ކުރީގެ ތިން ރައީސުންނަށް: ތިއީ ހުސް ފެއިލްވެފައި ތިބި މީހުން: ރައީސް މުއިއްޒު

ކުރީގެ ތިން ރައީސުންނަށް: ތިއީ ހުސް ފެއިލްވެފައި ތިބި މީހުން: ރައީސް މުއިއްޒު

ނޫސްވެރިކަމުގެ މިނިވަންކަމުގެ ދިފާއުގައި ކަމަށް ވިދާޅުވެ ކުރީގެ ތިން ރައީސުން ކަމަށްވާ މުޙައްމަދު ނަޝީދާއި ޢަބްދުﷲ ޔާމީނާއި އިބްރާހީމް މުޙައްމަދު ޞާލިޙު ގުޅިގެން ނުކުންނެވުމަށް ނިންމެވުމާ ގުޅިގެން، ރައީސް ޑރ. މުޙައްމަދު މުޢިއްޒު ރޭ ޕީއެންސީ ހަރުގޭގައި ބޭއްވި ޖަލްސާގައި އެ ބޭފުޅުންނަށް ވަރުގަދަ ބަހުގެ ހަމަލާތަކެއް ދެއްވައިފިއެވެ.

"އަދަދު" ނޫހުގެ ދެ ނޫސްވެރިއެއްގެ މައްޗަށް ދައުވާކޮށް، އިތުރު ދެ ނޫސްވެރިއަކު ޖަލަށްލުމަށް ކްރިމިނަލް ކޯޓުން ހުކުމް ކޮށްފައިވާތީ ނޫސްވެރިންގެ ދިފާއުގައި ކަމަށް ވިދާޅުވެ، ކުރީގެ ތިން ރައީސުން ގުޅިގެން މަސައްކަތް ކުރައްވަން ވަނީ ނިންމަވައިފައެވެ. އެ ބޭފުޅުންގެ ފުރަތަމަ ބައްދަލުވުން މާދަމާރޭ ބޭއްވުމަށް ވެސް ވަނީ ތާވަލުކޮށްފައެވެ.

ޕީއެންސީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ޑރ. މުޢިއްޒު ވިދާޅުވީ ސަރުކާރުގެ ސިޔާސަތުތަކަށް ދޭނެ ޖަވާބެއް އިދިކޮޅުގައި ނެތް ކަމަށާއި ރައްޔިތުންނަށް ދައްކާނެ ދަދީލެއްވެސް ނެތް ކަމަށެވެ.

ރާއްޖޭގައި ޒިންމާދާރު އިދިކޮޅު ފަރާތްތަކެއް ނެތުމަކީ ހަގީގަތެއް ކަމަށާއި "ބަތް ކައްކާ ކުޅޭ" އަދި "ދެއުޅިއެއް ނުވާ" ފަރާތްތައް އިދިކޮޅުގައި ތިބެގެން ގައުމަށް ވާނެ ފައިދާއެއް ނެތް ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.

"އެކަކު އަނެކަކުގެ ކަރުގައި ހިފައިގެން ތިބި، އެކަކު އަނެކަކުގެ ބުރަކައްޓަށް ވަޅި ޖަހާފައި ތިބި ފަރާތްތަކެއް އެއްވެގެން ގައުމޭ ކިޔައިގެން ވާހަކަ ދައްކަވާއިރު، ހުސް ފެއިލިއަރުން މިތިބީ. ހުސް ފެއިލިއަރުން ނުކުމެ ގައުމުގެ ވާހަކަ ދެއްކީމަ ޒުވާން ކުދިން ތިބޭނީ ޑިޕްރެސްވެފައި،" ރައީސް ޑރ. މުޢިއްޒު ވިދާޅުވިއެވެ.

ކުރީގެ ވެރިކަންތަކުގެ ރެކޯޑަށްވެސް ރައީސް ފާޑުވިދާޅުވިއެވެ. އެ ގޮތުން ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ތަރައްގީގެ މަޝްރޫއުތައް ހިންގެވި ނަމަވެސް ކޮރަޕްޝަނާއި އަނިޔާވެރިކަން އޮތް ކަމަށާއި ސިޔާސީ ހުރިހާ ވެރިން ޖަލުގައި ބޭއްވެވި ކަމަށް ވިދާޅުވިއެވެ.

އަދި ކޮވިޑް ދުވަސްވަރު ހިނގި ވެންޓިލޭޓަރުގެ ވައްކަމާއި އެމްއެމްޕީއާރުސީގެ ޚިޔާނާތް ތަހުގީގުކޮށް އަދަބު ދެއްވާނެ ކަމަށް އުންމީދު ކުރައްވާ ކަމަށްވެސް ވިދާޅުވިއެވެ.

ރައީސް ވަނީ ބަޔަކު ދައްކާ ވާހަކައެއް އަޑުއެހުމުގެ ބަދަލުގައި ރައްޔިތުން އަމިއްލަ ސިކުނޑިން ވިސްނުމަށް އެދިވަޑައިގެންފައެވެ. ކުރީގެ ތިން ރައީސުންގެ ފުރަތަމަ ބައްދަލުވުން މިރެއަށް ތާވަލު ކުރެވިފައިވާއިރު، ސިޔާސީ މަސްރަހުގައި މި ކޯޅުން ކުރިއަށް އޮތް ދުވަސް ތަކުގައި އިތުރަށް ހޫނުވެގެން ދިއުމަކީ އެކަށީގެންވާ ކަމެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *