މަންޓާ އެއާގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަކިކޮށްފި

މަންޓާ އެއާގެ އެތެރޭގެ އުދުހުންތައް ހުއްޓާލައި، ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަކިކޮށްފި

ދިވެހިރާއްޖޭގައި ފުޅާ ދާއިރާއެއްގައި އެތެރޭގެ އުދުހުންތަކުގެ ޚިދުމަތް ދެމުން އައި އަމިއްލަ އެއާލައިން، މަންޓާ އެއާގެ އެތެރޭގެ ދަތުރުތައް އެއްކޮށް ހުއްޓާލައި، އެ އޮޕަރޭޝަންގައި މަސައްކަތްކުރި ހުރިހާ ޕައިލެޓުންނާއި ކެބިން ކްރޫއިން ވަޒީފާއިން ވަކިކޮށްފިއެވެ.

މަންޓާ އެއާގެ ޑެޕިއުޓީ ސީއީއޯ އަޙްމަދު މަޢުމޫން ސޮއިކުރައްވައި މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ބަޔާންކޮށްފައިވާ ގޮތުގައި، ވަޒީފާއާ ބެހޭ ޤާނޫނާއި ރިޑަންޑަންސީގެ އުސޫލުތަކާ އެއްގޮތްވާ ގޮތުގެ މަތިން، އެ ކުންފުނީގެ އޭޓީއާރު (ATR) ފްލީޓްގެ ހުރިހާ ފަޅުވެރިން ވޭތުވެދިޔަ ހަފުތާއިން ފެށިގެން ވަނީ އޮޕަރޭޝަނަލް މަސްއޫލިއްޔަތުތަކުން ދޫކޮށްލާފައެވެ.

ކުންފުނިން ހާމަކުރި ގޮތުގައި މި ފިޔަވަޅު އަޅަން ޖެހުނީ ޕާކިސްތާނުގެ ސައުތު އެއާލައިންސްއާއެކު ވެފައިވާ ވެޓް-ލީސް އެއްބަސްވުން ހަމަވުމާ ގުޅިގެންނެވެ. އަދި ބޭނުންކުރަމުން ދިޔަ ބޯޓުތަކަށް ދިމާވި ޓެކްނިކަލް މައްސަލަތަކުގެ ސަބަބުން، އެ އޮޕަރޭޝަން އިތުރަށް ދެމެހެއްޓެނިވި ގޮތެއްގައި ކުރިއަށް ގެންދެވެން ނެތުމަކީ ވެސް މި ނިންމުން ނިންމަން ޖެހުނު މައިގަނޑު އެއް ސަބަބު ކަމަށް މެމޯގައި ފާހަގަކޮށްފައިވެއެވެ.

މުވައްޒަފުން ވަކިކުރަން ނިންމީ މަންޓާ އެއާގެ އެތެރޭގެ އުދުހުންތައް މުޅިން ހުއްޓާލުމަށް ނިންމުމާ ގުޅިގެންނެވެ. ލިބޭ ގެއްލުންތައް ކުޑަކުރުމުގެ ފިޔަވަޅެއްގެ ގޮތުން، އަމިއްލައަށް އެދިގެން ވަޒީފާއިން ވަކިވުމުގެ އިޚްތިޔާރު ހުރިހާ މުވައްޒަފުންނަށް ދީފައިވާ ކަމަށާއި، މިގޮތަށް ވަކިވާ މުވައްޒަފުންނަށް ނޯޓިސް ޕީރިއަޑްގެ ފުރިހަމަ އުޖޫރަ ދޭނެކަން ކުންފުނިން ވަނީ ކަށަވަރުކޮށްދީފައެވެ.

މި ނިންމުމުގެ ސަބަބުން މުވައްޒަފުންނަށާއި އެމީހުންގެ ޢާއިލާތަކަށް ކުރާނެ ނޭދެވޭ އަސަރުތައް ކުންފުނިން ބަލައިގަންނަ ކަމަށް މެމޯގައި ބަޔާންކޮށްފައިވެއެވެ. އަދި މެނޭޖްމަންޓުން ސާފުކޮށްދިން ގޮތުގައި، މުވައްޒަފުން ދޫކޮށްލަން ނިންމި ނިންމުމަކީ އެ ފަރާތްތަކުގެ މަސައްކަތުގެ ފެންވަރާ ގުޅިގެން ނިންމި ނިންމުމެއް ނޫނެވެ. މީގެ އިތުރުން، މިފަދަ ދަތި އުނދަގޫ ދަނޑިވަޅެއްގައި ވެސް މުވައްޒަފުން ކޮށްދިން ޚިދުމަތްތަކަށް މެނޭޖްމަންޓުން ވަނީ ޝުކުރު އަދާކޮށްފައެވެ.

މަޢުލޫމާތު އެނގޭ ފަރާތްތަކުން ޚަބަރުދޭ ގޮތުގައި، މަންޓާ އެއާގެ އެތެރޭގެ އުދުހުންތައް އެއްކޮށް ހުއްޓާލަން ނިންމި މައިގަނޑު ސަބަބަކީ، ފައިދާވާނެ އަދި ދެމެހެއްޓެނިވި ގޮތެއްގައި މި ޚިދުމަތް އިތުރަށް ފުޅާކުރުމަށް މިވަގުތު އޮތް ފުރުޞަތުތައް ހަނިވުމެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *