އިނގިރޭސިވިލާތުގައި ބޭއްވި ލޯކަލް އިންތިޚާބުތަކުގައި ވެރިކަން ކުރާ ލޭބާ ޕާޓީއަށް ބޮޑު ނާކާމިޔާބެއް ކުރިމަތިވެފައިވާ ވަގުތެއްގައި، ބޮޑު ވަޒީރު ކިއާ ސްޓާމާ މަގާމުން އިސްތިއުފާ ދެއްވުމަށް ދެކޮޅު ހައްދަވައިފިއެވެ.
27 އަހަރު ވަންދެން ލޭބާ ޕާޓީ ވޭލްސްގައި ހިންގަމުން ދިޔަ ވެރިކަން ގެއްލިގެން ދިއުމަކީ، ހިތްދަތި ބައްޔެކެވެ. ވޭލްސްގައި ޕްލައިޑް ސިމްރީ ވެފައިވަނީ އެންމެ ބޮޑު ޕާޓީ އަށެވެ. ސްކޮޓްލެންޑްގައި އެންއެސްޕީ ވަނީ ކުރި ހޯދާފައި ނަމަވެސް، ބޮޑު މެޖޯރިޓީއެއް ހޯދާފައި ނުވެއެވެ.
ނިގެލް ފަރާޖްގެ ރިފޯމް ޔޫކޭ ވަނީ 1400 އަށް ވުރެ ގިނަ ކައުންސިލް ގޮނޑި ހޯދައިފައެވެ. ބީބީސީގެ ތަޖުރިބާކާރުން ލަފާ ކުރާ ގޮތުގައި 26 އިންސައްތައާ އެކު، ގައުމީ ފެންވަރުގައި ރިފޯމް ޔޫކޭ ވަނީ ކުރި ހޯދާފައެވެ. ގްރީން ޕާޓީ 18 އިންސައްތައާ އެކު ދެ ވަނައިގައި ވާއިރު، ކޮންސަވޭޓިވް ޕާޓީއަށް ލިބިފައިވަނީ 17 އިންސައްތައެވެ.
ލޭބާ ޕާޓީގެ 22 މެންބަރަކު ހުކުރު ދުވަހު ސްޓާމާ އިސްތިއުފާ ދެއްވުމަށް ގޮވާލެއްވިއެވެ. ވަގުތީ ތާވަލެއް ކަނޑައަޅުއްވައި، ލީޑާޝިޕް ބަދަލު ކުރުމަށް ވެސް ބައެއް ބޭފުޅުން ވަނީ ގޮވާލައްވާފައެވެ.
ނަމަވެސް ބޮޑު ވަޒީރު ސްޓާމާ ވިދާޅުވީ، ގައުމު ހަމަ ނުޖެހުމަކަށް ދިޔަ ނުދެއްވާނެ ކަމަށާއި، ބައިބައިވުމެއް ނެތި ގައުމު ކުރިއަށް ގެންދަވާނެ ކަމަށެވެ. ކެބިނެޓްގެ ގިނަ ވަޒީރުން ވަނީ ސްޓާމާ އަށް ތާއީދު ދެއްވާ ކަމަށް ހާމަ ކުރައްވާފައެވެ. ޗާންސެލަރު ރޭޗަލް ރީވްސް ވިދާޅުވީ، ގައުމު ބަދަލު ކުރުމުގެ ބޮޑު ޒިންމާ ހަވާލުވެފައިވަނީ ސްޓާމާ އަށް ކަމަށެވެ





