އިންޑިއާގެ ޓެމިލް ނާޑޫ ސްޓޭޓްގެ ސަރުކާރު ހޮސްޕިޓަލްތަކުގައި އުފަންވާ ކޮންމެ ކުއްޖަކަށް 1 ގްރާމްގެ ރަނުގެ އަނގޮޓިއެއް ހަދިޔާކުރާ އާ މަޝްރޫއެއް އެ ސްޓޭޓްގެ ސަރުކާރުން އިޢުލާން ކޮށްފިއެވެ.
"ތައިމާމަން ތަންގާ މޯތިރަމް ތިއްތަމް" (މަންމަ ފަރާތުގެ ބޮޑުބޭބެގެ ރަން އަނގޮޓީގެ މަޝްރޫޢު) ގެ ނަމުން ނަންދީފައިވާ މި ސްކީމް ރަސްމީކޮށް ފެށުމަށް ހަމަޖެހިފައިވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. ސަރުކާރުން ހާމަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ދަށުން ދޭން ނިންމާފައިވާ ކޮންމެ އަނގޮޓިއަކަށް ގާތްގަނޑަކަށް 13,600 އިންޑިއަން ރުޕީސް ޚަރަދުވާނެއެވެ.
ޓެމިލް ނާޑޫ ސަރުކާރުން ބުނީ، މިއީ އެ ސަރަހައްދުގެ ސަގާފީ އާދަކާދައެއް ކަމަށްވާ "ތައިމާމަން ސީރް" އިން އިންސްޕަޔާވެގެން ނިންމި ނިންމުމެއް ކަމަށެވެ. މި ސަގާފަތަކީ އަލަށް އުފަންވާ ކުދިންނަށް މަރުޙަބާ ކިޔުމަށާއި، މައިވަންތަކަމުގެ އަގުވަޒަންކުރުމުގެ ގޮތުން މަންމަ ފަރާތުގެ ބޮޑުބޭބެ (މާމަ ނުވަތަ މާމަން) ޚާއްޞަ އިސްކަމެއްދީގެން ހަދިޔާ ބަދަލުކުރުމުގެ އާދައެކެވެ. މި ސްކީމްގެ ޒަރީޢާއިން ސަރުކާރުން ގަސްތުކުރަނީ ކޮންމެ ކުއްޖެއްގެވެސް "ބޮޑުބޭބެ" އެއްގެ ދައުރު އަދާކޮށް، ދައުލަތުގެ ފަރާތުން އެ ކުދިންނަށް ލޯތްބާއި ރައްކާތެރިކަން ދިނުމަށެވެ.
މި މަޝްރޫޢަކީ ޓެމިލް ނާޑޫގެ ސަރުކާރު ހޮސްޕިޓަލްތަކުން ޚިދުމަތް ހޯދާ އާންމު ރައްޔިތުންނަށް ދެވޭ ހިތްވަރެއްގެ އިތުރުން، ސަރުކާރުގެ ސިއްހީ ނިޒާމަށް އޮންނަ އިތުބާރު ބޮޑުކުރުމަށާއި މާބަނޑު މީހުންނާއި ކުޑަކުދިންގެ ދުޅަހެޔޮކަން އިތުރުކުރުމަށް ކުރިއަށްގެންދާ ސިޔާސަތުގެ ދަށުން ތައާރަފްކުރި ކަމެއް ކަމަށް އެ ސްޓޭޓްގެ ލީޑަޝިޕުން ބުނެއެވެ.
މި ސްކީމްގެ ދަށުން ރަން އަނގޮޓި ލިބޭނީ ޓެމިލް ނާޑޫގައި ދާއިމީކޮށް ދިރިއުޅޭ އަދި ސަރުކާރު ހޮސްޕިޓަލްތަކުގައި ވިހާ އާއިލާތަކުގެ ކުދިންނަށެވެ.






