ފަތުރުވެރިކަން ކުރިއެރުވުމަށް މާކެޓް ރިސާޗް ހެދުން މުހިންމު: ފިރާގު

ފަތުރުވެރިކަން ކުރިއެރުވުމަށް މާކެޓް ރިސާޗް ހެދުން މުހިންމު: ފިރާގު

ރާއްޖޭގެ ފަތުރުވެރިކަމުގެ ސިނާއަތަށް އަންނަމުންދާ ބަދަލުތަކާއި މާކެޓްގެ މިހާރުގެ ހާލަތު ދެނެގަތުމަށްޓަކައި ފުރިހަމަ ދިރާސާއެއް ކުރުން މުހިންމު ކަމަށް ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަދި އިނަރ މޯލްޑިވެސްގެ މެނޭޖިންގ ޑައިރެކްޓަރ މުހައްމަދު ފިރާގު ވިދާޅުވެއްޖެއެވެ.

ފިރާގު މިހެން ވިދާޅުވީ އޭނާގެ ފޭސްބުކް މެދުވެރިކޮށް މިއަދު ހިއްސާކުރެއްވި ޕޯސްޓެއްގައެވެ. އޭނާ ފާހަގަކުރެއްވި ގޮތުގައި، މީގެ އަހަރުތަކެއް ކުރިން ސަރުކާރުން "ވިޒިޓާ ސާވޭ" އެއް ކުރިއަށް ގެންދިޔަ ނަމަވެސް، އެ ދިރާސާގެ ދިގުމުއްދަތުގެ ފައިދާ މިއަދު ފެންނާކަށް ނެތެވެ. އަދި މީގެ ހަތަރު އަހަރު ކުރިން މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) އިން ކުރިއަށް ގެންދިޔަ "އޯވަސީސް ސްޕެންޑިންގ ސާވޭ" އަކީވެސް މިފަދަ މިސާލެއްގެ ގޮތުގައި އޭނާ ފާހަގަކުރެއްވިއެވެ.

ފިރާގު ވިދާޅުވީ، ރާއްޖެއަށް ޒިޔާރަތްކުރާ ފަތުރުވެރިންގެ އުއްމީދުތަކާއި، އެމީހުން ހޭދަކުރާ މިންވަރާއި، ދުނިޔޭގެ މާކެޓުގައި ރާއްޖޭގެ ވާދަވެރިކަން ހުރި މިންވަރު ދެނެގަތުމަށް ގަވާއިދުން މާކެޓް ރިސާޗް ހެދުމަކީ ކޮންމެހެން ބޭނުންތެރި ކަމެއް ކަމަށެވެ.

ޚާއްޞަކޮށް، ރާއްޖެއަށް ގިނަ ދުވަސްތަކެއް ވަންދެން ފަތުރުވެރިން ފޮނުވާ ބޭރުގެ ޓުއާ އޮޕަރޭޓަރުންގެ އަޑު އެހުމަކީ މުހިންމު ކަމެއްކަން އޭނާ ފާހަގަކުރެއްވިއެވެ. އެ ފަރާތްތަކުން ދޭ ހިޔާލުތަކަކީ އަބަދު ޕޮޒިޓިވް ހިޔާލުތަކަކަށް ނުވި ނަމަވެސް، އެއީ ފަތުރުވެރިކަން ކުރިއެރުވުމަށްޓަކައި ބަލައިގަންނަންޖެހޭ އަގުހުރި މައުލޫމާތުތަކެއް ކަމަށް އޭނާ ވިދާޅުވިއެވެ.

މިފަދަ ބައިނަލްއަގުވާމީ ޕާޓްނަރުންނަކީ ކޮންމެ ދުވަހަކުވެސް ރާއްޖެއާ ވާދަވެރި އެހެން މަންޒިލްތަކާ އަޅާކިޔާ ފަރާތްތަކެއްކަން ފާހަގަކުރައްވައި ފިރާގު ވިދާޅުވީ، އެމީހުންގެ ފީޑްބެކްގެ ސަބަބުން ރާއްޖެއިން ރަނގަޅަށް ކުރާ ކަންކަމާއި އިތުރަށް ރަނގަޅުކުރަންޖެހޭ ދާއިރާތައް ދެނެގަނެވޭނެ ކަމަށެވެ.

މާކެޓްގެ ސައްހަ މައުލޫމާތު ހޯދައި، އެކަންކަމަށް ފަރުވާތެރިކަމާއެކު އަޑުއަހައިގެން ފިޔަވަޅު އެޅުމަކީ ރާއްޖޭގެ ފަތުރުވެރިކަމުގެ ވާދަވެރިކަން އިތުރުކޮށް، މި ސިނާއަތް ދިގުމުއްދަތަކަށް ދެމެހެއްޓުމަށްޓަކައި ނިންމުންތައް ނިންމުމުގައި އެހީތެރިވެދޭނެ ކަމެއް ކަމަށްވެސް އޭނާގެ ޕޯސްޓުގައި ބަޔާންކުރައްވާފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *