ރާއްޖޭގައި ޖިނާއީ ކުށުގެ ޒިންމާ އުފުލަން ޖެހޭ އެންމެ ދަށް އުމުރަކީ 12 އަހަރު ކަމުގައި ހަމަޖެއްސުމަށްޓަކައި ސަރުކާރުން ފުޅާ ދާއިރާއެއްގައި މަޝްވަރާތައް ކުރަމުންދާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.
މިއަދު އޮތް ބައްދަލުވުމެއްގައި ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، ކުށުގެ ވެށީގައި އުޅޭ ކުދިން އެކަމުން ދުރުކުރުމަށްޓަކައި ގާނޫނަށް ގެންނަންޖެހޭ އިސްލާހުތަކުގެ ތެރެއިން، ކުށުގެ ޒިންމާ އުފުލަން ޖެހޭ އުމުރު 12 އަހަރަށް ތިރިކުރުމުގެ މަޝްވަރާތައް ކުރިއަށްދާ ކަމަށެވެ. މިހާރު އަމަލުކުރަމުންދާ ކުޑަކުދިންގެ އަދުލުގެ ގާނޫނު ބުނާ ގޮތުން ޖިނާއީ ޒިންމާ އުފުލަން ޖެހެނީ 15 އަހަރު ފުރުމުންނެވެ.
އުމުރު ދަށްކުރަން ވިސްނަވާ ސަބަބު ހާމަކުރައްވަމުން މިނިސްޓަރު ވިދާޅުވީ، މިއީ އެ ކުދިންނަށް އަދަބު ދިނުމުގެ މަގުސަދުގައި ކުރާ ކަމެއް ނޫން ކަމަށެވެ. ނަމަވެސް، މިހާރު ފެންނަ ހަގީގަތަކީ އުމުރުން 13 އަހަރާއި 14 އަހަރުގެ ކުދިން ކުށުގެ މާހައުލުގައި ވަރަށް ބޮޑަށް ހަރަކާތްތެރިވަމުންދާ މަންޒަރު ކަމަށާއި، މިހާރު ގާނޫނު އޮތް ގޮތުން އެ ކުދިން އެ ދަލުން ސަލާމަތްކުރުމަށް ދައުލަތަށް ގާނޫނީ ގޮތުން އެޅެން ހުންނަ ފިޔަވަޅުތައް ވަރަށް ބޮޑަށް ލިމިޓުވާ ކަމަށް އިހުސާން ފާހަގަކުރެއްވިއެވެ.
އެހެންކަމުން، މި ބަދަލު ގެނައުމުގެ އަސްލު ބޭނުމަކީ ކުށުގެ ވެށީގައި އުޅޭ ޅަފުރައިގެ ކުދިން އިސްލާހުކޮށް އަނބުރާ މުޖުތަމައުއަށް ގެނައުމަށް ސަރުކާރުން ކުރާ މަސައްކަތްތަކަށް ގާނޫނީ ބާރުވެރިކަން ހޯދައި، އެ މަސައްކަތްތައް ފުޅާކުރުން ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.
މި އިސްލާހު ގެނައުމުގެ ކުރިން، ކުޑަކުދިންގެ ހައްގުތަކާއި ކުޑަކުދިންގެ އަދުލުގެ ދާއިރާގައި މަސައްކަތްކުރައްވާ ފަންނީ މާހިރުންނާއި ކަމާގުޅޭ އެކި ފަރާތްތަކުގެ ފުރިހަމަ ލަފައާއި މަޝްވަރާ ހޯއްދަވާނެ ކަމަށް ވެސް ހޯމް މިނިސްޓަރު ވިދާޅުވިއެވެ.






