12 ވަނަ ގަރުނުގެ މަޝްހޫރު އިންޖިނިއަރު، ސައިންސްވެރިޔާ އަދި އީޖާދުވެރިޔާ އިސްމާޢީލް އަލް-ޖަޒަރީ އަކީ ޒަމާނީ ރޮބޮޓިކްސް، ހައިޑްރޯލިކް އިންޖިނިއަރިންގ އަދި ގަޑި އުފެއްދުމުގެ ދާއިރާއަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދެއްވި މުހިންމު ޝަޚްޞިއްޔަތެކެވެ. އޭނާގެ އީޖާދުތަކަކީ މިއަދުގެ މެކޭނިކަލް އިންޖިނިއަރިންގގެ މައިގަނޑު އަސާސްތަކެވެ.
އަލް-ޖަޒަރީ އުފަންވެވަޑައިގަތީ މީލާދީން 1136 ވަނަ އަހަރު، މިހާރުގެ ތުރުކީގެ ދެކުނުގައި އޮންނަ ޖަޒީރާ (ސިޒްރޭ) ސަރަހައްދަށެވެ. އޭނާ އަވަހާރަވީ މީލާދީން 1206 ވަނަ އަހަރުގައެވެ.
އޭނާގެ ފުރިހަމަ ނަންފުޅަކީ ބަދީޢުއްޒަމާން އަބޫ އަލް-ޢިއްޒު އިސްމާޢީލް އިބްނު އަލް-ރައްޒާޒް އަލް-ޖަޒަރީއެވެ. އޭނާގެ އަމިއްލަ ދިރިއުޅުމާ ބެހޭގޮތުން ތާރީޚީ ފޮތްތަކުގައި ވަރަށް މަދުން ނޫނީ މަޢުލޫމާތު ލިޔެވިފައެއް ނުވެއެވެ. ނަމަވެސް އެނގޭ ގޮތުގައި، އޭނާގެ ބައްޕަ ފަދައިން، އާރްތުޤިޑް ދަރިކޮޅުގެ ރަސްކަމުގެ ގަނޑުވަރުގެ އިސް އިންޖިނިއަރެއްގެ މަޤާމުގައި 25 އަހަރަށްވުރެ ގިނަ ދުވަހު އޭނާ ޚިދުމަތް ކުރެއްވިއެވެ. އޭނާއަކީ އިސްލާމީ ރަންޒަމާނުގައި އުޅުއްވި، ތޫނުފިލާ އަދި އަތްތެރި މަސައްކަތަށް ނުހަނު ކުޅަދާނަ ބޭފުޅެކެވެ.
އަލް-ޖަޒަރީ ވަނީ މެކޭނިކަލް އިންޖިނިއަރިންގ އަށް އޭގެ ކުރިން ދުވަހަކުވެސް ނުދެކޭފަދަ ކުރިއެރުންތަކެއް ގެނެސްދެއްވާފައެވެ. އޭނާ އީޖާދުކުރެއްވި ކްރޭންކްޝާފްޓް އާއި ކޭމްޝާފްޓް މެކޭނިޒަމް އަކީ ވަށައިގެން އެނބުރޭ ހަރަކާތް ސީދާ ރޮނގަކަށްވާ ހަރަކާތަކަށް ބަދަލުކޮށްދޭ ނިޒާމެކެވެ. މިއީ މިއަދުގެ ކާރުތަކާއި، އިންޖީނުތަކާއި، ޕަމްޕުތަކުގައިވެސް ބޭނުންކުރާ މައިގަނޑު އުސޫލެވެ. މީގެ އިތުރުން ސެގްމެންޓަލް ގިއަރުތަކާއި، ފެނުގެ ބާރުން އަމިއްލައަށް މަސައްކަތްކުރާ (އޮޓޮމެޓިކް) މެޝިންތަކުގެ އަސާސްތައް އެކުލަވާލެއްވީވެސް އޭނާއެވެ
އަލް-ޖަޒަރީގެ އެންމެ ފާހަގަކޮށްލެވޭ މަސައްކަތަކީ އޭނާ އަވަހާރަވި އަހަރު ކަމަށްވާ 1206 ވަނަ އަހަރު ލިޔުއްވި ފޮތް ކަމަށްވާ "ދަ ބުކް އޮފް ނޮލެޖް އޮފް އިންޖީނިއަސް މެކޭނިކަލް ޑިވައިސަސް" އެވެ. މި ފޮތުގައި 100 އަށްވުރެ ގިނަ އޮޓޮމެޓިކް މެޝިނާއި އެތަކެތި ހަދާނެ ގޮތުގެ ތަފްޞީލު، ކުލަ ކުރެހުންތަކާއެކު ހިމަނާފައިވެއެވެ.
