މިއީ މަސައްކަތްތެރިންދެކެ ބިރު ގަންނަ ސަރުކާރެއް، ބަލަނީ މަސައްކަތްތެރިންގެ ހައްގުތައްނުދީ އެމީހުން ކޮންޓްރޯލު ކުރަން

މިއީ މަސައްކަތްތެރިންދެކެ ބިރު ގަންނަ ސަރުކާރެއް، ބަލަނީ މަސައްކަތްތެރިންގެ ހައްގުތައްނުދީ އެމީހުން ކޮންޓްރޯލު ކުރަން

މި ސަރުކާރުން މަސައްކަތް ކުރަމުންދަނީ މަސައްކަތްތެރިންގެ ހިދުމަތްކޮށް، އެ މީހުންގެ ހައްގުތައް ދިފާއުކުރުމުގެ ބަދަލުގައި މަސައްކަތްތެރިން ކޮންޓްރޯލް ކުރަން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރާ މަސައްކަތްތެރިންގެ ދުވަހާ ގުޅިގެން ޝާހިދު އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ގައުމު ކުރިއަރުވައި ކުރިއަށް ގެންދަނީ މަސައްކަތްތެރިން ކަމަށެވެ.

ޝާހިދު ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސިޔާސަތުތަކުގެ ސަބަބުން ތަކެތީގެ އަގު ބޮޑުވެ، މަސައްކަތްތެރިންނަށް އެތަކެއް ތަކުލީފެއް ޖެހިފައިވާ ކަމަށެވެ. މަސައްކަތްތެރިންގެ ވަޒީފާގެ ޔަގީންކަން ގެއްލި މަސައްކަތްތެރިންގެ މިނިވަންކަމަށް ރައީސް މުއިއްޒު އަރައިގަންނަމުންދާ ކަމަށް ޝާހިދު ވިދާޅުވި އެވެ.

"ގައުމު ބިނާކުރާ މަސައްކަތްތެރިންނަށް އެ މީހުންގެ އާއިލާއަށް ކާބޯތަކެތި ފޯރުކޮށް ނުދެވެެންޏާ މާނައަކީ ކޮންމެވެސް ކަމެއް ވަރަށް ގޯހޭ. މަސައްކަތްތެރިންދެކެ ބިރުގަންނަ ސަރުކާރަކުން އެ މީހުންނަށް ހިދުމަތެއް ނުދޭނެ. އެފަދަ ސަރުކާރު ތަކުން މަސައްކަތް ކުރާނީ އެ މީހުން ކޮންޓްރޯޯލްކޮށް ހައްގުތައް ނުދޭން" ޝާހިދު ވިދާޅުވި އެވެ.

މަސައްކަތްތެރިންނާ ދެކޮޅު ސަރުކާރަކަށް ވެރިކަމުގައ އޮވެވިގެން ނުވާނެ ކަމަށާއި، ކޮންމެ ގައުމެއްގައިވެސް އިންސާފު ގާއިމު ވެގެންދަނީ އެ ގައުމުގެ މަސައްކަތްތެރިންނާމެދު ސަރުކާރުތަކުން އަމަލުކުރާ ގޮތެއްގެ ސަބަބުން ކަމަށް ޝާހިދު ވިދާޅުވި އެވެ.

ރައީސް ޑރ. މުއިއްޒުގެ ސަރުކާރު ދަނީ ފެއިލްވަމުން ކަމަށާއި ސިވިލްސާވިސްގެ ތެރޭގައި މުސާރައިގެ ފަރަގު އިންތިހާއަށް ބޮޑު ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި މިއީ ސިވިލްސާވިސްގެ މުސާރަތައް އެއްހަމަކޮށް، ދުވަސްވެފައިވާ މުސާރައިގެ އޮނިގަނޑު ބަދަލުކޮށް ސިވިލްސާވިސްގައި މަސައްކަތްކުރާ މީހުންނަށް އެކަށީގެންވާ މުސާރައެއް ދޭންވީ ވަގުތު ކަމަށް ޝާހިދު ވިދާޅުވި އެވެ. އެކަން ކުރުމުގައި އިތުރަށް ލަސްތަކެއް ވެގެންނުވާނެ ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ.

 

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *