އާންމު އެންޓި ބަޔޮޓިކަށް ނުގުޑާ ނުރައްކާތެރި ބެކްޓީރިއާއެއް އައިޖީއެމްއެޗުގެ އެންއައިސީޔޫން ފެނިއްޖެ ކަމަށާއި، ބެކްޓީރިއާ ފެނުނީ ދުވަސް ނުފުރާ ވިހޭ ފަސް ކުއްޖެއްގެ ގައިން ކަމަށް އައިޖީއެމްއެޗުން ބުނެފި އެވެ.
އައިޖީއެމްއެޗުން ބުނީ ފަސް ކުދިންގެ ގައިން ފެނިފައިވަނީގިނަ ބާވަތްތަކުގެ ބޭހަށް ނުގުޑާ ޖަރާސީމެއް ނުވަތަ މަލްޓި-ޑްރަގް ރެޒިސްޓަންޓް އޯގަނިޒަމްސް (އެމްޑީއާރްއޯ) ކަމަށެވެ.
އައިޖީއެމްއެޗުން ބުނިގޮތުގައި ވަރަށް ބަލި މީހުންނަށް ފަރުވާ ދޭ ތަންތަނުގައި ބައެއް ފަހަރު މި ފަދަ ބެކްޓީރިއާތައް އުފަންވެ އެވެ. އަދި މި ބެކްޓީރިއާ އާއްމު އެންޓި ބަޔޮޓިކަށް ނުގުޑާނެ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.
ބެކްޓީރިއާ ދެނެގަނެވުމާއެކު އިތުރަށް ފެތުރުނަ ނުދިނުމަށް ވަރުގަދަ ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި މި ބެކްޓީރިއާގެ ސަބަބުން އެއްވެސް ކުއްޖެއް އަދި ސިއްހީ ފަރުވާ ދޭ މީހަކު ބަލި ނުވާ ކަމަށް އައިޖީއެމްއެޗުން ބުންޏެވެ.