ނަޝީދަށް މަރުޙަބާ ދަންނަވައި، އިބޫ އެދިލެއްވީ އެންމެން ގުޅިގެން މަސައްކަތް ކުރަން

ނަޝީދަށް މަރުޙަބާ ދަންނަވައި، އިބޫ އެދިލެއްވީ އެންމެން ގުޅިގެން މަސައްކަތް ކުރަން

އެމްޑީޕީގެ އެތެރޭގެ އިންތިޚާބު ކާމިޔާބު ކުރައްވައި، އެ ޕާޓީގެ އައު ޗެއަރޕާސަނަކަށް އިންތިޚާބުވެވަޑައިގެންނެވި މުޙައްމަދު ނަޝީދަށް ކުރީގެ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ޞާލިޙް މަރުޙަބާ ދަންނަވައިފިއެވެ.

ސޯޝަލް މީޑިއާ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޞާލިޙް ވިދާޅުވީ، މިވަގުތަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށް އެމްޑީޕީން ކުރަންޖެހޭ ސިޔާސީ މަސައްކަތްތައް ވަރަށް ގިނަ ވަގުތެއް ކަމަށެވެ. އަދި އައު ޗެއަރޕާސަން މުޙައްމަދު ނަޝީދުގެ ތަޖުރިބާގެ އަލީގައި އެ މަސައްކަތްތައް ކާމިޔާބުކަމާއެކު ކުރިއަށް ގެންދަވާނެ ކަމާމެދު ޝައްކެއް ނުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މި އިންތިޚާބުގައި ނަޝީދާ ވާދަކުރެއްވި މީކާއިލް ނަސީމަށް އިޝާރާތް ކުރައްވައި ރައީސް ޞާލިޙް ވިދާޅުވީ، މީކާއިލް ކުރެއްވި މަސައްކަތްތައް ވަރަށް ކައިރިން ދެކެވަޑައިގެންނެވި ކަމަށާއި، އޭނާގެ ސިޔާސީ މުސްތަޤުބަލު ފެންނަނީ ވަރަށް އުޖާލާކޮށް ކަމަށެވެ. މީގެ އިތުރުން، މި އިންތިޚާބުން ފެނިގެންދިޔައީ އެމްޑީޕީގެ އެތެރޭގެ ޑިމޮކްރަސީ ފައްކާވެ ފުރިހަމަވަމުން އަންނަތަން ކަމަށްވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

"ޕާޓީއާއިގެން ކުރިއަށް ދާންވީ އެންމެން އެކީ،" ރައީސް ޞާލިޙްގެ ޕޯސްޓް ނިންމަވާލައްވަމުން ވިދާޅުވިއެވެ.

އިންތިޚާބުގެ ޚުލާސާ:
އެމްޑީޕީގެ 7 ވަނަ ޗެއަރޕާސަން ހޮވުމަށް ބޭއްވި މި އިންތިޚާބަކީ ވަރަށް ފޯރިއާއި ވާދަވެރިކަމާއެކު ކުރިއަށްދިޔަ އިންތިޚާބެކެވެ. ރާއްޖޭގެ އެކި ކަންކޮޅުތަކާއި ސްރީލަންކާ ހިމެނޭހެން 241 ވޯޓު މަރުކަޒެއްގައި ވޯޓުލުން ކުރިއަށްދިޔައިރު، 50,176 މެންބަރުންނަށް ވޯޓުލުމުގެ ޙައްޤު ލިބިގެންވިއެވެ.

ކުރީގެ ޗެއަރޕާސަން ފައްޔާޒް އިސްމާއިލް މަގާމުން އިސްތިއުފާ ދެއްވުމާ ގުޅިގެން، އައު ޗެއަރޕާސަނަކު އިންތިޚާބު ކުރެވެންދެން އެ މަގާމު ވަގުތީ ގޮތުން ފުރުއްވަމުން ގެންދެވީ ހަނިމާދޫ ދާއިރާގެ މެންބަރު ޢަބްދުލްޣަފޫރު މޫސާއެވެ. މި އިންތިޚާބާއެކު އެމްޑީޕީގެ ހިންގުން އައު ހަރުފަތަކަށް ގެންދިއުމަށް ޕާޓީގެ ލީޑަޝިޕުން އަންނަނީ އުންމީދު ކުރަމުންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *