ޓެކްސް ބިލު ތަކުގެ މަސައްކަތް ފަށައިފި، ކޮމިޓީގެ މުޤައްރިރަކަށް ގާސިމް

ޓެކްސް ބިލު ތަކުގެ މަސައްކަތް ފަށައިފި، ކޮމިޓީގެ މުޤައްރިރަކަށް ގާސިމް

ޓެކްސް ބޮޑު ކުރުމަށް ޤާނޫނުތައް ބަދަލު ކުރުމަށްޓަކައި ސަރުކާރުން ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ބިލްތައް ދިރާސާކުރާ ކޮމިޓީގެ މުގައްރިރަކަށް، މާމިނގިލީ ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް، އަދި ނާއިބު މުގައްރިރަކަށް ފުވައްމުލަކު މެދުދާއިރާގެ މެންބަރު އަލީ ފަޒާދު އިންތިހާބުކޮށް، ކޮމިޓީގެ މަސައްކަތް ފަށައިފިއެވެ.

ޓެކްސް ބޮޑު ކުރުމަށް ސަރުކާރުން ވަނީ މަޖިލީހަށް 4 ބިލެއް ހުށަހަޅައިފައެވެ. އޭގެ ތެރެއިން ފުރަތަމަ ބިލަކީ، އަންނަ ޖޫން މަހުން ފެށިގެން ޓޫރިޒަމް ދާއިރާއިން ނަގާ ޓެކްސް، (ޓީޖީއެސްޓީ) 17 ޕަސެންޓަށް ބޮޑުކުރަން މުދަލާއި ޚިދުމަތުގެ އަގުން ޓެކްސް ނެގުމުގެ ޤާނޫނަށް އިސްލާހު ގެނައުމަށް މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުސްތަފާ އިބްރާހިމް ހުށަހެޅުއްވި ބިލެކެވެ.

މިބިލުގައި ވަނީ، މިހާރު ނަގަމުން އަންނަ ގޮތަށް 16 ޕަސެންޓުގައި ޓީޖީއެސްޓީ ނަގާނީ އަންނަ އަހަރު މެއި މެހުގެ ނިޔަލަށް ކަމަށެވެ. ނަމަވެސް އެ އަހަރު ޖޫން މަހުން ފެށިގެން ޓީޖީއެސްޓީ 17 ޕަސެންޓުގައި ނަގަން ފަށާނެ ކަމަށް އެ ބިލުގައިވެއެވެ. އެކަމުގެ ސަބަބުން ދައުލަތަށް އިތުރު 200 މިލިއަން ރުފިޔާ ލިބޭނެ ކަމަށް ބިލުގައި ވެއެވެ.

ދެވަނަ ބިލަކީ ގްރީން ޓެކްސް 100 ޕަސެންޓަށް ބޮޑުކުރުމަށާއި ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު ނޫނީ ޓޫރިޒަމަށް ތަންތަން ނުދެވޭގޮތަށް ޤާނޫނު ބަދަލު ކުރުމަށް ޓޫރިޒަމާ ބެހޭ ޤާނޫނަށް އިސްލާހު ގެންނައުމަށް، ސަރުކާރުގެ ފަރާތުން މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު މުސްތަފާ ހުސެއިން ހުށަހެޅުއްވި ބިލެކެވެ.

ޤާނޫނު މިހާރު އޮންނަ ގޮތުން 50 އަށްވުރެ ގިނަ ކޮޓަރި ހިމެނޭ ރިސޯޓުތަކާއި ހޮޓާތަކާއި ޓޫރިސްޓް އުޅަނދުތަކާއި މީހުން ދިރިއުޅޭ ރަށްތަކުގައި ހިންގާ ހޮޓާތަކާއި ގެސްޓްހައުސްތަކުން ގްރީން ޓެކްސްގެ ގޮތުގައި ދައްކަން ޖެހެނީ ބޮލަކަށް ހަ ޑޮލަރެވެ. އެއަށްވުރެ މަދު ކޮޓަރި ހުންނަ ތަންތަނުން ދައްކަން ޖެހެނީ 3 ޑޮލަރެވެ.

ޤާނޫނަށް ހުށަހަޅާފައިވާ އިސްލާހު ގެނައުމުން، ގްރީން ޓެކްސްގެ ގޮތުގައި މިހާރު 6 ޑޮލަރު ދައްކަންޖެހޭ ފަރާތްތަކުން ދައްކަން ޖެހޭނީ 12 ޑޮލަރެވެ. 3 ޑޮލަރު ދައްކަމުން އަންނަ ފަރާތްތަކުން ދައްކަން ޖެހޭނީ 6 ޑޮލަރެވެ. އެއީ 100 ޕަސެންޓުގެ ބޮޑުވުމެކެވެ. ނަމަވެސް ޓޫރިސްޓުންގެ ތެރެއިން ދެ އަހަރުން ދަށުގެ ކުދިންގެ އަތުން ގްރީން ޓެކްސް ނުނެގުމަށް ވަނީ ހިމަނައިފައެވެ.

ބިލުގައިވާ ގޮތުން މިގެންނަ އިސްލާހަށް އަމަލުކުރަން ފަށާނީ އަންނަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެންނެވެ. އަދި މި ޓެކްސް ބޮޑު ކުރުމުން އަންނަ 2025 ވަނަ އަހަރު ދައުލަތަށް ލިބޭ އާމްދަނީ 963.6 މިލިޔަން ރުފިޔާއިން އިތުރުވާނެ ކަމަށްވެސް ބުނެފައިވެއެވެ. ފަތުރުވެރިކަމުގެ ބޭނުމަށް ރަށްރަށާއި ބިންބިމާއި ފަޅު ކުއްޔަށް ދިނުމާ ގުޅޭ އުސޫލަށް ބައެއް ބަދަލު ގެނައުމަށްވެސް މި ބިލުގައި ވަނީ ހުށަހަޅައިފައެވެ.

ގާނޫނުގެ ފަސް ވަނަ މާއްދާގެ (ރ) ގެ ދެވަނަ ނަމްބަރު އުނިކުރަން ބިލުގައި ހުށަހަޅާފައިވާއިރު، އެ ނަމްބަރުގައި ބުނަނީ ރަށެއް ނުވަތަ ބިމެއް ނުވަތަ ފަޅެއް ކުއްޔަށް ދޫކުރުމުގެ ކުރިން، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ހުއްދަ ހޯދަންވާނެ ކަމަށެވެ.

ޤާނޫނުގެ ފަސްވަނަ މާއްދާގެ (ޅ) ގައި ބުނަނީ މި މާއްދާގެ ދަށުން ފަތުރުވެރިކަމާ ބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ އަދަދާއި އެތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުންގެ މަޝްވަރާއާއެކު ޓޫރިޒަމް މިނިސްޓްރީން އެކުލަވާލައި އާއްމު ކުރަންވާނެއެވެ. އަދި ލިސްޓަށް އުނި އިތުރު ގެންނަން ބޭނުންވެއްޖެ ނަމަ، ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ހުއްދައާއެކު އެލިސްޓަށް އުނި އިތުރު ގެނައުމުގެ އިޚްތިޔާރު ޓޫރިޒަމާ ބެހޭ މިނިސްޓްރީއަށް ލިބިގެންވާ ކަމަށްވެސް ބުނެފައިވެއެވެ. މި މާއްދާއަށް ހުށަހަޅާފައިވާ އިސްލާހުގައި ވަނީ، ރައީސުލްޖުމްހޫރިއްޔާގެ އޮފީސް ހިމެނޭ ހުރިހާ ތަނެއް، ރައީސުލްޖުމްހޫރިއްޔާއަށް ބަދަލު ކުރަން ހުށަހަޅައިފައެވެ.

