ކީރިތި ޤުރުއާން ކިޔެވުން އާދައަކަށް ހެދުމަށްޓަކައި އުފައްދާފައިވާ މަޝްހޫރު އެޕްލިކޭޝަން ކަމަށްވާ "ޤުރުއާންލީ" (Quranly) އިނގޭ ހެއްޔެވެ.
މި އެޕްލިކޭޝަން އުފައްދާފައިވަނީ އިނގިރޭސިވިލާތަށް އުފަން ޕާކިސްތާނު ދަރިކޮޅުގެ ޒުވާނެއް ކަމަށްވާ އީސާ ޚާން އެވެ.
އީސާ ޚާން މި އެޕް އުފެއްދުމުގެ މައިގަނޑު މަޤްޞަދަކީ އޭނާގެ އަމިއްލަ ދިރިއުޅުމުގައި ދިމާވި ކަމަކަށް ޙައްލެއް ހޯދުމެވެ. ކުޑައިރު އޭނާއަށް ކީރިތި ޤުރުއާން ކިޔަވައިދިނީ އޭނާގެ މާމައެވެ. ނަމަވެސް 2009 ވަނަ އަހަރު މާމަ ނިޔާވުމުން، މާމައަށް ސަވާބު ހޯދައިދިނުމުގެ ނިޔަތުގައި އޭނާ ކޮންމެ ދުވަހަކު ޤުރުއާން ކިޔަވަން ފެށިއެވެ. އެހެންނަމަވެސް، ދިރިއުޅުން ބުރަވެ، ކަންކަން ގިނަވުމުގެ ސަބަބުން ކޮންމެ ދުވަހަކު ޤުރުއާން ކިޔެވުމުގެ އާދަ އޭނާގެ ކިބައިން މަޑުމަޑުން ދޫވާން ފެށިއެވެ.
މިކަން ޙައްލު ކުރުމަށްޓަކައި އާންމުކޮށް ހުންނަ އެކި ޤުރުއާން އެޕްތައް އޭނާ ބޭނުން ކުރިއެވެ. ނަމަވެސް އެއިން އެއްވެސް އެޕަކުން ކޮންމެ ދުވަހަކު ކިޔަވަން އޭނާއަށް އެކަށީގެންވާ ވަރަށް ހިތްވަރެއް ނުލިބުނެވެ.
އެހެންކަމުން، އޭނާ ފަދައިން ޤުރުއާން ކިޔެވުމަށް ފަރުވާކުޑަ ކުރެވޭ މީހުންނަށް ޚާއްޞަކޮށްގެން، ޤުރުއާނާ ގުޅުން ބަދަހި ކޮށްދޭނެ އަމިއްލަ އެޕެއް އުފެއްދުމުގެ ޚިޔާލު އޭނާއަށް އައީއެވެ.
ޤުރުއާންލީ ވުޖޫދަށް އައުމުގެ މަސައްކަތް ފެށިފައިވަނީ 2020 ވަނަ އަހަރުގެ ތެރޭގައެވެ.
އެންމެ ފުރަތަމަ މި އެޕް ޑިވެލޮޕް ކުރަން އުޅުމުން، ޑިވެލޮޕަރުން ވަނީ 50,000 އެމެރިކާ ޑޮލަރުގެ ބޮޑު އަގެއް ކިޔާފައެވެ. އެވަގުތު އެކަން މަޑުޖައްސާލުމަށްފަހު، ފަހުން އޭނާގެ އަމިއްލަ ސޭވިންގްސް އާއި ޢާއިލާ އަދި ރައްޓެހިންގެ އަތުން ފައިސާ ހޯދައިގެން މި މަސައްކަތް އަލުން ފެށިއެވެ.
މި އެޕް ފަރުމާ ކޮށްފައިވަނީ ނިއުރޯ-ސައިންސް އަދި "ގޭމިފިކޭޝަން" ގެ އުކުޅުތައް ބޭނުން ކޮށްގެންނެވެ. އެބަހީ، އިންސާނާގެ ސިކުނޑިއަށް ނަފްސާނީ ގޮތުން ހިތްހަމަޖެހުމާއި ހިތްވަރު ލިބޭނެ ގޮތަށް އަމާޒުތަކެއް ކަނޑައަޅައި، އެ އަމާޒުތައް ޙާޞިލު ކުރެވޭނެ ފަސޭހަ މަގުތަކެއް އެޕްގެ ތެރެއިން ވަނީ ފަހިކޮށްދީފައެވެ.
މި އެޕްގެ ބޭނުމަކީ ކޮބާ؟
އާދައިގެ ޤުރުއާން އެޕްތަކަކީ ހަމައެކަނި ޤުރުއާން ކިޔަވާލުމަށް އޮންނަ ޑިޖިޓަލް ފޮތެއް ނަމަވެސް، ޤުރުއާންލީގެ ބޭނުމަކީ ކިޔެވުން "އާދައަކަށް" ހެދުމެވެ. މީގައި ހިމެނޭ މުހިންމު ފީޗަރތަކަކީ:
ޙަސަނާތު ކައުންޓަރ: ޙަދީޘްގައިވާ ގޮތުގެ މަތިން ކިޔަވާ ކޮންމެ އަކުރަކަށް ލިބޭ 10 ސަވާބު (ޙަސަނާތު) ގުނައިދީ، ސްކްރީނުން ވަގުތުން ފެންނަން ހުރުން. މިއީ ކިޔަވާ މީހާއަށް ވަރަށް ބޮޑު ހިތްވަރެއް ލިބޭ ކަމެކެވެ.
