އެމްޑީއޭއިންވެސް ދެ އިންތިހާބު އެއްކޮށް ބާއްވަން ތާއިދުކޮށްފި

އެމްޑީއޭއިންވެސް ދެ އިންތިހާބު އެއްކޮށް ބާއްވަން ތާއިދުކޮށްފި

ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއް ދުވަހެއްގައި ބޭއްވުމަށް، ދ. މީދޫ ދާއިރާގެ މެމްބަރު އަހުމަދު ސިޔާމް މުހައްމަދުގެ ޕާޓީ، މޯލްޑިވްސް ޑިވެލޮޕްމަންޓް އެލަޔަންސް (އެމްޑީއޭ) އިން ތާއީދު ކޮށްފި އެވެ.

ރައްޔިތުންގެ މަޖިލިހުން ފާސްކޮށްފައިވާ ގާނޫނުއަސާސީ އިސްލާހު ބިލްގައި، ދެ އިންތިހާބު އެކީގައި ބޭއްވުމުގެ އިތުރުން، މަޖިލީހުގެ ދައުރު ޑިސެމްބަރު 1 ން ފެށިގެން ފަސް އަހަރު ދުވަހަށް ހަމަޖެއްސުމަށްވެސް ހިމަނާފައިވެ އެވެ.

އެމްޑީއޭ އިން މިއަދު ނެރުނު ބަޔާނުގައި ބުނެފައިވަނީ، ދެ އިންތިހާބު އެއްކޮށް ބޭއްވުމަކީ ރާއްޖޭގެ އިގްތިސާދީ ހާލަތާއި ގައުމުގެ ސުލްހަ މަސަލަސް ކަމަށް ރިއާޔަތް ކުރާއިރު، ދިވެހި ދައުލަތާއި ރައްޔިތުންނަށް އެންމެ ފައިދާ ހުރި ގޮތް ކަމަށެވެ.

ހަރަދު ކުޑަ ކުުރުމަށާއި ދަރަނި ބެލެހެއްޓުމަށް ދެ އިންތިހާބު އެއްކޮށް ބޭއްވުން ވެގެންދަނީ ވަރަށް ބޮޑު ލުޔެއް ކަމަށް ސަރުކާރު ބުނާ ބުނުމަށްވެސް ބަޔާނުގައި އެ ޕާޓީ ވަނީ އިއުތިރާފުވެ، ތާއިދު ފާޅުކޮށްފައެވެ.

"މިއީ އިގްތިސާދީ ދެމެހެއްޓެނިވި ކަމަށާއި ގައުމުގެ ކުރިއެރުމަށް އެޅޭނެ މުހިންމު ފިޔަވަޅެއް. ހަރަދުތައް ކުޑަ ކޮށް، އިގްތިސާދު ވަރުގަދަ ކުރުމަށް ދައުލަތުގެ ހުރިހާ މުވައްސަސާ ތަކުން ގުޅިގެން މަސައްކަތް ކުރުމަށް ގޮވާލަމެވެ،" ބަޔާނުގައިވެ އެވެ.

ސިޔާމަކީ ރައްޔިތުންގެ ދިރިއުޅުމުގެ ފެންވަރު ރަނގަޅު ކުުރުމަށާއި ގައުމުގެ އިގްތިސާދީ ގޮންޖެހުންތަކުން އަރައިގަތުމަށް ވަކާލާތުކުރައްވާ ޒިންމާދާރު ސިޔާސީ ބޭފުޅެއް ކަމަށްވެސް ބަޔާނުގައި ވަނީ ފާހަގަ ކޮށްފަ އެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *