަތް
ތިންވަނަ ކަމަކީ ފެނަކަ މެދުވެރިކޮށް ކުޅުދުއްފުށީ ސިޓީއަށް ކަރަންޓް ދިނުމުގެ ބޭނުމަށް ފެނެކަ އާއި، ސިޓީ ކައުންސިލާ ދެމެދު އެއްބަސްވުމެއް އެކުލަވާލަން ޖެހޭނެ ކަމަށް ކަނޑައަޅައިދިނުމަށެވެ.
މި މައްސަލައަށް ރައްދުދީ، ކުޅުދުއްފުށީ ސިޓީ ކައުންސިލުން ފާހަގަ ކޮށްފައިވާ ގާނޫނީ ޝަރަހަ ތަަކަށް އިންކާރުކޮށް ފެނަކައިން ބުނެފައިވަނީ، ފެނަކައަކޫ ލާމަރުކަޒީ ގާނޫނުގެ 2-69 ވަނަ މާއްދާގައިބުނާ "ތިންވަނަ ފަރާތް" ނޫން ކަމަށެވެ.
އެހެންކަމުން އެއީ ތިން ވަނަ ފަރާތް ނޫން ކަމަށާއި، ކުޅުދުއްފުށީ ސިޓީކައުންސިލާއެކު އެއްބަސްވުމެއް ގާއިމް ކުރަން އަމުރު ކުރަންޖެހޭ ރަނެއް ނެތް ކަމަށާއި، އަދި ކައުންސިލާއެކު އެއްބަސްވުމެއް ގާއިމް ނުކުރުމަކީ، އެ ކައުންސިލްގެ ގާނޫނީ ޒިންމާ އަދާކުރުމަށް ހުރަސްއެޅޭނެ ކަމެއްނޫން ކަމަށް ކަނޑައަޅައިދިނުމަށް ފެނަކައިން ކޯޓުގައި އެދުނެވެ.
މި މައްސަލަ ބެލުމަށްފަހު ސިވިލް ކޯޓުން ކަނޑައަޅާފައި ވަނީ، ފެނަކައިން ކުޅުދުއްފުށީ ސިޓީގައި ދޭ ކަރަންޓްގެ ހިދުމަތަކީ ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން އެ ކުންފުނި އުފައްދައި، އެ ކުންފުންޏާ ދިވެހި ސަރުކާރުން މަތިކޮށްގެން ދެމުންދާ ހިދުމަތެއް ކަމަށެވެ.
އެހެންކަމުން ލާމަރުކަޒީ ގާނޫނާ ހަވާލާދީ ކުޅުދުއްފުށީ ސިޓީކައުންސިލުން އުފައްދާ ގާނޫނީ ބަހުސަކީ، ފެނަކައިގެ މައްޗަށް ގޮތް ކަނޑައެޅިދާނެ ގާނޫނީ ބަހުސަކަށް ނުވާތީ ކުޅުދުއްފުށީ ސިޓީކައުންސިލުން ފެނަކައިގެ މައްޗަށް ކުރި ދައުވާ ސާބިނުވާކަމަށް ސިވިލްވޯޓުން ހުކުމް ކުރިއެވެ.






