ސަޢޫދީ ޢަރަބިއްޔާގެ ޤާނޫނު ހަދާ މަޖިލިސް، ޝޫރާ ކައުންސިލްގެ ރައީސް، އޮނަރަބަލް ޑޮކްޓަރ ޢަބްދުﷲ މުޙައްމަދު އިބްރާހީމް އަލްޝައިޚް، ރައްޔިތުންގެ މަޖިލީހުގެ ރައީސް، އޮނަރަބަލް ޢަބްދުއްރަޙީމް ޢަބްދުﷲގެ އަރިހަށް އިޙްތިރާމްގެ ޒިޔާރަތެއް ކުރައްވައިފިއެވެ.
މި ބައްދަލު ކުރެއްވުން އޮތީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގައެވެ. މި ޒިޔާރަތަކީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ އަޚުވަންތަ ގުޅުން އިތުރަށް ބަދަހިކުރުމަށާއި، ޚާއްޞަކޮށް ދެ ޤައުމުގެ ޤާނޫނު ހަދާ މަޖިލީހުގެ ދެމެދުގައި އޮންނަ ތަޢާވުން ވަރުގަދަކުރުމުގެ މަޤްޞަދުގައި ކުރެއްވި ޒިޔާރަތެކެވެ.
މި ބައްދަލު ކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވަނީ ސަޢޫދީ ޝޫރާ ކައުންސިލްގެ ރައީސަށާއި އެމަނިކުފާނުގެ އަރިހުގައި ވަޑައިގެންނެވި ވަފުދުގެ ބޭފުޅުންނަށް ވަރަށް ހޫނު މަރުޙަބާއެއް ދަންނަވާފައެވެ. މަޖިލީހުގެ ރައީސްގެ ވާހަކަފުޅުގައި، ސަޢޫދީ ޢަރަބިއްޔާއަކީ ރާއްޖޭގެ ތަރައްޤީގެ މުހިންމު ބައިވެރިއެއްކަން ފާހަގަކުރައްވައި، އެ ޤައުމުން ރާއްޖެއަށް ދެމުންދާ އެހީތެރިކަމަށްޓަކައި ޝުކުރު އަދާކުރެއްވިއެވެ.
ސަޢޫދީ ޝޫރާ ކައުންސިލްގެ ރައީސް ޑޮކްޓަރ ޢަބްދުﷲ މުޙައްމަދު އިބްރާހީމް އަލްޝައިޚް ދެއްކެވި ވާހަކަފުޅުގައި، ރާއްޖެއާއެކު އޮންނަ ގުޅުމަށް ސަޢޫދީ ޢަރަބިއްޔާއިން ދޭ އަހައްމިއްޔަތުކަން ފާހަގަކުރެއްވިއެވެ. އަދި ދެ ޤައުމުގެ މަޖިލީހުގެ ދެމެދުގައި ތަޖުރިބާ ޙިއްޞާކުރުމާއި، ބައިނަލްއަޤްވާމީ މައިދާންތަކުގައި ގުޅިގެން މަސައްކަތްކުރުމާ ގުޅޭގޮތުން ދެ ބޭފުޅުން ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުންނާއި، މަޖިލީހުގެ އިދާރާގެ އިސް ބޭފުޅުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ޒިޔާރަތުގެ ސަބަބުން ދެ ޤައުމުގެ ދެމެދުގައި އޮތް ދީނީ، ސަގާފީ އަދި ސިޔާސީ ގުޅުން އައު އުސްމިންތަކަކަށް ވާސިލުވެގެންދާނެ ކަމަށް ބެލެވެއެވެ.