އެގޮތުން ފަތުރުވެރިކަމާބެހޭ ކަންކަމަށް ކޮންމެ މާލީ އަހަރަކު ދޫކުރާ ރަށްރަށާއި ބިންބިމާއި ފަޅުތަކުގެ އަދަދާއި އެތަންތަނާ ބެހޭ މައުލޫމާތު ހިމެނޭ ލިސްޓެއް، ރައީސުލްޖުމްހޫރިއްޔާގެ މަޝްވަރާގެ މަތިން އާއްމު ކުރަންވާނެ ކަމަށް ހިމަނާފައިވާއިރު، އެ ލިސްޓަށް އުނި އިތުރު ގެނެވޭނީ ރައީސުލްޖުމްހޫރިއްޔާގެ ހުއްދައާއެކު ކަަމަށްވެސް ބުނެފައިވެއެވެ.

ތިންވަނަ ބިލަކީ ޑީޕާޗާ ޓެކްސް ބޮޑު ކުރުމަށްޓަކައި، ދިވެހިރާއްޖޭގެ އެއާރޕޯޓަކުން ދިވެހިރާއްޖޭން ބޭރަށް ފުރާ ފަސިންޖަރުންގެ އަތުން ޓެކުހާއި ފީ ނެގުމާބެހޭ ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހެޅި ބިލެވެ. އަންނަ ޑިސެމްބަރު މަހުގެ އެކަކުން ފެށިގެން އިކޮނޮމިކް ކްލާހުން ފުރާ ބިދޭސީންގެ އަތުން 50 ޑޮލަރު ނެގުމަށް އެ ބިލުން ވަނީ ނިންމައިފައެވެ.

ބިޒްނަސް ކްލާހުން ދަތުރުކުރާ ދިވެހީންނާއި ބިދޭސީން އަތުން 120 ޑޮލަރު، ފަސްޓް ކްލާހުން ދަތުރު ކުރާ ދިވެހީންނާއި ބިދޭސީން އަތުން 240 ޑޮލަރު އަދި ޕްރައިވެޓް ޖެޓުގައި ދަތުރުކުރާ ދިވެހިންނާއި ބިދޭސީން އަތުން 480 ޑޮލަރު ނެގުމަށް ވަނީ ހުށަހަޅައިފައެވެ.

މި ބިލް ހުށަހެޅުއްވީ، ގެމަނަފުށީ ދާއިރާގެ މެންބަރު އަސަދުﷲ ޝިހާބްއެވެ.

އެންމެ ފަހު ބިލެއްގެ ގޮތުގައި ހިމެނެނީ، ވޭޕް އެތެރެކުރުން މަނާކުރާ ތާރީޚާ ހަމައަށް، އެ ބާވަތް ތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑު ކުރުމަށާއި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް އެކްސްޕޯޓް އިމްޕޯޓްގެ ގާނޫނަށް އިސްލާހު ގެނައުމަށް މައްޗަންގޮޅި އުތުރު ދާއިރާގެ މެންބަރު އިބްރާހިމް މުހައްމަދު ހުށަހެޅުއްވި ބިލެކެވެ.

މިބިލުން ޤާނޫނަށް އިސްލާހު ގެނައުމަށް ހުށަހަޅާފައިވަނީ އިލެކްޓްރޯނިކް ސިނގިރޭޓާއި އެފަދަ ވޭޕްކުރުމަށް ބޭނުންކުރާ އާލާތްތަކާއި ޓޮބޭކޯ ހީޓިން ޕްރޮޑަކްޓުތަކާއި އެ އެއްޗެހީގެ ބައިބައިން ނަގާ ޑިއުޓީގެ މިންވަރު 200 ޕަސަންޓަށް ބޮޑުކުރުމަށެވެ.