އެލިފަންޓް ކްލޮކް (އެތުގެ ގަޑި): މިއީ އެކި ސަގާފަތްތައް (އިންޑިއާ، މިޞްރު، ޗައިނާ އަދި ޢަރަބި) ރަމްޒުކޮށްދޭ ގޮތަށް ފެނުން މަސައްކަތްކުރާ ވަރަށް ފުރިހަމަ ގަޑިއެކެވެ. މިއީ ވަގުތު ބެލުމަށް ބޭނުންކުރި އިންގިލާބީ އުފެއްދުމެކެވެ.
ކާސްޓަލް ކްލޮކް: މިއީ ފެނުގެ ބާރުން މަސައްކަތްކުރާ އެސްޓްރޮނޮމިކަލް ގަޑިއެކެވެ. މީގައި އޮޓޮމެޓިކުން މިއުޒިކް ކުޅޭ ބައިތަކާއި، އިރުމަތީގެ ބައްޓަންތައް ހިމެނެއެވެ. މިއީ ކުރީގެ "އެނަލޮގް ކޮމްޕިއުޓަރެއް" ގެ ގޮތުގައިވެސް ބެލެވެއެވެ.
ފެން ނަގާ މެޝިންތައް: ކޯރުތަކުން ފެން ނެގުމަށް ބޭނުންކުރާ އޮޓޮމެޓިކް ޕަމްޕުތަކާއި މެޝިންތައް. މީގެ ސަބަބުން ދަނޑުވެރިކަމަށް ބޮޑު ފަސޭހައެއް ލިބުނެވެ.
ރޮބޮޓިކް ބޭންޑް އަދި ވެއިޓަރުން: މިއުޒިކް ކުޅުމަށާއި، އަތްދޮވުމަށް ފެން އަޅައިދިނުމަށާއި، ބުއިންތައް އަޅައިދިނުމަށް އުފެއްދި ޕްރޮގްރާމް ކުރެވޭ އޮޓޮމެޓިކް ރޮބޮޓްތައް. މިއީ ތާރީޚުގައިވެސް ފެންނަން ހުރި ފުރަތަމަ ރޮބޮޓްތަކުގެ ތެރޭގައި ހިމެނޭ ތަކެއްޗެވެ.
އަލް-ޖަޒަރީގެ މަސައްކަތްތަކަކީ ޔޫރަޕުގެ ރެނެސާންސް އައުމުގެ އެތައް ގަރުނެއް ކުރިން އުފަންވި އީޖާދުތަކެކެވެ. ލިއޮނާޑޯ ޑާ ވިންޗީ ފަދަ ޔޫރަޕުގެ މަޝްހޫރު ސައިންސްވެރިންނަށްވެސް އަލް-ޖަޒަރީގެ މެކޭނިކަލް ޑިޒައިންތަކުގެ ނުފޫޒު ފޯރާފައިވާކަމަށް ތާރީޚު ދިރާސާކުރާ ފަރާތްތަކުން ޤަބޫލުކުރެއެވެ.
އޭނާއަކީ ހަމައެކަނި ޚިޔާލީ ތިއަރީތަކެއް ލިޔުއްވި ބޭފުޅެއް ނޫނެވެ؛ އޭނާއަކީ އެ ތިއަރީތައް އަމަލީ ގޮތުން ސާބިތުކޮށްދެއްވި ހުނަރުވެރި އިންޖިނިއަރެކެވެ. މިއަދު އަޅުގަނޑުމެން މި ދެކޭ ރޮބޮޓިކްސް އާއި، އޮޓޮމޭޝަން އަދި މެކޭނިކަލް އިންޖިނިއަރިންގގެ ބިންގާ އެޅުއްވީ ފަޚުރުވެރި އިސްމާޢީލް އަލް-ޖަޒަރީ އެވެ. ކޯސަސް ފަދަ ޕްރޮގްރާމްތަކުން އޭނާގެ ތާރީޚު ކިޔަވައިދޭއިރު، އެއިން ސާބިތުވަނީ އޭނާގެ އީޖާދުތަކުގެ އަސަރު މިއަދާ ހަމައަށްވެސް ދެމިއޮތް ކަމެވެ





