ބެލްކަނިތަކަށް ޖަމާވާ ކޮތަރުތަކުގެ އުނދަގުލަކީ ގިނަ ބަޔަކު ތަހައްމަލުކުރާ ބޮޑު މައްސަލައެކެވެ. މީގެ ކުރިން ބޭނުން ކުރި ޕްލާސްޓިކް ބަކަމޫނުތަކާއި ދަންތުރަތައް ކޮތަރު ތަކުން މިހާރު ވަނީ ވަރަށް ރަނގަޅަށް ދަސްކޮށްފައެވެ. ނަމަވެސް، ޓެކްނޮލޮޖީގެ ބޭނުން ކޮށްގެން މީހަކު ވަނީ މިއަށް ވަރަށް އާދަޔާހިލާފު ހައްލެއް ހޯދާފައެވެ.
މި ނިޒާމު އެކުލެވިގެން ވަނީ ވަރަށް އާދައިގެ ސާމާނުތަކެއްގެ މައްޗަށެވެ. މި ސޮފްޓްވެއާ ހާއްސަވެފައި ވަނީ ހަމައެކަނި ކޮތަރުތައް ދެނެގަތުމަށެވެ. ކެމެރާގެ ކުރިމަތިން އެހެން ދޫންޏެއް ނުވަތަ ބުޅަލެއް ދިޔަ ނަމަވެސް، މި ސިސްޓަމް ހަމަހިމޭނުން އޮވެއެވެ. ނަމަވެސް ކޮތަރެއް ފެނުމާއެކު، ސާވޯ މޯޓަރުތަކުގެ އެހީގައި ފެން ބަޑި އެ ކޮތަރަކަށް އަމާޒުކޮށް، ފެން ޖަހައި އެ ސަރަހައްދުން ފައްސައިލައެވެ.
މި އީޖާދީ މަސައްކަތް ފެނިގެން ދިޔައީ މިއަހަރުގެ އެޕްރީލް މަހުގެ ތެރޭގައި އިންޓަނެޓްގެ ޕްލެޓްފޯމެއް ކަމަށްވާ 'ރެޑިޓް' މެދުވެރިކޮށެވެ. މިއީ ކޮންމެވެސް އެކަކު އަމިއްލަ ދިރިއުޅުމުގެ މައްސަލައަކަށް ހޯދި ހައްލެކެވެ.
މިއީ ހަމައެކަނި ކޮތަރު ފައްސާލުމަށް އުފެއްދި އެއްޗަކަށް ވުރެ ބޮޑަށް، އާޓިފިޝަލް އިންޓެލިޖެންސް އިން އާދައިގެ ދިރިއުޅުމުގެ ކަންކަމަށް ކިހާ ބޮޑު ކުރިއެރުމެއް ގެނެވިދާނެކަން ސާބިތުކޮށްދޭ މިސާލެކެވެ. ގިނަ ބަޔަކު މިހާރު ދަނީ މިފަދަ ނިޒާމެއް ގަނެވޭނެ ގޮތެއް އޮތްތޯ ސުވާލު ކުރަމުންނެވެ.