ސިނގިރޭޓުންނާއި ބިޑިން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވަނީ 50 ޕަސަންޓުންނެވެ. އެއީ ސިނގިރޭޓު އަދި ބިޑިއަކުން އަށް ރުފިޔާއަށް ބޮޑުކުރުމަށެވެ. އިލެކްޓްރޯނިކް ސިނގިރޭޓަށް ނުވަތަ ދުންފަތުގެ އިސްތިއުމާލު ކުރުމަށް ބޭނުންކުރާ އެނޫން ވެސް އާލާތްތަކަށް އަޅާ ފްލޭވާ އާއި ކެމިލަކުން ވެސް 50 ޕަސަންޓަށް ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވާއިރު، އެއީ މިލިލީޓަރަކަށް އަށް ރުފިޔާއެވެ.

އޭގެ އިތުރުން ހީޓަޑް ޓޮބޭކޯ ޕްރޮޑަކްޓުތައް ނުވަތަ ރޯކުރުމަކާ ނުލައި ހޫނުކޮށްގެން ބޭނުންކުރެވޭ ގޮތަށް އުފައްދާފައި ހުންނަ ދުންފަތުގެ އުފެއްދުންތަކުގެ ޑިއުޓީވެސް 50 ޕަސަންޓަށް ބޮޑުކުރުމަށް ވަނީ ހުށަހަޅައިފައެވެ. އެއީ ސްޓިކަކުން އަށް ރުފިޔާއަށް ބޮޑުކުރުމަށެވެ. އެ ބާވަތްތައް ފިޔަވައި ދެން ހިމެނޭ ދުންފަތުގެ ބާވަތްތަކުން ޑިއުޓީ ބޮޑުކުރުމަށް ހުށަހަޅާފައިވަނީ 200 ޕަސަންޓަށެވެ.

ވޭޕްކުރުމަށް ބޭނުންކުރާ ތަކެއްޗާއި އެ ތަކެތީގެ ވަކިވަކި ބައިތައް ރާއްޖެއަށް އެތެރުކޮށް ވިއްކުން 15 ނޮވެމްބަރު 2024 އިން ފެށިގެން މަނާ ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ނިންމެވީ މިމަހުގެ 14 ވަނަ ދުވަހުއެވެ.

ވޭޕް އެތެރެ ކުރުން މަނާކުރާ ތާރީޚާ ހަމައަށް، އެ ބާވަތް ތަކުން ނަގާ އިމްޕޯޓް ޑިއުޓީ ބޮޑުކުރުމަށާއި ސިނގިރޭޓުން ނަގާ ޑިއުޓީ ބޮޑު ކުރުމަށް ހުށަހެޅި ބިލް އިތުރަށް ދިރާސާ ކުރުމަށް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވަން ފާސްކުރީ އަންގާރަދުވަހުއެވެ. ގްރީން ޓެކްސް އާއި އެއާޕޯޓް ޓެކްސް ބޮޑުކުރަން ހުށަހެޅި ބިލް މުޅި މަޖިލީހުގެ ކޮމިޓީއަށް ފޮނުވީ މިމަހުގެ 16 ވަނަ ދުވަހު އަދި ޖީއެސްޓީ ބޮޑުކުރުގެ ބިލް ފޮނުވީ 15 ވަނަ ދުވަހުއެވެ.

މި ބިލްތައް ދިރާސާ ކުރަން ފުރަތަމަ ފޮނުވީ މުޅި މަޖިލީހުގެ ކޮމިޓީއަށެވެ. ނަމަވެސް މިދިޔަ ބުދަ ދުވަހު މުޅި މަޖިލީހުގެ ކޮމިޓީގައި ބިލްތަކަށް ބައެއް މެންބަރުން ބަހުސްކޮށް ހުށަހެޅުންތައް ހުށަޅާފައިވަނިކޮށް، ބިލްތައް އިތުރަށް ދިރާސާ ކުރުމަށް މާލިއްޔަތު ކޮމިޓީ އާއި އިގުތިސޯދީ ކޮމިޓީ ގުޅިގެން އުފައްދާ ސަބް ކޮމިޓީއަކަށް ފޮނުވަން ނިންމީއެވެ. އެއީ ސަރުކާރު ހިންގާ ޕީއެންސީގެ މެންބަރުން ހުށަހަޅުއްވައި ތާއީދު ކުރައްވައިގެންނެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *