ޕާކިސްތާނުން ރާއްޖެއަށް ޒައިތޫނު ގަހުގެ 100,000 ގޮއްޕާއި ތަފާތު ގަސްގަހާގެހީގެ 100,000 އޮށް ފޯރުކޮށްދޭނެ ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފު ވިދާޅުވެއްޖެ އެވެ.
ޕާކިސްތާނުގެ ބޮޑުވަޒީރު އެކަން އިއުލާން ކުރެއްވީ, ރައީސް ޑރ. މުހައްމަދު މުއިއްޒު, ޕާކިސްތާނަށް ކުރައްވަމުން ގެންދަވާ ފުރަމާނަ ދަތުރުފުޅުގެ ތެރެއިން, އެ މަނިކުފާނާއެކު ބޭއްވެވި ރަސްމީ މަޝްވަރާތަކަށްފަހު, ގުޅިގެން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
ޝެހެބާޒް ވިދާޅުވީ, އެ ގަސްތައް ހަދިޔާކުރަން ނިންމާފައިވަނީ ތިމާވެށީގެ ދާއިރާއިން އެއްބާރުލުން ދިނުމުގެ ގޮތުންނާއި ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމަށް ފަށާފައިވާ މަޝްރޫއުއަށް އެއްބާރުލުން ދިނުމުގެ ގޮތުން ކަމަށެވެ.
ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމަކީ ރާއްޖޭގެ ރީތިކަން ދިރުވައި, ތިމާވެށި ހިމާޔަތްކުރުމަށް ސަރުކާރުން ކުރިއަށް ގެންދާ އެންމެ ބޮޑު އެއް މަޝްރޫއެވެ. ރައީސް މުއިއްޒު އެ ޕްރޮގްރާމް ރަސްމީކޮށް ފައްޓަވައިދެއްވީ ދުނިޔޭގެ ތިމާވެށީގެ ދުވަހާ ދިމާކޮށް ޖޫން 2024 ގައެވެ.





