މިއީ ޝައިޚް ޑރ. ޔާސިރު ޤާޟީ ދެއްވާފައިވާ "The Life in The Barzakh" ސިލްސިލާގެ ފުރަތަމަ ދަރުސުގެ މައްޗަށް ބިނާކޮށް ލިޔެފައިވާ ޚުލާޞާ މަޒުމޫނެކެވެ. މި ދަރުސުގައި މައިގަނޑު ގޮތެއްގައި އަލިއަޅުވާލާފައިވަނީ މަރުވުމަށްފަހު ޤިޔާމަތްވުމާ ދެމެދު އިންސާނާ ހޭދަކުރާ މަރުހަލާ ކަމަށްވާ "ބަރުޒަޚު" ގެ ޙަޔާތަށާއި، އިންސާނާގެ ފުރާނަ (ރޫޙު) ކަނޑައްތުކުރާ މަރުހަލާތަކަށެވެ.
ބަރުޒަޚަކީ ކޮބާ؟
ޢަރަބި ބަހުގައި "ބަރުޒަޚު" ގެ މާނައަކީ ދެކަމެއްގެ ދެމެދުގައިވާ ހުރަހެވެ. ނުވަތަ ދެ އެއްޗެއް ވަކިކޮށްދޭ ފާރެކެވެ. އިސްލާމީ ޢަޤީދާގައި ބަރުޒަޚަކީ ދުނިޔޭގެ ޙަޔާތާއި އާޚިރަތުގެ ޙަޔާތާ ދެމެދުގައިވާ މަރުހަލާއެވެ. ކީރިތި ޤުރުއާނުގެ މުއުމިނޫން ސޫރަތުގެ 100 ވަނަ އާޔަތުގައި މި ބަރުޒަޚުގެ ވާހަކަ ސީދާކޮށް ބަޔާންކުރައްވާފައިވެއެވެ. މީގެ އިތުރުންވެސް، ފިރުޢައުނުގެ މީހުންނަށް ހެނދުނާއި ހަވީރު ނަރަކައިގެ ޢަޒާބު ހުށަހެޅޭނެކަމަށް ޤާފިރު ސޫރަތުގައި އައިސްފައިވާ އާޔަތަކީވެސް ޤިޔާމަތްވުމުގެ ކުރިން އޮންނަ ބަރުޒަޚުގެ ޙަޔާތް ސާބިތުކޮށްދޭ ވަރުގަދަ ދަލީލެކެވެ.
ފުރާނަ (ރޫޙު) އާއި ހަށިގަނޑު:
ބަރުޒަޚުގެ ޙަޔާތް ފެށެނީ ފުރާނަ ހަށިގަނޑުން ދާއިމަށް ވަކިވުމުންނެވެ. އިންސާނާގެ ހަށިގަނޑު އުފެއްދެވީ މަށިންނެވެ. އާދަމުގެފާނުގެ ހަށިކޮޅު މަށިން އުފެއްދެވުމަށްފަހު، އެ ހަށިކޮޅަށް ރޫޙު (ފުރާނަ) ފުމެލެއްވިއެވެ. މިތާނގައި ދަންނަންޖެހޭ ވަރަށް މުހިންމު ނުކުތާއެއް ޝައިޚް ފާހަގަކުރެއްވިއެވެ. ބައެއް މީހުންނަށް ހީވެފައި އޮންނަ ގޮތާ ޚިލާފަށް، ފުރާނައަކީ ﷲ ތަޢާލާގެ ޒާތުފުޅުން ބައެއް ނޫނެވެ. ފުރާނައަކީ ﷲ ތަޢާލާ އުފެއްދެވި ވަރަށް މަތިވެރި މަޚްލޫޤެކެވެ. ﷲ ގެ ރޫޙުކަމަށް ޤުރުއާނުގައި ނިސްބަތްކުރައްވާފައިވަނީ މާތްކުރުމުގެ ގޮތުންނެވެ. (މިސާލަކަށް: ﷲ ގެ ގެފުޅު، ﷲ ގެ ޖަމަލު ފަދައިންނެވެ.)
އިންސާނާގެ ފުރާނަ މައިގަނޑު 5 މަރުހަލާއެއް ކަނޑައްތުކުރެއެވެ.
އުފަންވުމުގެ ކުރިން:
މިއީ އެންމެ ފުރަތަމަ މަރުހަލާއެވެ. އާދަމުގެފާނު އުފެއްދެވުމަށްފަހު، ޢަރަފާތު ބިމުގައި އާދަމުގެފާނުގެ ބުރަކަށިފުޅުން ޤިޔާމަތާ ހަމައަށް އުފަންވާނެ ހުރިހާ އިންސާނުންގެ ފުރާނަ ﷲ ތަޢާލާ ނެރުއްވިއެވެ. އަދި ﷲ ތަޢާލާ އަކީ ރައްބުކަމަށް އިޤުރާރުވުމަށް އެންމެހައި ފުރާނަތަކުން އަހުދުކަށަވަރު ހިއްޕެވިއެވެ.
ދުނިޔޭގެ ޙަޔާތް:
މަންމަގެ ރަހިމުގައި ކުއްޖާ ގަރުބަގަންނަތާ ކަނޑައެޅިފައިވާ ދުވަސްތަކަކަށްފަހު، މަލާއިކަތަކު މެދުވެރިކުރައްވައި ފުރާނަ ފުމެލައްވައެވެ. މިއީ ހަށިގަނޑާއި ފުރާނަ ގުޅިފައިވާ، އަދި އަޅުގަނޑުމެން މިހާރު މި އުޅޭ ހޭލާ ހުންނަ މަރުހަލާއެވެ.
ނިދީގެ މަރުހަލާ:
ނިދުމަކީ މަރުގެ އަޚާއެވެ. ނިދާފައި އޮންނަ ވަގުތު ފުރާނަ ވަގުތީގޮތުން ހަށިގަނޑާ ވަކިވެއެވެ. ނަމަވެސް މުޅިން އެއްކޮށް ވަތްކެއް ނުވެއެވެ. ހަށިގަނޑާއި ފުރާނައާ ދެމެދު ނުފެންނަ ގުޅުމެއް (ވާފަށެއް ފަދައިން) ވެއެވެ. އިންސާނާ ނިދީގައި މަރުވެއްޖެނަމަ އެ ފުރާނަ އެނބުރި ނާދެއެވެ.
ބަރުޒަޚުގެ ޙަޔާތް:
މަރުވުމާއެކު ފުރާނަ ހަށިގަނޑުން އެއްކޮށް ދާއިމަށް ވަކިވެއެވެ. މިއީ ޤިޔާމަތްވުމާ ހަމައަށް ފުރާނަ ދެމިއޮންނާނެ މަރުހަލާއެވެ. މި މަރުހަލާ ނިމޭނީ ފަހު ތާޅަފިލި ފުމެލެއްވުމުންނެވެ.
އާޚިރަތުގެ ޙަޔާތް : ފަހު ތާޅަފިލި ފުމެލެއްވުމާއެކު، އާޚިރަތުގެ އާ ޚަލްޤަކުން އިންސާނާ ދިރުއްވައި، ފުރާނަ އާއި ހަށިގަނޑު ދާއިމަށް ގުޅިގެންދާނެއެވެ. މިއީ އެންމެ ފުރިހަމަ އަދި ދާއިމީ މަރުހަލާއެވެ. މި މަރުހަލާގައި މަރެއް، ނިދުމެއް އަދި ވަރުބަލިވުމެއް ނުވެއެވެ.
ރަސޫލާ ﷺ ޙަދީޘްކުރައްވާފައިވާ ގޮތުގައި ފުރާނަތަކަކީ އެއްކުރެވިފައިވާ ލަޝްކަރުތަކެއް ފަދަ އެއްޗެކެވެ. ކުރިން ބައްދަލުވެ ދަންނަ ފުރާނަތައް ދުނިޔޭގައި ބައްދަލުވުމުން ވަރަށް ފަސޭހައިން ގުޅުން ބަދަހިވެ އެކުވެރިވެއެވެ. ނުދަންނަ ފުރާނަތައް ދުނިޔޭގައި ބައްދަލުވުމުން ގުޅެން އުނދަގޫވެއެވެ. މީގެއިން އަންގައިދެނީ ދުނިޔެއަށް އައުމުގެ ކުރިންވެސް ފުރާނަތަކުގެ މެދުގައި ގުޅުންތަކެއް ހިނގާފައިވާ ކަމެވެ.
ބަރުޒަޚުގެ ޙަޔާތަކީ އަޅުގަނޑުމެންގެ ސިކުނޑިތަކަށް އޭގެ ޙަޤީޤަތް ފުރިހަމައަށް އަތުލައިގަނެވޭނެ ކަމެއް ނޫނެވެ. އޭގެ މަޢުލޫމާތު ލިބެން އޮތީ ހަމައެކަނި ޤުރުއާނާއި ސުންނަތުންނެވެ. ކައްވަޅަކީ އާޚިރަތުގެ އެންމެ ފުރަތަމަ މަންޒިލެވެ. އެ މަންޒިލް ފަސޭހަވެއްޖެ މީހަކަށް ކުރިއަށް އޮތް ހުރިހާ މަރުހަލާއެއް ފަސޭހަވެގެން ދާނެއެވެ. ވީމާ، މިއީ ކޮންމެ މުސްލިމަކުވެސް ތައްޔާރުވާންޖެހޭ މުހިންމު ދަތުރެކެވެ. .(ނުނިމޭ)