ޑެއިލީ ގޯލްސް: ކޮންމެ ދުވަހަކު ކިޔަވަން ބޭނުންވާ މިންވަރު (އެންމެ އާޔަތެއް ނަމަވެސް) އަމިއްލައަށް ކަނޑައެޅުމުގެ ފުރުޞަތު.
ޕްރޮގްރެސް ޓްރެކަރ: ކިޔެވި ވަގުތާއި، ކިޔެވުނު އާޔަތްތަކުގެ ޢަދަދާއި، ވިދިވިދިގެން ކިޔެވި ދުވަސްތައް ރެކޯޑުކޮށްދިނުން.
ތަރުޖަމާ: 18 ބަހަކުން ޤުރުއާނުގެ ތަރުޖަމާ ކިޔައިލެވުން.
ރިމައިންޑަރސް: ދުވަހުގެ ބިޒީ ވަގުތުތަކުގައިވެސް ކިޔަވާލަން ހަނދާންކޮށްދޭ ރީތި ނޮޓިފިކޭޝަންތައް ފޮނުވުން.
މިއަދު މުޅި ދުނިޔޭގައި 1 މިލިއަނަށްވުރެ ގިނަ މުސްލިމުން ވަނީ ޤުރުއާންލީ އެޕް ޑައުންލޯޑު ކޮށްފައެވެ. އަދި އެތައް ހާސް ބަޔަކު ކޮންމެ ދުވަހަކު ޤަވާއިދުން މި އެޕް މެދުވެރިކޮށް ޤުރުއާން ކިޔަވަމުން ދެއެވެ. މަޝްހޫރު އިސްލާމީ ޢިލްމުވެރިޔާ މުފްތީ މެންކް ފަދަ ބޭފުޅުންވެސް ވަނީ މި އެޕް ބޭނުން ކުރައްވައި، މިއަށް ތަޢުރީފު ކުރައްވާފައެވެ.
މުސްލިމުންގެ ދިރިއުޅުމުގެ އެންމެ މުހިންމު އެއް އަސާސަކީ ﷲ ގެ ކަލާމްފުޅާ ގުޅުން ބޭއްވުމެވެ. ނަމަވެސް މިއަދުގެ ބާރުދުވެލީގެ ދިރިއުޅުމުގައި، ކޮންމެ ދުވަހަކު ޤުރުއާން ކިޔެވުމަށް ވަގުތު ހުސްކުރުން ގިނަ ބަޔަކަށް ވަނީ އުނދަގޫ ކަމަކަށް ވެފައެވެ.
ޤުރުއާންލީ މުސްލިމުންނަށް މުހިންމުވަނީ، އެއީ މީހާ ޤުރުއާނާ ދުރުވިޔަނުދީ ހިފަހައްޓައިދޭ "އެހީތެރިއެއްގެ" ރޯލު އަދާކުރާތީއެވެ. ދުވާލަކު އެންމެ އާޔަތެއް ކިޔަވަން ވިޔަސް މި އެޕުން ހިތްވަރުދެއެވެ. ލިބޭ ސަވާބުތަކާއި ކިޔެވުނު މިންވަރު ލޮލަށް ފެންނަ ގޮތަށް ހުރުމުން، ޚާއްޞަކޮށް ޒުވާން ޖީލުގެ މީހުންނަށް ކިޔަވަން ޝައުޤުވެރިކަން އުފެދެއެވެ.
އެހެންކަމުން މިއީ މުސްލިމުންގެ އީމާންތެރިކަން އާލާކޮށް، ދުވަހީ ތާވަލުގައި ކީރިތި ޤުރުއާން ޝާމިލުކުރުމަށް ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ލިބިފައިވާ ވަރަށް މުހިންމު ވަޞީލަތެކެވެ.
މި އެޕްލިކޭޝަނަކީ ފޯނަށް ހިލޭ ޑައުންލޯޑު ކުރެވޭ އެޕެކެވެ. ނަމަވެސް މީގެ ބައެއް ކަންކަން ހުންނަނީ "ޕްރީމިއަމް" ނުވަތަ ފައިސާ ދައްކައިގެން ބޭނުންކުރާ ގޮތަށެވެ.
މި އެޕްގެ އެންމެ ޚާއްޞަ އެއް ކަމަކީ، ފައިސާ ދައްކައިގެން ސަބްސްކްރައިބް ކުރެވެން އޮތް ނަމަވެސް، އެ ފައިސާ ދެއްކުމުގެ ތަނަވަސްކަން ނެތް މީހުންނަށް މުޅިން ހިލޭ މި އެޕް ބޭނުންކުރުމުގެ ފުރުޞަތު ދޭކަމެވެ.
އެޕް ބޭނުން ކުރަން ފަށާއިރު، ފައިސާ ދެއްކޭނެތޯ ނުވަތަ ނޫންތޯ އަހާނެއެވެ. އެވަގުތު ތިމާއަކީ އެ ފައިސާ ދެއްކޭނެ މީހެއް ނޫން ކަމަށް ބުނެފިނަމަ، މުޅި އެޕް ހިލޭ ހުޅުވައިދޭނެއެވެ.
ފައިސާ ދައްކަން ބޭނުންވާ މީހުންނަށް މަހު ފީއެއް ނުވަތަ އަހަރީ ފީއެއް ދެއްކޭނެއެވެ. މިއީ އެޕް އިތުރަށް ތަރައްޤީކުރުމަށް އެހީތެރިވުމުގެ ގޮތުން ދައްކާ ފީއެކެވެ. މި އެޕް ޕްލޭ ސްޓޯރުން އަދި އެޕް ސްޓޯރުން ޑައުންލޯޑް ކުރެވޭނެއެވެ.





