ތެލުގެ ވައްކަމާއި ގުޅިގެން އެސްޓީއޯ ބޯޑު މެންބަރުން މާލިއްްޔަތު ކޮމިޓީއަށް

ތެލުގެ ވައްކަމާއި ގުޅިގެން އެސްޓީއޯ ބޯޑު މެންބަރުން މާލިއްްޔަތު ކޮމިޓީއަށް

28 މިލިޔަން ރުފިޔާގެ ތެލުގެ ބޮޑު ޚިޔާނާތަކާ ގުޅިގެން އެސްޓީއޯގެ ބޯޑު މެންބަރުން ރައްޔިތުންގެ މަޖިލީހުގެ މާލިއްޔަތު ކޮމިޓީއަށް ހާޒިރު ކުރަން ނިންމައިފިއެވެ.

ތެލުގެ މުއާމަލާތްތައް ކުރުމަށް، އެސްޓީއޯގެ ދަށުން ހިންގާ ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް)ގެ މުވައްޒަފުންތަކެއް އެ ކުންފުނީގެ ތެލުން ވައްކަންކޮށް، އެކަމުން ލިބޭ ފައިސާ ލޯންޑާ ކުރަމުންދާ ކަމަށް ތުހުމަތު ކުރެވޭ މައްސަލައެއް ފުލުހުން ވަނީ ތަހުގީގު ކުރަން ފަށައިފައެވެ.

މާލިއްޔަތު ކޮމިޓީގެ މިއަދުގެ ބައްދަލުވުމުގައި އޮތީ، މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) އިން 2018 އިން 2019 އާ ދެމެދު އޮޕަރޭޝަން ތަކަށް ބޭނުންވާ ޑީސަލް ގަތުމުގެ މުއާމަލާތްތަކާ ގުޅޭ ހާއްސަ އޮޑިޓު ރިޕޯޓު ދިރާސާ ކުރުމެވެ.

ކޮމިޓީ ބައްދަލުވުން ފައްޓަވަމުން ކޮމިޓީގެ މުގައްރިރު މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް ވިދާޅުވީ، އެމްޕީއެލްއަށް ބޭނުންވާ ޑީސަލް ގަތުމާބެހޭ މުއާމަލާތް ތަކުން، 28.3 މިލިޔަން ރުފިޔާގެ ތެލުގެ ޚިޔާނާތް ތަކެއް، 2018، 2019، 2020، ގައި ހިނގާފައިވާ ކަމަށް އޮޑިޓް ރިޕޯޓުން ދައްކާ ކަމަށެވެ.

އެސްޓީއޯގެ ބޯޑު މެންބަރުން ކޮމިޓީއަށް ހާޒިރު ކުރަން ހުށަހަޅުއްވަމުން، ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ދިއްގަރު ދާއިރާގެ މެންބަރު އަހުމަދު ނާޒިމް ވިދާޅުވީ، މި މައްސަލައިގައި ގުޅުން ހުރި މީހުންގެ މައްޗަށް އެޅި ފިޔަަވަޅު ތަކަކީ ކޮބައިތޯ އާއި، ޚިޔާނާތުގެ ފައިސާ ރިކަވާ ކުރަން ކޮށްފައިވާ މަސައްކަތްތަކާއި، އެކަމާގުޅުން ހުރި ފަރާތް ތަކަށް ޖިނާއީ ދައުވާ ކޮށްފައވޭތޯ އޮޅުން ފިލުވަން ބޭނުންވާ ކަމަށެވެ.

ނާޒިމް ވިދާޅުވީ، ތެލުގެ ވައްކަމުުގެ މައްސަލައަކީ އެ ކުންފުނީގެ އެންމެ މަތިން ފެށިގެން ދޯނި ތަކުގެ ކެޕްޓަނުންނާއި މުވައްޒަފުންނާ ހަމައަށް މޫލާފައިވާ މައްސަލައެއް ކަަމަށެވެ.

އެ މައްސަލައިގައި އޮޑިޓް ކޮށްފައިވަނީ، އެސްޓީއޯ ބޯޑުގެ އޮޑިޓް ކޮމިޓީން ކަމަށާއި، އެ ކޮމިޓީއަށް ލިބިފައިވާ މައުލޫމާތުތައް އޮޅުން ފިލުވަން ބޭނުންވާ ކަމަށްވެސްް ނާޒިމް ވިދާޅުވިއެވެ.

މި މައްސަލައިގައި ކޮރަޕްޝަން ހުއްޓުވުމަށް ފިޔަވަޅު އަޅަންޖެހޭނެ ކަަމަށް ވިދާޅުވެ މެންބަރުން ވަނީ އެސްޓީއޯގެ ބޯޑު ކޮމިޓީއަށް ހާޒިރު ކުރަން ފާސް ކޮށްފައެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *