ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ބާއްވަން ނުޖެހޭ ގޮތަށް ޤާނޫނުއަސާސީ އިސްލާޙު ކުރުމަށް މި ސަރުކާރުން ކުރަމުން އަންނަ މަސައްކަތުގެ މަގްސަދަކީ އިންތިޚާބުގެ ވޯޓު ގަނޑުބަޑު ކުރުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީން އާޓިފިޝަލް ބީޗުގައި މިރޭ ބޭއްވި ޖަލްސާއެއްގައި ވާހަކަ ދައްކަވަމުން ޝާހިދު ވިދާޅުވީ ޚަރަދު ކުޑަކުރުމުގެ ނަމުގައި ރިޔާސީ އިންތިޚާބުގެ ދެވަނަ ބުރެއް ނުބާއްވަން އުޅެނީ ވޯޓު ގުނުމުގެ ނަމުގައި މާލެއަށް ވޯޓުފޮށިތައް ގެނެސް، ވޯޓު ފޮށީގައި ބަނޑު އެޅުމަށް ކަމަށެވެ.
"މި ހަދަން އުޅޭ އެއްޗަކީ ޕްރިފެރެންޝަލް ވޯޓު ގުނާނީ މާލޭގައޭ ކިޔާފައި ވޯޓު ކަރުދާސްތަކާއި ވޯޓު ފޮށިތައް މާލެ ގެނެސް، ވޯޓު ފޮށީގައި ބަނޑު އެޅުމުގެ މަސައްކަތް އަނެއްކާ މި ފައްޓަވަނީ. އަނެއްކާ މިއުޅެނީ 2008 ގެ ކުރިއަށް މި ގައުމު ގެންދަން. އެ ފުރުސަތު އަޅުގަނޑުމެން ދީގެން ނުވާނެ،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ ރައްޔިތުންނަށް ނުފެންނަ ގޮތަކަށް ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންގޮސްގެން ނުވާނެ ކަމަށާއި ވޯޓު ގުނުމުގެ ކަންކަން ކުރިއަށް ގެންދަން ޖެހޭނީ މިހާރުވެސް އެކަން ކުރަމުންދާ ގޮތަށް ރައްޔިތުންގެ ކުރިމަތީގައި އެ ރައްޔިތުންގެ ހާޒިރުގައި ފެންނަ ގޮތަށް ކަމަށެވެ. ނަމަވެސް ރައީސް ޑރ. މުހައްމަދު މުއިއްޒު މަސައްކަތް ކުރައްވަނީ ވެރިކަމުގެ ނިޒާމު "ރަސްކަމަކަށް" ބަދަލު ކުރުމަށް ކަމަށް ޝާހިދު ވިދާޅުވި އެވެ. އަދި ވެރިކަމުގެ ނިޒާމު ބަދަލު ކުރުމުގެ ފުރުސަތު ރައްޔިތުން ދީގެން ނުވާނެ ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޑިމޮކްރަސީ މިއަދު މިވަނީ ވަރަށް ބޮޑު ގޮންޖެހުމަކާ ދިމާލަށް މިސްރާބު ޖަހާފައި. މިއަދު ވެރިކަމުގައި ހުންނެވި ރައީސްގެ ބޭނުންފުޅަކަށް މިވަނީ ރާއްޖެ ރަސްކަމަކަށް ބަދަލު ކޮށްލެއްވުން. އެ ދިމާލަށް ހިފާފައި މިހުރީ. ނަމަނަމަ އެ ފުރުސަތު ނުދެއްވާތި،" ޝާހިދު ވިދާޅުވި އެވެ.
ރާއްޖޭގެ ޖުމްހޫރީ ދުވަސް ފާހަގަކުރި ރަސްމީ ޖަލްސާގައި ރައީސް މުއިއްޒު ޕްރިފެރެންޝަލް ވޯޓު ނަގާ ވާހަކަ ދެއްކުމަކީ ކަންބޮޑުވާން ޖެހޭކަމެއް ކަމަށްވެސް ޝާހިދު ވިދާޅުވި އެވެ. އެގޮތުން މިހާރުން ފެށިގެން އަޒުމު ވަރުގަދަ ކުރަންވީ މި ސަރުކާރު ބަލިކޮށްލައި، ސަރުކާރަށް ޖާގައެއް ނުދިނުމަށް ކަމަށާއި އެމްޑީޕީ އޮތީ އެ އަޒުމުގައި ކަމަށްވެސް ޝާހިދު ވިދާޅުވިއެވެ.