އިންޑިއާގެ ހިންދޫ ދީނުގެ ފައްޅިއެއްގައި އުޅޭ ރާހިބެއް ކަމަށްވާ ދުލާލް ގިރީ ޖީ މަހާރާޖް (ނުވަތަ ދައުލަތް ގިރީ)، އޭނާ ގަބޫލުކުރާ ކަލާންގެ "ޝިވާ" ދެކިލުމަށްޓަކައި 12 އަހަރު ވަންދެން ކޮޅަށް ހުރުމުގެ އަޒުމެއް ހިފައިގެން ކުރަމުންދާ މަސައްކަތް ސޯޝަލް މީޑިއާގައާއި ބައިނަލްއަގުވާމީ މީޑިއާތަކުގެ ސަމާލު ކަމަށް އަތުވެއްޖެއެވެ.
"ހަރިޔާނާ" ގެ ފައްޅިއެއްގައި ދިރިއުޅޭ މި ރާހިބަކީ ހިންދޫންގެ ތެރޭގައި "ޚަޅާ ތަޕަސްޔާ" (ކޮޅަށް ހުރެގެން ކުރާ އަޅުކަން) ފުރިހަމަ ކުރަމުންދާ މީހެކެވެ. އޭނާގެ އަޒުމަކީ އިށީނދެލުމެއް އަދި އޮށޯތުމެއް ނެތި، ދާއިމީ ގޮތެއްގައި ކޮޅަށް ހުރެގެން އޭނާގެ ކަލާންގެއާ ބައްދަލުވުމެވެ.
މިހާ ގިނަ ދުވަހު ނުއިށީނދެ ކޮޅަށް ހުރުމުގެ ސަބަބުން އޭނާގެ ހަށިގަނޑަށް ވަނީ ބޮޑެތި ބަދަލު ތަކެއް އައިސްފައެވެ. މީޑިއާތަކުގައި ދައުރުވަމުންދާ ވީޑިއޯތަކުން ފެންނަ ގޮތުގައި ލޭދައުރުވުމުގެ ނިޒާމަށް އައިސްފައިވާ ބަދަލުތަކުގެ ސަބަބުން އޭނާގެ ދެފައި ވަނީ އާދަޔާ ހިލާފަށް ބޮޑަށް ދުޅަވެ، ފަލަވެފައެވެ. އަދި ފައިގެ ތިރީބައިގެ ކުލަ ވަނީ މުޅިން ކަޅުވެފައެވެ.
ސިއްހީ މާހިރުން ބުނާ ގޮތުގައި މިއީ ގިނަގިނައިން ލޭ ތިރިއަށް ޖަމާވެ، މަސްގަނޑު މަރުވަމުންދާ ކަމުގެ ނިޝާނެކެވެ.
އޭނާއަށް ކުޑަވެސް ލުޔެއް ހޯދުމަށްޓަކައި ފާރުގައި ހަރުކޮށްފައި ހުންނަ އުނދޯލި ޒާތަކަށްހުރި އެއްޗެއްގައި ބުރަކަށި ޖައްސާލައިގެން ކޮޅަށް ހުރެއެވެ. އަދި އޭނާގެ އެހީތެރިން ކޮންމެ ދުވަހަކު ފައި ސާފުކޮށް، ބޭސްއަޅައިދެއެވެ.
މި ޚަބަރާއެކު އިންޓަނެޓުގައި ގިނަ ބަޔަކު ދަނީ މިއީ އިންސާނީ ބުއްދި ގަބޫލުނުކުރާ ފަދަ އަނިޔާވެރި ކަމެއްގެ ގޮތުގައި ސިފަ ކުރަމުންނެވެ. ބައެއް މީހުން މިއީ ކަނު އަގީދާއެއްގެ ސަބަބުން އަމިއްލަ ނަފްސަށް ދެވޭ އަނިޔާއެއް ކަމަށް ބުނާއިރު، ހިންދޫ ދީނުގެ ބައެއް މީހުން ދެކޭގޮތުގައި މިއީ ނަފްސު ކޮންޓްރޯލް ކުރުމުގެ މަތިވެރި ގުރުބާނީއެކެވެ.
ހިންދޫ ސަގާފަތުގައި މިއީ އާލާވެފައިވާ އާދައެއް ނޫނެވެ. މީގެ ކުރިންވެސް ބައެއް ރާހިބުން ދިގު މުއްދަތަކަށް އަތް މައްޗަށް ހިއްލައިގެން ތިބުމާއި، ނިޔަފަތި ނުކަނޑާ އެތައް އަހަރެއް ހޭދަކުރުން ފަދަ ކަންކަން ކޮށްފައިވެއެވެ. ސިއްހީ މާހިރުން އިންޒާރުދޭ ގޮތުގައި މިފަދަ ކަންކަމުގެ ސަބަބުން ހަށިގަނޑުގެ ގުނަވަންތައް މަރުވެ، ފުރާނައަށް ނުރައްކާވުން އެކަށީގެންވެއެވެ.






