ރާއްޖޭގެ ގައުމީ ޓީމާއި އިންޑިޔާގެ ގައުމީ ޓީމު މިރޭ އިންޑިޔާގައި ކުޅުނު މެޗު 3-0 ން ފަސޭހަ ކަމާއެކު އިންޑިޔާއިން ރާއްޖެ ބަލިކޮށްފިއެވެ.
މިމެޗުގައި އިންޑިޔާގެ ފުރަތަމަ ލަނޑު ޖެހީ މެޗުގެ 35 ވަނަ މިނިޓުގައި ބްރެންޑަން ފެނާންޑޭޒް ނެގި ކޯނަރެއްގައި ރާހުލް ބެހެކޭއެވެ. އޭނާ މި ލަނޑު ޖެހީ ބޮލުޖަހައި ރާއްޖޭގެ ގޯލުގެ ތެރެއަށް ބޯޅަ ވައްދާލައިގެންނެވެ. އިންޑިޔާއިން ލީޑު ފުޅާކޮށް 2-0 އަށް ނަތީޖާ ބަދަލުކޮށްލީ 66 ވަނަ މިނިޓުގައެވެ. މިއީވެސް ކޯނަރެއްގައި ބޮލުން ރާއްޖޭގެ ކޮޅަށް ޖެހި ލަނޑެކެވެ. މި ލަނޑު ރާއްޖޭގެ ކޮޅަށް ޖެހީ ލިސްޓަން ކޮލާސޯއެވެ. އިންޑިޔާއިން ރާއްޖެއަށް އެނބުރި އަތުނުވާނެކަން ކަށަވަރުކޮށް 3 ވަނަ ލަނޑު ޖެހީ 76 ވަނަ މިނިޓުގައެވެ.
މި ލަނޑު ރާއްޖޭގެ ކޮޅަށް ޖެހީ އަހަރެއްހާ ދުވަހު ގައުމީޓީމާ ދުރުގައި ހުރުމަށްފަހު އެނބުރި އައި ސުނިލް ޗެތްރީއެވެ. ދުވަސްވީ ތަޖުރިބާކާރު ޗެތްރީގެ މި މެޗަކީ ގައުމީ ޓީމުން ރިޓަޔަރ ކުރުމަށްފަހު އެނބުރި ގައުމީ ޓީމަށް އައިސް ޖެހި ފުރަތަމަ ލަނޑެވެ. އޭނާ ގައުމީ ޓީމަށް ގެނެސްފައި ވަނީ ޓީމު ވަރުގަދަ ކުރުމަށް ކަމަށް އިންޑިޔާގެ ކޯޗު ބުނެފައިވެއެވެ.
މި މެޗުގައި ރާއްޖެއަށް ލަނޑު ޖަހާނެ މާގިނަ ފުރުސަތު ތަކެއް ތަނަވަސް ކުރެވިފައި ނުވިޔަސް، އިންޑިޔާގެ ގޯލު ފޫއަޅުވާލާނެ ފުރުޞަތު ރާއްޖެއަށްވެސް ފަހިވެގެން ގޮސްފައިވެއެވެ. ނަމަވެސް އެކަން ކާމިޔާބު ކުރެވޭގޮތެއް ނުވިއެވެ. މިމެޗުގައި ރާއްޖޭގެ ޒުވާން ގޯލްކީޕަރު ހުސައިން ޝަރީފުގެ ކުޅުން ފާހަގަ ކުރެވުނެވެ. އޭނާގެ ހުޝިޔާރުކަން ނެތްނަމަ އިންޑިޔާއިން 3 ލަނޑަށްވުރެ ގިނަ ލަނޑު މިރޭގެ މެޗުގައި ރާއްޖެކޮޅަށް ޖެހުމުގެ ފުރުޞަތު ބޮޑުވީހެވެ. އޭނާ ވަނީ އިންޑިޔާއިން ފޮނުވި ނުރައްކާތެރި ހަމަލާތަކެއް މައިތިރިކޮށްފައެވެ.
ރާއްޖެ ދެން ބައްދަލު ކުރާނީ އޭޝިޔާން ކަޕް ކޮލިފައިންގައި ފިލިޕީންސްއާއެވެ. މިމެޗު އޮންނާނީ އަންނަ އަންގާރަ ދުވަހުއެވެ. ހަމަ އެދުވަހު އިންޑިޔާވެސް ބަންގްލަދޭޝްއާ ބައްދަލު ކުރާނެއެވެ.