ފާޚާނާއަކަށް ނުވަތަ ބަދިގެއަކަށް ވަންނަ ވަގުތު ފާރުގައި ނުވަތަ ބިމުން ކުރަފި ފެނުމުން ހަޅޭއްލަވައިގަނެވެނީ ކީއްވެގެން ހެއްޔެވެ؟ މިއީ ގިނަ ފިރިހެނުންނަށް ޖޯކަކަށް ވިޔަސް، ގިނަ އަންހެނުންނަށް މިއީ ވަރަށް ބޮޑު ބިރުވެރިކަމެކެވެ. ނަފްސާނީ އިލްމުވެރިންނާއި ސައިންސްވެރިން ބުނާ ގޮތުގައި، އަންހެނުން ކުރަފިދެކެ މިހާ ބޮޑަށް ބިރު ގަންނަނީ ހަމައެކަނި އެސޮރުމެން ފެންނަން ހުންނަ ސިފައަކުން ނޫނެވެ. މީގެ ފަހަތުގައި ތަފާތު ސަބަބު ތަކެއްވެއެވެ.
އިންސާނުންގެ ކުރީގެ ތާރީޚަށް ބަލާއިރު، ދިރިއުޅުމުގެ ކަންކަން ހުންނަ ގޮތުން އަންހެނުންނަކީ ދަރިން ބެލުމާއި ގޭތެރޭގެ ކަންކަމުގައި ގިނަ ވަގުތު ހޭދަކުރި ބައެކެވެ. މި ސަބަބަށްޓަކައި، ބަލިތައް ފަތުރާ ސޫފިތަކާއި ވިހަ ސޫފިތަކުން ދަރިންނާއި އަމިއްލަ ނަފްސު ރައްކާތެރިކުރުމުގެ ބައި އަންހެނުންގެ ކިބައިގައި ބޮޑަށް އަށަގަތެވެ. ކުރަފި ފަދަ ސޫފިތަކަކީ ނަޖިސް ތަންތަނުގައި އުޅެ، ބަލި ފަތުރާ އެއްޗަކަށް ވުމުން، ގުދުރަތީ ގޮތުން އަންހެނުންގެ ސިކުނޑި އެސޮރުމެންނާ ދުރަށްދާން މަޖުބޫރު ކުރުވައެވެ.
ދިރާސާތަކުން ދައްކާ ގޮތުގައި ފިރިހެނުންނަށްވުރެ އަންހެނުން ނަޖިސް ތަންތަނާއި، ކާނާ ހަލާކުވުމާއި، އަދި ބަލިތައް ފެތުރިދާނެ ފަދަ ކަންކަމަށް ހުންނަ ނުރުހުންތެރިކަން ނުވަތަ ބިރުވެރިކަން މާ ބޮޑެވެ. ކުރަތްޕަކީ ކުނިގޮނޑުތަކާއި ނަޖިސް ހޮޅި ތަކުން ދަތުރުކުރާ އެއްޗެކެވެ. އެހެންކަމުން، ކުރަފިދެކެ ގަންނަ ބިރަކީ ހަގީގަތުގައި އޭގެ ޒާތުގައި ވާ ބިރަކަށްވުރެ ބޮޑަށް، އޭގެ ސަބަބުން ވެދާނެ ނަޖިސް ކަމަކަށް ނުވަތަ ޖެހިދާނެ ބައްޔަކަށް ގަންނަ ބިރެކެވެ.
ކުޑަކުދިން ބޮޑުވަމުން އަންނައިރު މުޖުތަމައުން ފެންނަ މަންޒަރުތަކުންވެސް މި ބިރުވެރިކަން އުފެދެއެވެ. ފިލްމު ތަކުންނާއި، ޑްރާމާ ތަކުން އަދި ހަގީގީ ދިރިއުޅުމުގައިވެސް ކުރަފި ފެނުމުން ހަޅޭއްލަވައި، މީހެއްގެ އެހީތެރިކަމަށް އެދޭ މަންޒަރު ގިނައިން ފެންނަނީ އަންހެނުންގެ ފަރާތުންނެވެ. ކުޑަ އަންހެން ކުއްޖަކަށް މިފަދަ މަންޒަރުތައް ގިނައިން ފެނުމުން، ސިކުނޑީގައި "ކުރަފި ބިރުވެރި އެއްޗެއް" ގެ ގޮތުގައި ސިފަވެ، ބޮޑުވާއިރު އެއީ ބިރަކަށް ބަދަލުވެއެވެ.
ކަޓްސަރިޑަފޯބިއާއަކީ ކުރަފިދެކެ އާދަޔާ ހިލާފަށް ބޮޑަށް ބިރުގަތުމަށް ނަފްސާނީ އިލްމުގައި ކިޔާ ނަމެކެވެ. މި ފޯބިއާ އާންމުކޮށް ފިރިހެނުންނަށްވުރެ ގިނައިން ފެންނަނީ އަންހެނުންގެ ކިބައިންނެވެ.
އަންހެނުން ކުރަފިދެކެ ބިރު ގަންނަ އަނެއް ސަބަބަކީ އެސޮރުމެންގެ ހަރަކާތްތައް ހުންނަ ގޮތެވެ. މިސާލަކަށް ކުރަފި ދާނީ ކޮން ދިމާލަކަށް ކަމެއް ކުއްލިއަކަށް ބުނާކަށް ނޭނގެއެވެ. މި ގޮތުން ހިނގާފައި އުޅޭ ކުރަފި ކުއްލިއަކަށް އުދުއްސައިގަތުމަކީ ބިރުވެރިކަން ދެގުނަވާ ކަމެކެވެ. އެސޮރުމެންގެ ހަށިގަނޑުގެ ބަރުމިނާ އަޅާބަލާއިރު ވަރަށް ހަލުވިކޮށް ދުވެއެވެ.
އަންހެނުން ކުރަފިދެކެ ބިރުގަތުމަކީ ހަމައެކަނި "ބޮޑު ސަކަރާތެއް" ނޫނެވެ. މިއީ އެމީހުންގެ ނަފްސާނީ، ސައިންޓިފިކް އަދި ތާރީޚީ ސަބަބުތަކާ ގުޅިފައިވާ ހަގީގީ ބިރެކެވެ.






