ރާއްޖޭގެ އަސްކަރިއްޔާ ވަރުގަދަކުރަން ވަސީލަތް ހޯދައިދޭތީ ފާޑު ކިޔާނީ ގައުމުދެކެ އެއްވެސް ލޮތްބެއް ނެތް މީހުން ކަމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ދިވެހި ސިފައިންގެ 133 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މިރޭ ކަޅުތުއްކަލާކޮށީގައި ބޭއްވި ރަސްމިއްޔާތެއްގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ ރާއްޖޭގެ އިގުތިސާދީ ސަރަހައްދު ހިމާޔަތްކުރުމަކީ ގާނޫނުން ސިފައިންގެ މައްޗަށް ލާޒިމުކަމެއް ނަމަވެސް އެ ވަސީލަތްތައް ގާއިމުކުރެވިފައި ނުވާ ކަމަށެވެ.
ރައީސް ވިދާޅުވީ ސިފައިންގެ އުޅަނދުތައް ހަލާކުވެފައިވާ ކަމަށާއި އެއީ ފަހުރުވެރި މިނިވަން ގައުމެއްގައި ސިފައިންގެ ވަސީލަތްތައް ހުންނަންޖެހޭ ގޮތްތޯ ރައްޔިތުން ސުވާލުކުރަންޖެހޭ ކަމަށެވެ.
ސިފައިންގެ ގާބިލުކަން އިތުރުކުރުމުގެ މަސައްކަތް މި ސަރުކާރުން ފަށާފައިވާކަން ފާހަގަކުރައްވައި ރައީސް ވިދާޅުވީ ގައުމީ ދިފާއީ ބާރު ވަރުގަދަ ކުރުމަށް ކުރެވޭ މަސައްކަތަކީ ރާއްޖޭގެ ހިމާޔަތްތެރިކަމާއި ރައްކާތެރިކަމާއި މިނިވަންކަމަށްޓަކައި އަދި އެ މިނިވަންކަން އަންނަން އޮތް ޖީލުތަކަށް ފޯރުކޮށްދިނުމަށްޓަކައި ފަހުރުވެރިކަމާއެކީ ކުރަންޖެހޭ ކަމެއް ކަމަށާއި އެއީ ލަދުގަންނަންޖެހޭ ކަމެއް ނޫން ކަމަށެވެ.
”އެކަމާ މަލާމާތް ކުރާ މީހުންނަކީ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ގައުމިއްޔަތު ކަމެއް ނެތް، ގައުމީ ލޯތްބެއް ނެތް، މަވެތިކަމުގެ އިންތިހާއަށް ގޮސްފައިވާ، ސިޔާސީ ގޮތުން ގޮސް ގައުމު ކޮންމެ ފަދަ ގޮތަކަށްވިޔަސް ވަރިހަމަ ވިސްނުމުގައި ތިބި ބައެއް. އެ ވިސްނުމުން ގައުމު ސަލާމަތްކުރުމަކީ ގައުމު ދެކެ ލޯބިވާ ކޮންމެ ދިވެހި ރައްޔިތެއްގެ ވާޖިބެއް…އަޅުގަނޑު މި މަސައްކަތް މިކުރަނީ ފަހުރުވެރިކަމާއެކީގައި. އިރާދަކުރެވިއްޔާ ދިވެހި ސިފައިންގެ ހުރިހާ ބާރުތަކަކަށް ކުރިއެރުން ގެނެސްދިނުމުގައި ދާނީ ފަހުރުވެރިކަމާއެކު ކުރިއަށް،“ ރައީސް ވިދާޅުވި އެވެ.