ކުރީގެ ރައީސުންގެ އިނާޔަތްތައް މުރާޖާ ކުރަންޖެހޭ: މުހައްމަދު

ކުރީގެ ރައީސުންގެ އިނާޔަތްތައް މުރާޖާ ކުރަންޖެހޭ: މުހައްމަދު

ކުރީގެ ރައީސުންނަށް ދައުލަތުން ދެމުންދާ އިނާޔަތްތަކާއި ރައްކާތެރިކަން އަލުން މުރާޖާކުރަންޖެހޭ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލިމާލޭ ދާއިރާގެ މެމްބަރު މުހައްމަދު އިސްމާއީލް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ ޕާލަމެންޓްރީ ގްރޫޕްގެ ޑެޕިއުޓީ ޕީޖީ ލީޑަރު މިފަދައިން ވިދާޅުވެފައިވަނީ، ކުރީގެ ތިން ރައީސުން ކަމަށްވާ މުހައްމަދު ނަޝީދާއި، އިބްރާހިމް މުހައްމަދު ސޯލިހްގެ އިތުރުން އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް ބޭއްވެވި ބައްދަލުވުމަކަށް ފަހު، ގައުމު ހަމަމަގަށް އެޅުވުމަށް ސަރުކާރަށް ޑިމާންޑުތަކެއް ކުރައްވައި މާލޭގެ މަގުތަކަށް ނުކުންނަވައި ފުލުހުންގެ ސަފުތައް ފަޅާލި މައްސަލައިގައި އެ ބޭފުޅުންނަށް ފާޑުކިޔުން ބޮޑުވެފައިވާ ދަނޑިވަޅެއްގައެވެ.

މުޒާހަރާގެ ތެރެއިން އެމްޑީޕީއާއި ޕީއެންއެފުން ފުލުހުންގެ ދައުރަށް ހުރަސްއަޅަމުންދިޔަ މަންޒަރު ފެންނަ ވީޑިއޯއަކާއެކު "އެކްސް" ގައި ކުރެއްވި ޕޯސްޓެއްގައި މުހައްމަދު އިސްމާއީލް ވިދާޅުވީ، ކުރީގެ ރައީސުންނަށް ދައުލަތުން އިނާޔަތާއި ސަލާމަތާއި ރައްކާތެރިކަން ދެނީ ދައުލަތުގެ އެންމެ މަތީ ވެރިޔާގެ މަގާމު އަދާކުރައްވާފައިވާތީ، ޝަރަފްވެރިކަމާއެކު ދިރިއުޅެވޭނެ މަގު ތަނަވަސްކޮށްދިނުމަށް ކަމަށް ގާނޫނުގައި ބަޔާންކޮށްފައިވާ ކަމަށެވެ.

ނަމަވެސް، މިހާރު ފެންނަމުންދަނީ އާންމު އިޖުތިމާއީ މިންގަނޑުތަކާ ހިލާފަށް، ތަކުރާރުކޮށް އެކި ސިފަސިފައިގައި ރައްޔިތުންގެ ތެރެއިން މަދު ބަޔަކު މާލޭގެ މަގުތަކަށް ނެރެ، ބައިބައިކޮށް ފިތުނަވެރިކުރުވަން މަސައްކަތްކުރާ މަންޒަރު ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.

މެމްބަރު އިތުރަށް ވިދާޅުވީ، މިފަދަ އަމަލުތަކަކީ ބަލައިގަނެވޭނެ ކަންކަމެއް ނޫން ކަމަށާއި، ރާއްޖޭގެ މުޖުތަމައުގައި އިޖުތިމާއީ އަދާލަތު ނަގަހައްޓާ ދެމެހެއްޓުމަކީ އެންމެންގެ މައްޗަށް އޮތް ޒިންމާއެއް ކަމަށެވެ. އެހެންކަމުން، ކުރީގެ ރައީސުންގެ އަމަލުތައް ހުރިގޮތުން އެ ބޭފުޅުންނަށް ދޭ އިނާޔަތްތަކާއި ރައްކާތެރިކަން އަލުން މުރާޖާ ކުރަންޖެހޭ ކަމަށް ދެކިވަޑައިގަންނަވާ ކަމަށް އޭނާ ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *