ފީފާ ވޯލްޑް ކަޕްގެ މެޗުތައް ކުރިއަށްދާއިރު، މުޅި ދުނިޔޭގެ ސަމާލުކަން ހުއްޓިފައިވަނީ ހަމައެކަނި ދަނޑުމަތީގައި ކުޅުންތެރިން ދައްކަމުންދާ ކުޅުމަކަށް ނޫނެވެ. މުބާރާތުގައި އަލަށް ވާދަކުރާ ޑިމޮކްރެޓިކް ރިޕަބްލިކް އޮފް ކޮންގޯ (ޑީއާރު ކޮންގޯ) އިން ދަނޑުމަތީގައި މޮޅު ކުޅުމެއް ދައްކަމުންދާއިރު، އެ ގައުމުގެ ސަޕޯޓަރުންގެ ފަރާތުން ސްޓޭޑިއަމްގެ ގެލެރީން ފެންނަމުންދާ ޚާއްޞަ މަންޒަރަކަށް މުޅި ދުނިޔޭގެ ސަމާލުކަން މިވަނީ ހުއްޓިފައެވެ.
އެއީ ކޮންގޯގެ ސުޕަފޭން އެއް ކަމަށްވާ މިޝޭލް ންކޫކާ އެމްބޮލަޑިންގާ އެވެ. އޭނާ ދަނޑުމަތިން ފެންނަނީ ކޮންގޯގެ މިނިވަންކަމުގެ ބަތަލު އަދި އެ ގައުމުގެ ފުރަތަމަ ބޮޑުވަޒީރު ޕެޓްރިސް ލުމުމްބާ ސިފަވާ ގޮތަށެވެ. ކޮންގޯގެ ގައުމީ ކުލަތައް ކަމަށްވާ ރަތް، ރީނދޫ އަދި ނޫކުލައިގެ ފާހަގަކޮށްލެވޭ ކޯޓު ފަސްޓުލައިގެން ހުންނަ އެމްބޮލަޑިންގާ، މުޅި މެޗު ނިމެންދެން އެއްވެސް ހަރަކާތެއް ނެތި ބުދެއް ފަދައިން އެއް އަތް މައްޗަށް ނަގައިގެން ހުރެއެވެ. އޭނާގެ ވަށައިގެން އެހެން ސަޕޯޓަރުން ލަވަކިޔައި ނަށަމުންދާއިރު ވެސް އޭނާ ހުންނަނީ ގުޑާލުމެއް ނެތް ސާބިތުކަމެއްގައެވެ.
އެމްބޮލަޑިންގާ ބުނާ ގޮތުގައި އޭނާ އެގޮތަށް ހުންނަނީ ކޮންގޯގެ ވެރިރަށް ކިންޝާސާގައި ހުންނަ ލުމުމްބާގެ ބުދުގެ ބައްޓަމަށެވެ. އަދި މިއީ ހަމައެކަނި ސަޕޯޓްކުރުމެއް ނޫން ކަމަށާއި، މިއީ ގައުމުގެ މިނިވަންކަމާއި ސިޔާދަތު ރަމްޒުކޮށްދިނުމަށް އޭނާ ކުރިއަށްގެންދާ "ގައުމީ މިޝަނެއް" ކަމަށް އޭނާ ބުނެއެވެ.
ޕެޓްރިސް ލުމުމްބާ (1925-1961) އަކީ ބެލްޖިއަމްގެ އަޅުވެތިކަމުގެ ދަށުން ކޮންގޯ މިނިވަންކުރުމުގައި އެންމެ އިސްކޮށް އުޅުއްވި ލީޑަރެވެ. ބެލްޖިއަމްގެ ރަސްގެފާނު ލިއޮޕޯލްޑް II ގެ ރަހުމުކުޑަ ވެރިކަމުގައި ކޮންގޯގެ 10 މިލިއަނަށްވުރެ ގިނަ މީހުން ބަލިމަޑުކަމާއި ބަނޑުހައިހޫނުކަމުގައި މަރުވެދިޔަ ހިތްދަތި ތާރީޚަށްފަހު، 1960 ގައި ކޮންގޯއަށް މިނިވަންކަން ލިބުމާއެކު އެ ގައުމުގެ ފުރަތަމަ ބޮޑުވަޒީރަކަށް އިންތިޚާބުވީ ލުމުމްބާއެވެ.
ނަމަވެސް، މަގާމާ ހަވާލުވިތާ އަހަރެއްވެސް ނުވަނީސް، ބެލްޖިއަމްގެ މަދަދުލިބޭ ބަޔަކު ލުމުމްބާ ރަހީނުކޮށް، އަވަހާރަކޮށްލިއެވެ. އަދި އޭނާގެ ހަށިގަނޑު އެސިޑް ބޭނުންކޮށްގެން ނައްތާލިއެވެ. އޭނާގެ ހަށިގަނޑުން ސަލާމަތްވި ހަމައެކަނި ގުނަވަނަކީ ބެލްޖިއަމްގެ އޮފިސަރަކު ހަނދާނެއްގެ ގޮތުގައި ނެގި ރަން ދަތެކެވެ. އެ ދަތްވެސް އޭނާގެ އާއިލާއާ ހަވާލުކޮށް، ކޮންގޯގައި ފަސްދާނުލެވުނީ މީގެ ހަތަރު އަހަރު ކުރިންނެވެ.
ކޮންގޯގައި މިހާރުވެސް ދާޚިލީ ހަމަނުޖެހުންތަކާއި ބަލިމަޑުކަމުގެ ސަބަބުން ރައްޔިތުންނަށް އުނދަގޫތަކާ ކުރިމަތިލާން ޖެހިފައިވާއިރު، ލުމުމްބާ ގެންގުޅުއްވި ގައުމީ އެއްބައިވަންތަކަމުގެ ރޫޙު ދަނޑުމަތިން ދިރުވައިދިނުމަކީ ކޮންގޯގެ ގައުމީ ޓީމަށާއި ރައްޔިތުންނަށް ލިބޭ ވަރަށް ބޮޑު ހިތްވަރެއްގެ ގޮތުގައި ފާހަގަކުރެވެއެވެ.





