ތަރައްޤީވަމުން އަންނަ ކުދި ޖަޒީރާ ޤައުމުތަކަށް ތަރައްޤީއާއި މޫސުމީ ވިލުންތެރިކަމަކީ ވަކިނުކުރެވޭނެ ދެކަންކަމަށާއި، ކުދި ޖަޒީރާ ޤައުމުތަކަށް ކުރިމަތިވެފައިވާ ނާޒުކު ޙާލަތުން އަރައިގަތުމަށް އެކަށީގެންވާ ލުއި މާލީ އެހީތެރިކަން ބޭނުންވާކަމުގައި ރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާ މި މޭރުމުން ވާހަކަފުޅުދެއްކެވީ ތުރުކީވިލާތުގެ އަންތާލިޔާގައި މިހާރު ކުރިއަށްދާ ކޮޕް31 ލީޑަރސް ސަމިޓުގެ ހަވާސާގައި ބޭއްވި "ހައި-ލެވެލް ރައުންޑްޓޭބަލް އޮން ދަ ސެކަންޑް ޑިކޭޑް އޮފް ދަ ޕެރިސް އެގްރީމަންޓް: އެކްސެލެރޭޓިންގ އިމްޕްލިމެންޓޭޝަން އެންޑް އެކްސެސް ޓު ފައިނޭންސް"ގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި، ކުދި ޖަޒީރާ ޤައުމުތަކަށް މޫސުމީ ބަދަލުތަކުގެ ސަބަބުން ކުރިމަތިވާ ގޮންޖެހުންތަކަކީ ސާފުކޮށް ފެންނަން ހުރި ކަންކަންކަމުގައި ވިދާޅުވިއެވެ. އެގޮތުން، ރާއްޖެއިން ވަނީ މޫސުމީ ވިލުންތެރިކަން ކަށަވަރުކުރެވޭ، މާލީގޮތުން ހަރުދަނާ މަޝްރޫޢުތައް، އެތައް އަހަރުތަކެއްގައި ތަރައްޤީކޮށް، މޫސުމީ ވިލުންތެރިކަމަކީ ތަރައްޤީގެ އަމާޒުތަކުގެ ތެރެއިން އަމާޒެއްކަމުގައި ހަދާ، ބައިނަލްއަޤްވާމީ އެކި މަންސަތަކުގައި އެކަމަށް ވަކާލާތުކޮށްފައިކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ނަމަވެސް، އެފަދަ ނިޒާމުތައް ކާމިޔާބުކަމާއެކު ހިންގުމަށް ބައިނަލްއަޤްވާމީ މާލީ ނިޒާމުގެ ތެރެއިން ފުރުޞަތުތައް ވަރަށް ހަނި ކަމަށާއި އަދި ރާއްޖެފަދަ ކުދި ޖަޒީރާ ޤައުމުތަކުން އެފަދަ މަޝްރޫޢުތައް ހިންގާ، ރައްޔިތުންނާއި ޤައުމުގެ ސަލާމަތް ކަށަވަރުކުރުމަށް ދަރަނިވެރިވުމަށް މަޖުބޫރުކުރުވާ ކަމުގައިވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި މިފަދަ ގޮންޖެހުންތައް ޙައްލުކުރުމަކީ ކުދި ޖަޒީރާ ޤައުމުތަކަށް އެކަނި ވާނޭކަމެއް ނޫންކަމަށާއި އެކަމަށް ގުޅިފައިވާ ބައިނަލްއަޤްވާމީ މަސައްކަތްތަކެއް ކުރެވެންޖެހޭކަމުގައި ވިދާޅުވިއެވެ. އެގޮތުން، ކްލައިމެޓް ފައިނޭންސިންގ ވާން ވާނީ ކުދި ޖަޒީރާ ޤައުމުތަކުގެ ނާޒުކުކަމާއި، ގޮންޖެހުންތަކާއި، މާލީ ދަތިތަކަށް އެކަށީގެންވާ ޙައްލެއް ހޯދޭފަދަ ފައިނޭންސިންގއަކަށް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، ހުރިހާ ކުދި ޖަޒީރާ ޤައުމުތައް އެއް ހަމައަކުން މިނައިގެންނުވާނޭ ކަމަށާއި، އެފަދަ ނާޒުކުކަން މިނާ ހަމައެކަނި ގޮތަކީ އެޤައުމުގެ އިޤްތިޞާދު ކަމުގައި ވެގެންނުވާނޭކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އެފަދަ ކަންކަން ޙައްލުކުރުމުގައި ކުދި ޖަޒީރާ ޤައުމެއްކަމަށްވާ، އެންޓީގާ އެންޑް ބާބިއުޑާގެ އުސޫލުތައް ފާހަގަކުރެއްވިއެވެ. އޭގެތެރޭގައި، މޫސުމީ ބަދަލުތަކަށް ވިލުންތެރި ނިޒާމުތައް ޤާޢިމްކުރުމާއި، މޫސުމަށް ހޭނުމަށް ބޭނުންވާ ފައިސާ ހިމެނޭހެން އެކަށީގެންވާ އަދި ލުއި މާލީ އެހީތެރިކަން ހޯދުމުގެ ފުރުޞަތުތައް ފަހިކުރުމާއި، ދެމެހެއްޓެނިވި ތަރައްޤީއާއި މޫސުމީ ވިލުންތެރިކަން ކަށަވަރުކުރުމަށް ބޭނުންވާ ބައިނަލްއަޤްވާމީ އެހީތެރިކަން އިތުރަށް ކަށަވަރުކުރުން ހިމެނޭކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި އެފަދަ ކަންކަން ފަހިކުރުމަށް އެކުލަވާލާފައިވާ ބްރިޖް އިނީޝިއޭޓިވްއަށް މަރުޙަބާ ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅު ނިންމަވާލައްވާފައިވަނީ، ޕެރިސް އެގްރީމަންޓް އެކުލަވާލުމަށް ވިހިއަހަރު ވެފައިވާކަން ފާހަގަކުރައްވައި، ޕެރިސް އެގްރީމަންޓް އެކުލަވާލެވުނުއިރު، އެއްބަސްވެވުނު އަސާސްތައް ނެގެހެއްޓުމުގައި ޤައުމުތަކުން ދެމިތިބުމަށް ގޮވާލައްވަމުންނެވެ. އަދި، ބައިނަލްއަޤްވާމީ ލީޑަރުން ވެވަޑައިގެންފައިވާ ވަޢުދުތައް ފުއްދަވަންވާނޭކަމަށާއި އެފަދަ ފަރާތްތަކުގެ ދައުރު މިނާނީ މިފަދަ ޙާލަތްތަކުގައި އެންމެ ނިކަމެތި ފަރާތްތަކުގެ ޙައްޤުގައި ކޮށްފައިވާ މަސައްކަތްތަކުގެ މައްޗަށް ބިނާކޮށް ކަމުގަައި އެމަނިކުފާނު ވިދާޅުވިއެވެ.






