ޗާގޯސް މައްސަލާގައި ދިވެހިރާއްޖެއިން އަމަލު ކޮށްފައިވަނީ އެމެރިކާ އަދި އިނގިރޭސިވިލާތުގެ ރުހުމާއެކު ކަމަށް ވެދާނެ ކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.
ނަޝީދު މިހެން ވިދާޅުވީ، ޗާގޯސް މޮރިޝަސްއަށް ދިނުމަށް ތާއީދުކުރާކަމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ވިދާޅުވުމާ ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައެވެ.
އެކްސްގައި ކުރެއްވި ޕޯސްޓުގައި ނަޝީދު ވިދާޅުވީ، އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް، އިނގިރޭސިވިލާތާއި ޗާގޯސްގެ އެއްބަސްވުމަށް އެއްބަސްވެފައިވަނީ، ޗާގޯސް މޮރިޝަސްއަށް ދިނުމަށް ނޫން ކަމަށް އެކަށީގެންވާ ކަމަށެވެ.
ނަޝީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދިވެހިރާއްޖޭގެ ދައުވާ ބަލަންޖެހޭ ކަމަށް އެމެރިކާ އަދި އިނގިރޭސިވިލާތަށް މިހާރު ބުނެވޭނެ ކަމަށެވެ. އެހެންކަމުން ޗާގޯސް މޮރިޝަސްއަށް ދެވެން ނެތް ކަމަށްވެސް އެމެރިކާ އަދި އިނގިރޭސިވިލާތަށް ބުނެވޭނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.
"ރާއްޖޭގެ ކޯސްޓްގާޑް އަމަލުކޮށްފައި އެވަނީ، އެމެރިކާ އަދި އިނގިރޭސިންގެ ރުހުމާއެކުގައި ކަމަށް ވެދާނެ،" ނަޝީދު އެކްސްގައި ހިއްސާ ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ.
ނަޝީދު މިހެން ވިދާޅުވެފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު އިއްޔެ އިއްވި ރިޔާސީ ބަޔާނުގައި ވިދާޅުވީ، ނިމިދިޔަ އެމްޑީޕީ ސަރުކާރުން ދޫކޮށްލި ކަނޑުގެ ސަރަހައްދު އަލުން އަނބުރާ ހޯދުމަށް ކުރީގެ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސްއަށް ފޮނުއްވި ސިޓީ އަނބުރާ ގެނައުމަށް މި ސަރުކާރުން ނިންމާފައިވާ ކަމަށެވެ.
އިއްޔެގެ ވަގުތެއްގައި އެސިޓީ އަނބުރާ ގެންނަކަން އަންގައި މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީފުޅުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ސޮއި ކުރައްވާފައެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ދެކުނު ކަނޑުގެ ސަރަހައްދުން ބޮޑުބައެއް ގެއްލޭގޮތަށް އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އައިޓީއެލްއޯއެސް) އިން ނިންމި ނިންމުމަކީ ގަބޫލު ކުރެވޭނެ ނިންމުމެއް ނޫން ކަމަށެވެ. އަދި ދިވެހީންގެ ސަރަހައްދުން ޒައްރެއްގެ މިންވަރުވެސް ދޫކޮށްލުމަކީ ކުރެވިގެންވާނެ ކަމެއް ނޫންކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެއިތުރުން ރައީސް ވިދާޅުވީ، ކުރީ ސަރުކާރުން 22 އޮގަސްޓް 2022 ވަނަ ދުވަހު މޮރިޝަސްގެ ބޮޑުވަޒީރަށް ފޮނުއްވި ސިޓީގެ ސަބަބުން ރާއްޖޭގެ ސިޔާދަތީ ސަރަހައްދަށް ނޭދެވޭ އަސަރު ކޮށްފައިވާ ކަމަށް ބައިނަލްއަގުވާމީ މާހިރުން ލަފާދީފައިވާ ކަމަށެވެ.




