ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު، އަވަހަށް ފިޔަވަޅުތައް އަޅަންޖެހޭ: ނަޝީދު

ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު، އަވަހަށް ފިޔަވަޅުތައް އަޅަންޖެހޭ: ނަޝީދު

މެދުއިރުމަތީގައި، ހާއްސަކޮށް އީރާނުގެ މަސްރަޙުގައި ހިނގަމުންދާ ހަމަނުޖެހުންތަކާ ގުޅިގެން ރާއްޖެ ތެލަށް ޖެހުމުގެ ފުރުސަތު ބޮޑު ކަމަށާއި، އެކަމުން ސަލާމަތްވުމަށް ދުރާލައި ހަރުދަނާ ފިޔަވަޅުތަކެއް އެޅުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ސަރުކާރަށް ގޮވާލައްވައިފިއެވެ.

ނަޝީދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، އެމަނިކުފާނު ހަނދުމަފުޅު ހުންނަ ގޮތުގައި އެސްޓީއޯ އާއި އަމިއްލަ ފަރާތްތައް ހިމެނޭހެން ރާއްޖޭގައި މިވަގުތު ރައްކާކުރެވެނީ ގާތްގަނޑަކަށް 70 މިލިއަން ލީޓަރުގެ ޑީސަލާއި 25 މިލިއަން ލީޓަރުގެ ޕެޓްރޯލެވެ.

މިއީ ގާތްގަނޑަކަށް އެންމެ 20 ދުވަހުގެ ސްޓޮކެއްކަން ފާހަގަކުރައްވައި، ނަޝީދު ވަނީ ރާއްޖެ ތެލަށް ޖެހިދާނެކަމުގެ ބިރު އޮތްކަމަށް ވިދާޅުވެފައެވެ.

މި ހާލަތުން އަރައިގަތުމަށް ނަޝީދު ވަނީ ސަރުކާރަށް މުހިންމު 8 ފިޔަވަޅެއް އެޅުމަށް ހުށަހަޅުއްވާފައެވެ. އޭގެ ތެރޭގައި ހިމެނެނީ:

  1. ރާއްޖޭގެ އަމިއްލަ ސެކްޓަރުގެ ތެޔޮ ރައްކާކުރެވޭނެ މިންވަރު (Fuel Storage Capacity) ދެނެގަތުން.
  2. ކަރަންޓު ކަނޑާނެ ވަގުތުތަކެއް ކަނޑައަޅައި، ކަރަންޓު އިގްތިސާދު ކުރުން. އެއްގަމު އުޅަނދުފަހަރު ދުއްވުން ކޮންޓްރޯލް ކުރުން.
  3. ސަރުކާރު އޮފީސްތަކާއި ސްކޫލްތައް ހުޅުވާފައި ހުންނަ ވަގުތު މަދުކުރުން.
  4. އިޖުތިމާއީ ބޮޑެތި ހަރަކާތްތައް ބޭއްވުން މަދުކުރުން.
  5. މަސްވެރިކަމާއި ރިސޯޓްތަކަށް ބޭނުންވާ ތެޔޮ މެދުނުކެނޑި ލިބޭނެކަން ކަށަވަރުކުރުން.
  6. މަތިންދާބޯޓުތަކަށް ބޭނުންވާ ތެޔޮ (Aviation Fuel) ކަށަވަރުކުރުން.
  7. ހުޅަނގު އޭޝިއާ ހުރަސްކުރަން ނުޖެހޭ ފަދަ އާ ސަޕްލައި ރޫޓުތައް ހޯދައި، ތެޔޮ ގެންނަ މަގުތަކަށް ބަދަލު ގެނައުން

ނަޝީދު މިފަދަ އިރުޝާދުތަކެއް ދެއްވާފައި މިވަނީ، އީރާނު ހިމެނޭ ސަރަހައްދުގައި ހިނގަމުންދާ ހަނގުރާމައިގެ ސަބަބުން ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގަށް އަންނަ ބަދަލުތަކާއި ސަޕްލައިއަށް ކުރިމަތިވެދާނެ ހުރަސްތަކަށް ރިއާޔަތްކުރައްވައެވެ.

ރާއްޖެއަކީ ތެލަށް މުޅިން ބަރޯސާވެފައިވާ ގައުމަކަށް ވުމުން، މިފަދަ ދަނޑިވަޅެއްގައި ދުރާލައި ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަކީ ކޮންމެހެން ބޭނުންތެރި ކަމެއްކަމަށް ނަޝީދު ފާހަގަކުރެއްވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *