މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން އަމިއްލަ ވަޒަން ދޫކޮށް ދާން ނުޖެހޭނެކަން ޔަގީންކުރުމަކީ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިހެން ވިދާޅުވީ ތުރުކީގައި މިހާރު ކުރިއަށްދާ ކޮޕް31 ސަމިޓުގެ ތެރެއިން ބޭއްވި ބައްދަލުވުމެއްގައި ކަނޑުގެ ލޮނުގަނޑު އުސްވަމުންދިއުމުގެ ސަބަބުން ކުރިމަތިވާ ނުރައްކާތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުޢިއްޒު ވިދާޅުވީ ކަނޑުގެ ލޮނުގަނޑު އުސްވަމުން ދިއުމަކީ ދުރުގައި އޮތް ނުރައްކަލެއް ނޫންކަމަށާއި، އެއީ ރާއްޖޭގެ ތަރައްޤީއާއި ސަލާމަތަށް މިހާރުވެސް ކުރިމަތިވެފައި އޮތް ނުރައްކަލެއްކަަމަށެވެ. ރައީސް ވިދާޅުވީ އަޅުގަނޑުމެންގެ ރަށްތަކަކީ ހަމައެކަނި ބިމެއް ނޫންކަމަށާއި އެއީ ދިވެހިންގެ އަސްލާއި ތާރީހާއި ގުޅިފައިވާ މުހިއްމު ތަންތަންކަމަށެވެ.
"ބިމުގެ ސަރަހައްދުން ކުޑަނަމަވެސް ތަންކޮޅެއް ގެއްލިގެން ދިއުމަކީ އަޅުގަނޑުމެންގެ ސިޔާދަތާއި މިނިވަންކަމާއި ސަގާފަތާއި މުސްތަޤްބަލަށް ކުރިމަތިވާނޭ ނިކަމެތިކަމެއް" ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުގެ ނުރައްކާ ރާއްޖެއަށް ބޮޑުވަމުންދާއިރު، ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދެއްވައިގެން ކުރައްވާ މަސައްކަތަކީ އަމިއްލަ ވަޒަން ދޫކޮށް ދާން ނުޖެހޭނެކަން ޔަގީންކުރުމަށް ކުރަންޖެހޭ މަސައްކަތްތައްކަމަށެވެ. އެގޮތުން ގޮނޑުދޮށްތަކާއި ފަރުތަކާއި ކުޅިތަކަކީ ރަށްރަށުގެ އެންމެ ބޮޑު ދިފާއުއަށްވާއިރު، އެތަންތަން ހިމާޔަތްކޮށް ރައްކާތެރިކުރުމަށް ސަރުކާރުން މަސައްކަތްކުރައްވަމުން ގެންދަވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެކަންކަން އެންމެ ފުރިހަމަ ގޮތުގައި ކުރިއަށްގެންދިއުމަށް ބޭނުންވާ ސައިންޓިފިކް މައުލޫމާތާއި މާލީ އެހީ ލިބެންޖެހޭކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ ވިލުންތެރި ރާއްޖެއެއް ބިނާކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ކަނޑުގެ ލޮނުގަނޑަށްވުރެ އުސްކޮށް ޒަމާނީ ސަަހަރުތައް ބިނާކުރަމުންދާކަމަށެވެ.
"އަޅުގަނޑުމެން މިދަނީ ރަސްމާލެ ތަރައްޤީކުރަމުން. އެތަނަކީ ކަނޑުގެ ލޮނުގަނޑަށްވުރެ އުސްކޮށް ތަރައްގީކުރާ ސަހަރަކަށްވާއިރު ތިމާވެއްޓާއި ރަށްޓެހި އެ ސަހަރުގައި ބޭނުންކުރާނީ ހަމައެކަނި އިއާދަކުރަނިވި ހަކަތަ" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ފިޔަވަޅުތައް އަޅަންޖެހޭނީ ނުރައްކާތައް ކުރިމަތިވުމުން ނޫންކަމަށާއި، އެކަންކަމަކީ ތަރައްޤީގެ ޕްލޭންތަކުގައި ކޮންމެހެންވެސް ހިމަނަންޖެހޭ ކަންކަންކަމަށެވެ. އަދި އެއީ ތަރައްޤީވެފައިވާ ޤައުމަކަށް ރާއްޖެކުރާ ދަތުރުގައި އެންމެ އިސްކަންދޭ މަސައްކަތްކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސްގެ ވާހަކަފުޅުގައި ވަނީ މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް ރާއްޖެއިން ކުރާ މަސައްކަތަށް ބައިނަލްއަޤްވާމީ އެހީތެރިކަން ބޭނުންވާކަން ތަކުރާރުކުރައްވާފައެވެ.






