ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓްރީން ރާއްޖޭގެ އިސްލާމިކް މިނިސްޓްރީއަށް 15 ޓަނުގެ ކަދުރު މިއަދު ހަދިޔާކޮށްފި އެވެ.
އިސްލާމީ މަރުކަޒުގައި ބޭއްވި ރަސްމިއްޔާތެއްގައި، ސައުދި އަރަބިއްޔާގެ ފަރާތުން ކަދުރު ހަވާލު ކޮށްދެއްވީ، ރާއްޖެއަށް ކަނޑައަޅާފައިވާ ސަފީރު ޔަހްޔާ ހަސަން އަލްގަހްތާނީ އެވެ. ކަދުރާ ހަވާލުވެ ވަޑައިގަތީ އިސްލާމިކް މިނިސްޓަރު ޑރ. މުހައްމަދު ޝަހީމް އަލީ ސައީދެވެ.
ރަސްމިއްޔާތުގައި ވާހަކަ ދައްކަވަމުން މިނިސްޓަރު ޝަހީމް ވަނީ، ރަސްގެފާނު ސަލްމާން ބިން އަބްދުލްއަޒީޒާއި، ވަލީއަހުދު މުހައްމަދު ބިން ސަލްމާން އަދި ސައުދީ ސަރުކާރުން ރާއްޖެއާ މެދު ބަހައްޓަވާ ގާތްކަމަށްޓަކައި ޝުކުުރު އަދާ ކުރައްވައިފަ އެވެ. ހަމަ އެއާ އެކު، ސައުދީ އަރަބިއްޔާގެ އިސްލާމިކް މިނިސްޓަރު ޝައިހް ޑރ. އަބްދުލްލަތީފް ބިން އަބްދުލްއަޒީޒް އާލްޝައިހް ކުރައްވާ ހިދުމަތްތެރި މަސައްކަތްތަކަށް ވެސް ތައުރީފު ކުރެއްވި އެވެ.
ރާއްޖޭގައި ހުންނަ ސައުދީ އެމްބަސީގެ ފަރާތުން ދެ ގައުުމުގެ ގުުޅުން ދެމެހެއްޓުމަށް ކުރާ މަސައްކަތް ވެސް މިނިސްޓަރު ވަނީ ފާހަގަ ކުރައްވައިފަ އެވެ.
ސައުދީ އަރަބިއްޔާ އިން މި އަހަރު ވެސް ދިވެހިންނަށް 50 ޓަނުގެ ކަދުރު ހަދިޔާ ކުރަން ނިންމާފައިވާ ކަމަށް، އިސްލާމިކް މިނިސްޓްރީން ބުނެ އެވެ. އެ ކަމުގެ މަސައްކަތްތައް ދެ ގައުމު ގުޅިގެން މިހާރު ކުރިއަށް ދާ ކަމަށް ވެސް މިނިސްޓްރީން ވަނީ ހާމަ ކޮށްފަ އެވެ.





