ކުރީގެ ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާފައިވާ ބޭފުޅުންނަށް ދައުލަތުން ދެމުންދާ އިނާޔަތްތަކާއި ރައްކާތެރިކަން މުރާޖާ ކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެންބަރު މުހައްމަދު އިސްމާއީލް ވިދާޅުވުމާ ގުޅިގެން، ވެލިދޫ ދާއިރާގެ މެންބަރު މުހައްމަދު އައްބާސް އޭނާއަށް ވަރުގަދަ ރައްދެއް ދެއްވައިފިއެވެ.
މި މައްސަލައިގައި މުހައްމަދު އިސްމާއީލް ދެއްކެވި ވާހަކަ ތަކަށް ފާޑުވިދާޅުވަމުން އައްބާސް ވަނީ، ދައުލަތަށް އެތަކެއް ހިދުމަތްތަކެއް ކޮށްދެއްވި ކުރީގެ ރައީސުންނަށް ދޭ އިނާޔަތް ކަނޑާލަން ގޮވާލާއިރު، މިހާރު ހުންނެވި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒަށް ދެން ވާނީ ކިހިނެއްތޯ ސުވާލު އުފައްދަވާފައެވެ. އަދި މިހާރު ހުރި ރައީސާ މެދު ދެން ކަންތައް ވެގެންދާނެ ގޮތަކާމެދު ފުންކޮށް ވިސްނާލުން ބުއްދިވެރިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އައްބާސް އިތުރަށް ވިދާޅުވީ، މަޖިލީހުގެ މެޖޯރިޓީ ލިބުމަކީ އެއިރަކު ވެރިކަމުގައި އޮންނަ ބަޔަކު ދެއިރު ދެދަޅައަށް ބޭނުންހާ ގޮތަކަށް، ނުވަތަ ވަކި މީހަކަށް ހިތު ހުރިހާ ގޮތެއް ހެދުމަށް ޤާނޫނުއަސާސީއަށް ބަދަލު ގެންނަންޖެހޭ ކަމެއް ނޫން ކަމަށެވެ. އަދި ތިމާމެން ބޭނުންހާ މީހަކަށް ބޭނުން ގޮތެއް ހަދާނަމޭ ހިތަށް އަރުވާއިރު ތިމާމެންނާ ޤާނޫނު އަރާ ހަމަ ކުރާނެކަން ދަންނަންވާނެ ކަމަށާއި ތިމާމެންނަށް ހެޔޮ ވެރިކަން ކުރަން ނޭގުމަކީ ކުރީގެ ރައީސުންނާއި ތިމާމެން ނުރުހޭ ކޮންމެ މީހަކަށް ގޯނާ ކުރުންތޯ އޭނާ ސުވާލު ކުރައްވާފައެވެ.





