ސްކޫލްތަކާއި، ޔުނިވަރސިޓީ ތަކުގެ އިތުރުން މުޖުތަމަޢުގެ އެކި ފަންތީގައި ގަނާ ކުރުން (ބުލީ ކުރުން) ހުއްޓުވުމަށް ސިންގަޕޫރުން ވަނީ ވަރަށް ހަރުދަނާ، އަދި ކާމިޔާބު ފިޔަވަޅު ތަކެއް އަޅާފައެވެ. ސިންގަޕޫރުގެ އުކުޅަކީ ހަމައެކަނި އަދަބު ދިނުމުގެ ބަދަލުގައި، ތަޢުލީމާއި، ޤާނޫނާއި، އަދި ނަފްސާނީ އެހީތެރިކަން ގުޅުވާލައިގެން މައްސަލައަށް ޙައްލު ހޯދުމެވެ.
ސިންގަޕޫރުން ބޭނުންކުރާ މައިގަނޑު އުކުޅުތަކާއި ފިޔަވަޅުތައް ތިރީގައި އެވަނީއެވެ.
1. ތަޢުލީމީ ނިޒާމުގެ ތެރެއިން އަޚުލާޤު ބިނާ ކުރުން –
ސިންގަޕޫރުގެ މިނިސްޓްރީ އޮފް އެޑިއުކޭޝަން އިން ސްކޫލްތަކުގައި 'ކެރެކްޓަރ އެންޑް ސިޓިޒެންޝިޕް އެޑިއުކޭޝަން' ގެ ނަމުގައި ޚާއްޞަ މާއްދާއެއް ކިޔަވައިދެއެވެ. މި މާއްދާގެ ތެރެއިން:
* އެހެން މީހުންނަށް އިޙުތިރާމް ކުރުމާއި ހަމްދަރުދީވުން ކުދިންނަށް ދަސްކޮށްދެއެވެ.
* އިންޓަނެޓްގެ ޒަރީއާއިން ގޯނާކުރުން އިން ރައްކާތެރިވާނެ ގޮތާއި، އިންޓަނެޓްގައި އުޅެންޖެހޭ ރަނގަޅު ގޮތްތައް ދަސްކޮށްދެއެވެ.
2. ހަރުދަނާ ޤާނޫނު: ޕްރޮޓެކްޝަން ފްރޮމް ހެރޭސްމަންޓް އެކްޓް
ބުލީ ކުރުމަކީ ހަމައެކަނި ސްކޫލްތަކުގައި ހިނގާ ކަމަކަށް ނުވާތީ، 2014 ވަނަ އަހަރު ސިންގަޕޫރުން ވަނީ POHA ގެ ނަމުގައި ޤާނޫނެއް ފާސްކޮށްފައެވެ. މި ޤާނޫނުގެ ދަށުން މީހަކަށް ޖިސްމާނީ ގޮތުން ނުވަތަ އިންޓަނެޓް މެދުވެރިކޮށް (ސައިބަރބުލީ) ބިރުދައްކައި ގޯނާ ކުރުމަކީ ކުށެކެވެ.
* މިއީ ޔުނިވަރސިޓީތަކުގަ އާއި އަދި މަސައްކަތްކުރާ އޮފީސް މާޙައުލުގައި ހިނގާ ބުލީ ކުރުންތައް ހުއްޓުވުމަށް ބޭނުންކުރާ ވަރަށް ވަރުގަދަ ހަތިޔާރެކެވެ.
3. އަދަބު ދިނުމުގެ ބަދަލުގައި އިޞްލާޙު ކުރުން
ބުލީކުރާ ކުއްޖާ ސްކޫލުން ކަނޑާލުމުގެ ބަދަލުގައި ސިންގަޕޫރުގެ ސްކޫލްތަކުން އިސްކަންދެނީ މައްސަލައިގެ އަސްލު ހޯދުމަށެވެ.
އަނިޔާ ލިބޭ ކުއްޖާ: އެކުއްޖާއަށް ބޭނުންވާ ނަފްސާނީ އެހީތެރިކަމާއި ރައްކާތެރިކަން ކައުންސެލަރުން މެދުވެރިކޮށް ފޯރުކޮށްދެއެވެ.
ބުލީކުރާ ކުއްޖާ: އެކުއްޖާ އެފަދަ ޢަމަލެއް ކުރަން މެދުވެރިވި ސަބަބު ދެނެގަނެ، އެކުއްޖާގެ އަޚުލާޤު އިޞްލާޙުކުރުމަށް ކައުންސެލިންގ ދެއެވެ. އަދި ކުރެވުނު ކުށުގެ އިޙްސާސް ކުރުވައި، މަޢާފަށް އެދުމަށް ބާރުއަޅައެވެ.
4. ރައްކާތެރިކަމާއެކު ރިޕޯޓު ކުރެވޭނެ ނިޒާމުތަކާއި 'ޕިއަރ ސަޕޯޓް'
ކުދިންނަށް ބިރަކާނުލައި މައްސަލަތައް ރިޕޯޓު ކުރެވޭނެ ފަސޭހަ ގޮތްތައް ވަނީ ޤާއިމު ކޮށްފައެވެ.
ޕިއަރ ސަޕޯޓް ނެޓްވޯކް: ކްލާސްކުދިންގެ ތެރެއިން އެހެން ކުދިންނަށް އެހީތެރިވެދޭނެ "ޕިއަރ ސަޕޯޓް ލީޑަރުން" ސްކޫލް ތަކުގައި ތަމްރީނު ކުރެއެވެ. މިކުދިންނަކީ ބާކީވެފައި ތިބޭ ކުދިންނާ ވާހަކަދައްކައި، މައްސަލަތައް ޓީޗަރުންނާ ހަމައަށް ގެންގޮސްދޭ ކުދިންނެވެ.
ހެލްޕްލައިންތައް: "Tinkle Friend" ފަދަ ޚާއްޞަ ހެލްޕްލައިންތައް މެދުވެރިކޮށް ކުދިންނަށް ސިއްރުން ގުޅައިގެން ނުވަތަ މެސެޖުކޮށްގެން އެހީތެރިކަން ހޯދެއެވެ.
5. ބެލެނިވެރިންނާއި ސްކޫލް ގުޅިގެން މަސައްކަތް ކުރުން
ބުލީ ކުރުމުގެ މައްސަލަތަކުގައި ސިންގަޕޫރުގެ ސްކޫލްތަކުން ވަގުތުން ބެލެނިވެރިންނަށް އަންގައެވެ. އަދި ބެލެނިވެރިންނާއި ޓީޗަރުން ގުޅިގެން، ކުއްޖާއަށް ގޭތެރެއިންނާއި ސްކޫލުން އެއްގޮތް ތަރުބިއްޔަތެއް ދިނުމަށް މަސައްކަތް ކުރެއެވެ.





