އެމެރިކާގެ އައިޑަހޯއަށް ނިސްބަތްވާ، ގިނަ ގިނަ ގިނިސް ވޯލްޑް ރެކޯޑުތަކެއްގެ ވެރިޔާ ޑޭވިޑް ރަޝް، އަނެއްކާވެސް އާ ރެކޯޑަކާއެކު އޭނާގެ ނަން ތާރީޚުގެ ތެރެއަށް ވަދެފިއެވެ.
މިފަހަރުގެ ރެކޯޑަކީ 5 ބެލޫން ވައިގެ ތެރޭގައި 1 މިނެޓަށް ވުރެ ދިގު މުއްދަތަކަށް ހިފަހައްޓައިގެން ހެދި ރެކޯޑެކެވެ. ރަޝް ބުނާ ގޮތުގައި، މި މަސައްކަތަކީ އާންމުކޮށް އޭނާ ކުރާ "ޖަގްލިން" ކުރުމަށްވުރެވެސް އުނދަގޫ ކަމެކެވެ.
"ޖަގްލިންގްގައި ބޭނުންކުރާ ބޯޅަތައް ދަތުރުކުރާނެ މިސްރާބު އެނގޭނެ. އެކަމަކު ބެލޫންތަކަކީ ވަރަށް ހަލަބޮލި އެއްޗެހި. އެތަކެތި ދުވާ ގޮތާއި، އެކަތި އަނެކެއްޗާ ޖެހޭ ގޮތުން، ފަސް ބެލޫން އެއްފަހަރާ ކޮންޓްރޯލްކުރުމަކީ މުސްތަހީލު ކަމެއް،" ރަޝް ބުންޏެވެ.
މި ރެކޯޑު ހާސިލު ކުރުމަށް ރަޝް 17 ފަހަރު މަސައްކަތް ކުރަން ޖެހުނެވެ. އެންމެ ފަހުން ވެސްޓް ބޮއިޒީ ވައިއެމްސީއޭ ގައި ކުރި މަސައްކަތުން، އޭނާ ވަނީ 1 މިނެޓާއި 14.89 ސިކުންތު ވަންދެން ބެލޫންތައް ބިންމައްޗަށް ނުޖައްސާ ވައިގެ ތެރޭގައި ބަހައްޓައިދީފައެވެ.
މި ރެކޯޑާ ބެހޭގޮތުން ވާހަކަ ދައްކަމުން ރަޝް ބުނީ، "ފެންނަން ފަސޭހަ ކަންތައްތަކަކީ ބައެއް ފަހަރު އެންމެ ބުރަ މަސައްކަތްތައް. މިއީ ހަމަ އެފަދަ ކަމެއް،" ކަމަށެވެ.
ޑޭވިޑް ރަޝްއަކީ މީގެ ކުރިންވެސް ބެލޫން ޖަގްލިންގްގެ ދެ މީހުންގެ ބައިން 16 މިނެޓާއި 25 ސިކުންތުގެ ރެކޯޑެއް ހަދާފައިވާ މީހެކެވެ.





