ބައްޕަގެ ހަނދާނުގައި ޝިޔާމް ބިނާކުރި 'އާދަޔާ ޚިލާފު ރީތި' މިސްކިތް: ދިވެހި ފަންނުވެރިކަމުގެ އައު ދިރުމެއް

ބައްޕަގެ ހަނދާނުގައި ޝިޔާމް ބިނާކުރި 'އާދަޔާ ޚިލާފު ރީތި' މިސްކިތް: ދިވެހި ފަންނުވެރިކަމުގެ އައު ދިރުމެއް

ރާއްޖޭގެ މަޝްހޫރު ވިޔަފާރިވެރިޔާ އަހުމަދު ޝިޔާމް މުހައްމަދު އޭނާގެ ބައްޕަގެ ހަނދާނުގައި ނ. ކުޑަފަރީގައި ބިނާކުރި ’މަސްޖިދު އަލް މުހައްމަދު ގާސިމް' މިހާރު އެވަނީ ހުޅުވާފައެވެ.

މި މިސްކިތަކީ ފަހުގެ ތާރީޚެއްގައި ރާއްޖޭގައި ބިނާކުރި އެންމެ ތަފާތު އަދި އެންމެ ފަންނުވެރި އެއް ބިނާގެ ގޮތުގައި ގިނަ ބަޔަކު މިހާރު ވަނީ ފާހަގަކުރަން ފަށާފައެވެ.

ހާއްސަ ރަސްމިއްޔާތެއްގައި މި މިސްކިތް ހުޅުވައިދެއްވިއިރު، މިސްކިތުގެ ފަރުމާއާއި ފެންނަން ހުރި ހުނަރުވެރިކަމަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ހުއްޓިފައެވެ. މިސްކިތް ބިނާކޮށްފައިވަނީ އެންމެ އިހުގެ ދިވެހި ފަންނުވެރިކަން ރަމްޒުކޮށްދޭ ގޮތަށެވެ.

މިސްކިތުގެ ފާރުތަކުން ފެންނަނީ ކުރީގެ ހިރިގަލުގެ މިސްކިތްތަކުން ފެންނަ ފަދަ ނަލަ ކުރެހުންތަކާއި ޑިޒައިންތަކެވެ. މި ހުރިހާ މަސައްކަތަކީވެސް އަތުން ކަނޑާނަގައިގެން ތައްޔާރުކޮށްފައިވާ އާދަޔާ ހިލާފު މަސައްކަތްތަކެކެވެ.

މިސްކިތް ހުޅުވުމުގެ ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންނެވި ކުރީގެ ކޮންސްޓްރަކްޝަން މިނިސްޓަރު އަދި މަޝްހޫރު އާކިޓެކްޓް މައުރޫފް ޖަމީލް ވިދާޅުވީ މިއީ ދިވެހި ސަގާފަތަށް ލިބުނު ވަރަށް ބޮޑު ދިރުމެއް ކަމަށެވެ. "ވަރަށް ހިތްގައިމު މިސްކިތެއް. މިއީ ހަމަ ސަގާފަތަށް ލިބުނު ދިރުމެއް،" މައުރޫފް ވިދާޅުވިއެވެ.

މި ބިނާގެ އެންމެ ހާއްސަ އެއް ސިފައަކީ މިސްކިތުގައި ގުއްބެއްގެ ބަދަލުގައި ހުރި ހިތްގައިމު މުންނާރެވެ. މި މުންނާރުގެ އެތެރެ ފަރުމާކޮށްފައިވަނީ ވުލޫ ކުރެވޭ ގޮތަށެވެ. މީގެ އިތުރުން، ލަކުޑީގެ ވަޑާމުގެ މަސައްކަތްތަކާއި ފުރާޅުގެ ފަރުމާއިންވެސް ފެންނަނީ އިހުގެ ދިވެހިންގެ ކުޅަދާނަ ހުނަރުވެރި ކަމެވެ. މައުރޫފް ޖަމީލް ފާހަގަކުރެއްވި ގޮތުގައި، މި މިސްކިތުން ފެންނަނީ ރަނުގެ ގުއްބުތަކާ ނުލައިވެސް މިސްކިތެއްގެ ރީތިކަން އިންތިހާއަށް ގެނެވިދާނެ ކަމެވެ.

ރާއްޖޭގައި ހިރިގަލުގެ މަސައްކަތްތައް އުވެމުންދާ ޒަމާނެއްގައި، މިފަދަ ސަގާފީ ފަރުމާތަކަށް އިސްކަންދީގެން މިސްކިތެއް ބިނާކުރުމަކީ އާކިޓެކްޗާގެ ދާއިރާއިން ވެސް ލިބުނު ކުރިއެރުމެއްގެ ގޮތުގައި މައުރޫފް ސިފަކުރެއްވިއެވެ. މި މިސްކިތަކީ ކުޑަފަރީގެ ރައްޔިތުންނަށާއި، އެ ރަށަށް ޒިޔާރަތްކުރާ ފަރާތްތަކަށް ލިބުނު ވަރަށް އަގުހުރި ހަދިޔާއެކެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *