ރަހީނު ކޮށްފައިވާ އެތައް ބަޔަކު ސަލާމަތްކުރި ލެޖެންޑަކަށް ދިމާވި ހިތާމަވެރި ގޮތް

ރަހީނު ކޮށްފައިވާ އެތައް ބަޔަކު ސަލާމަތްކުރި ލެޖެންޑަކަށް ދިމާވި ހިތާމަވެރި ގޮތް

ފީލިކްސް ބަޓިސްޓާ އަކީ ރަހީނު ކުރުމުގެ މައްސަލަތައް ހައްލު ކުރުމުގައި ދުނިޔޭގެ ފެންވަރުގައި ފާހަގަ ކޮށްލެވުނު މާހިރެކެވެ. އޭނާގެ މި ވާހަކައަކީ ތަގުދީރުގެ ނިޔާ ހުރިގޮތުން ވަރަށް ހިތާމަވެރި އަދި އެހާމެ ހައިރާން ކުރުވަނިވި ވާހަކައެކެވެ.

ފީލިކްސް ބަޓިސްޓާ އަކީ ކުރީގެ އެމެރިކާ އަސްކަރިއްޔާގެ މޭޖަރެކެވެ. މީގެ އިތުރުން "އޭއެސްއައި ގްލޯބަލް" ކުންފުނީގެ ސެކިއުރިޓީ ކޮންސަލްޓަންޓެކެވެ. ލެޓިން އެމެރިކާގައި ރަހީނުކުރާ މީހުންނާ މަޝްވަރާކޮށް ގިނަ އަދަދެއްގެ ބަޔަކު ސަލާމަތް ކޮށްދީފައިވާ ލެޖެންޑެކެވެ. އޭނާގެ ކެރިއަރުގައި ގާތްގަނޑަކަށް 100 އެއްހާ ރަހީނު ކުރުމުގެ މައްސަލަ ކާމިޔާބުކަމާއެކު ހައްލު ކޮށްފައިވެއެވެ.

10 ޑިސެމްބަރު 2008 ގައި މެކްސިކޯގެ ސަލްޓިލޯ އަށް ބަޓިސްޓާ ދިޔައީ ލޯކަލް ވިޔަފާރިވެރިންނަށް ރަހީނު ކުރުމުން ސަލާމަތްވާނެ ގޮތުގެ ތަމްރީނު ދިނުމަށެވެ. އޭނާގެ ތަގުރީރުގައި ކާޓެލްތަކުން މީހުން ރަހީނުކުރާ ގޮތާއި، އެކަމުން ރައްކާތެރިވުމަށް އަމަލު ކުރަންޖެހޭ ގޮތްތައް ކިޔައިދިނެވެ.

ބަޓިސްޓާ އޭނާގެ ރަހުމަތްތެރިންނާއެކު "އެލް މެސަން ޑެލް ޕްރިންސިޕަލް" ކިޔާ ރެސްޓޯރެންޓެއްގައި ކާން އިންދާ، އޭނާގެ ފޯނަށް ކޯލެއް އައެވެ. އެ ކޯލަށް ޖަވާބު ދިނުމަށް ރެސްޓޯރެންޓުން ބޭރަށް ނިކުތް ވަގުތު، ހަތިޔާރު އެޅި ބަޔަކު ހުދު ކުލައިގެ އެސްޔޫވީ އެއްގައި އައިސް އޭނާ ގަދަކަމުން އުޅަނދަށް އަރުވައިގެން ފިލީއެވެ.

އެއީ ހަމަ ހިނދުކޮޅެއްގެ ތެރޭގައި ހިނގި ކަމެކެވެ. މުޅި ދުނިޔެއަށް ނަމޫނާ ދެއްކި ސެކިއުރިޓީ އެކްސްޕާޓް، އޭނާގެ އަމިއްލަ ރައްކާތެރިކަން ކަށަވަރު ނުކުރެވި ވަގަށް ނެގިއެވެ. މިކަމުގެ ތުހުމަތު ކުރެވެނީ މެކްސިކޯގެ ނުރައްކާތެރި ކާޓެލް ލޮސް ޒެޓާސް އަށެވެ.

ބައެއް ރިޕޯޓްތައް ބުނާގޮތުން އޭނާ ވަގަށް ނެގީ ކާޓެލްގެ މެންބަރަކު ސަލާމަތް ކުރުމަށް މަޝްވަރާ ކުރަން އުޅުމުގެ ތެރޭގައެވެ.

އެފްބީއައި އިން މި މައްސަލަ ވަރަށް ސީރިއަސްކޮށް ބެލި ނަމަވެސް، އެއްވެސް ކުރިއެރުމެއް ނުލިބުނެވެ. ބަޓިސްޓާ ވަގަށް ނެގި ފަހުން މިއަދާ ހަމައަށްވެސް އޭނާގެ އެއްވެސް ހަބަރެއް ނުވެއެވެ. އޭނާ ސަލާމަތް ކުރަން އެއްވެސް ފައިސާއަކަށް ބަޔަކު އެދިފައެއް ނުވެއެވެ. ގިނަ ބަޔަކު ގަބޫލުކުރާ ގޮތުގައި އޭނާ ވަނީ ވަގަށް ނެގިތާ ކުޑަދުވަސްކޮޅެއްގެ ތެރޭގައި މަރާލާފައެވެ.

މި ހާދިސާއަކީ މެކްސިކޯގެ ޑްރަގް ކާޓެލް ތަކުގެ ނުރައްކާތެރިކަން ހާމަކޮށްދޭ އެންމެ ބޮޑު އެއް ހެކިވެސް މެއެވެ. ދުނިޔޭގެ އެންމެ މޮޅު "އެންޓި-ކިޑްނެޕިންގ" މާހިރަށްވެސް، އެމީހުންގެ ރޭވުންތެރި ކަމުން ސަލާމަތް ނުވެވުމަކީ ބައިނަލްއަގުވާމީ ސެކިއުރިޓީ ދާއިރާއަށް ލިބުނު ބޮޑު ޝޮކެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *