ވައްކަން ކުރާ ސަރުކާރުތަކަށް ނޫނެކޭ ބުނެ، ހެޔޮ ވެރިކަމެއްގެ ބޭނުމުގައި 2023 ވަނަ އަހަރު ވެރިކަން ހަވާލު ކުރީ ރައީސް ޑރ. މުހައްމަދު މުއިއްޒުއާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
އަބްދުއްރަހީމް މިހެން ވިދާޅުވީ، ދުންފަތުން ނަގާ ޑިއުޓީ ބޮޑުކުރި ކަމުގެ ފަހަތުގައި ވައްކަން އޮތް ކަމަށް ތުހުމަތު ކުރައްވައި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްޣަފޫރު މޫސާ ދެއްކެވި ވާހަކަތަކަށް ރައްދު ދެއްވަމުންނެވެ. ވައްކަން ކުރި ސަރުކާރުތަކާ ދެކޮޅަށް ރައްޔިތުން އަމަލުކުރި ގޮތް މާޒީން ސާފުކޮށް ފެންނަން ހުރިކަމަށްވެސް ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުން ހެޔޮ ވެރިކަމެއް ގާއިމް ކުރުމަށްޓަކައި ކުރަންޖެހޭ ހުރިހާ މަސައްކަތެއް ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދެއްވި ކަމަށް ވެސް އަބްދުއްރަހީމް ވިދާޅުވިއެވެ.
މިއަދުގެ ޖަލްސާގައި ގަލޮޅު ދެކުނު ދާއިރާގެ މެންބަރު މީކާއީލް އަހުމަދު ނަސީމު ވަނީ، 20 ވަނަ ރައްޔިތުންގެ މަޖިލީހަކީ "ރަބަ ސްޓޭމްޕް" މަޖިލީހަކަށް ބަދަލުވަމުންދާ ކަމަށް ވިދާޅުވެ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. ސަރުކާރު ޖަވާބުދާރީ ކުރުވަން ކުރަންޖެހޭ މަސައްކަތްތައް ނުކޮށްފި ނަމަ 2029 ވަނަ އަހަރުގެ ސުޕަ މެޖޯރިޓީ ވެސް ގެއްލިދާނެ ކަމަށް ވިދާޅުވިއެވެ.
ނަމަވެސް ރިޔާސަތުން ވަނީ އެ ވާހަކަތަކަށް ރައްދު ދެއްވައި، ރަބަ ސްޓޭމްޕްގެ ވާހަކަ ދެއްކެވި ބޭފުޅަކީ 19 ވަނަ މަޖިލީހުގައި ވެސް ހިދުމަތް ކުރެއްވި ބޭފުޅެއްކަން ފާހަގަ ކުރައްވައި، އެ ދައުރުގައި ހިނގިކަންކަން ވަރަށް ސާފުކޮށް ތިމަން ބޭފުޅާ ހަނދާންވެ ވަޑައިގަންނަވާނެ ކަމަށް ވިދާޅުވިއެވެ.






