އެމްޑީޕީ ރޫޅައެއް ނުލެވުނު، ރޫޅާލީ ދިވެހި ދައުލަތް: ސައުދު

އެމްޑީޕީ ރޫޅައެއް ނުލެވުނު، ރޫޅާލީ ދިވެހި ދައުލަތް: ސައުދު

ވިލިނގިލި ދާއިރާގެ ކުރީގެ މެންބަރު ސައުދު ޙުސައިން ވިދާޅުވީ، ސިޔާސީ ބޭނުމަކަށްޓަކައި ޕާޓީއެއް ރޫޅާލުމަށް ކުރި މަސައްކަތުން ހަގީގަތުގައި ރޫޅިގެން ދިޔައީ ދިވެހި ދައުލަތް ކަމަށެވެ.

ސައުދު މިހެން ވިދާޅުވީ ރޭ އާޓިފިޝަލް ބީޗުގައި އޮތް މީކާއީލް އަހުމަދު ނަސީމްގެ ކެމްޕޭން ނިންމުމުގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ.

ސައުދު ފާހަގަކުރެއްވި ގޮތުގައި، އެމްޑީޕީ ރޫޅާލުމަށް ބަޔަކު ކުރި މަސައްކަތުގެ ސަބަބުން މިއަދު އޭގެ ނިކަމެތިކަން ލިބެމުން ދަނީ ހަމައެކަނި އެ ޕާޓީގެ މެންބަރުންނަކަށް ނޫނެވެ. އޭގެ ބަދަލުގައި، މުޅި ދިވެހި އުންމަތަށް އެކަމުގެ ނޭދެވޭ އަސަރު ފޯރަމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕާޓީއެއް ރޫޅާނުލެވުނު. ރޫޅާލީ ދިވެހި ދައުލަތް. މިއަދު އޭގެ ނިކަމެތިކަން މިލިބެނީ ހަމައެކަނި އެމްޑީޕީ މެންބަރުންނަކަށް ނޫން. މުޅި ދިވެހި އުންމަތަށް،" ސައުދު ވިދާޅުވިއެވެ.

ސައުދުގެ ވާހަކަފުޅުގައި އިޝާރާތް ކުރެއްވީ، ރާއްޖޭގެ ސިޔާސީ މަޝްރަހަށް އައި ބަދަލުތަކާއި، އޭގެ ސަބަބުން ދައުލަތުގެ ނިޒާމަށް ލިބުނު ލޮޅުންތަކަށެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި ސިޔާސީ ގޮތުން ނިންމާ މިފަދަ ނިންމުންތަކުގެ ނަތީޖާ މުޅި ރާއްޖޭގެ ރައްޔިތުންނަށް އުފުލަން ޖެހުމަކީ ހިތާމަވެރި ކަމެކެވެ.

ސައުދު ވަނީ ގައުމުގެ މިހާރުގެ ހާލަތާ މެދު ކަންބޮޑުވުން ފާޅުކުރައްވައި، މިއީ ހުރިހާ ދިވެހިންނަށްވެސް އޭގެ އަސަރު ކުރާނެ ކަމެއްކަން ހަނދާން ކޮށްދެއްވާފައެވެ.

ޖޫން 12 ވަނަ ދުވަހު ބާއްވާ އެމްޑީޕީގެ ޗެއާޕާސަންގެ އިންތިހާބުގައި މީކާއީލްއާ ވާދަ ކުރައްވަނީ ކުރިން އެމްޑީޕީގެ ޗެއާޕާސަން ކަމާއި ޕާޓީގެ ރައީސް ކަމާއި ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ރައީސްކަން ކުރެއްވި މުހައްމަދު ނަޝީދެވެ.

އެމްޑީޕީގެ ރައީސްގެ މަގާމުގައި ހުންނެވުމަށްފަހު ނަޝީދު އެ ޕާޓީން ވަކިވެވަޑައިގެންނެވީ ރައީސް ސޯލިހާ ޖެހުނު ސިޔާސީ މައްސަލަ ހައްލުނުވެ ދިގުލައިގެން ގޮސް ޖޫން 21، 2023 ގަ އެވެ. އެއިރު އެމަނިކުފާނުގެ އަރިސް ބޭފުޅުން އެމްޑީޕީން ވަކިވެ ޑިމޮކްރެޓްސް އުފެއްދުމުގެ މަސައްކަތް ކުރެއްވިއެވެ. އެމަނިކުފާނު ޑިމޮކްރެޓްސްއާ ގުޅިވަަޑައިގަތީ ޖުލައި 13، 2023 ގަ އެވެ. ނަޝީދު އަލުން އެމްޑީޕީއާ ގުޅިވަޑައިގަތީ މިދިޔަ އަހަރުގެ ޖޫން މަހު އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *