ޖިންސީ ގޯނާގެ މައްސަލައެއްގައި ދިފާއީ ވަކީލެއްގެ ގޮތުގައި ޑެޕިއުޓީ މިނިސްޓަރަކު ވަކާލާތު ކުރާ މައްސަލައަށް ދައުލަތުން ވަކީލު އިއުތިރާޒު ކޮށްފިއެވެ.
ކުޑަކުއްޖަކާއެކު ޖިންސީ އަމަލު ހިންގި ކަމުގެ ކުށް ސާބިތުވެފައިވާ މީހެއްގެ ދިފާއީ ވަކީލެއްގެ ގޮތުގައި ޑެޕިއުޓީ މިނިސްޓަރަކު ހައި ކޯޓުގައި ވަކާލާތު ކުރައްވާ މި މައްސަލައިގެ އަޑު އެހުމެއް ބާއވާފައި ވަނީ އިއްޔެއެވެ. މި ޝަރީއަތުގެ އަޑު އެހުމަށް ވަކީލެއްގެ ގޮތުގައި ވަޑައިގެންނެވީ އެންވަޔަރަމެންޓް މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ރާޣިބު އަހުމަދެވެ.
ހައި ކޯޓުގައި އިއްޔެ އަޑު އެހުން ފެށުމާއެކު ޕްރޮސިކިއުޓާ ޖެނަރަލްގެ ފަރާތުން ވަނީ އެކަމަށް އިއުތިރާޒު ކޮށްފައެވެ. ޕީޖީ އޮފީހުގެ ވަކީލް ވިދާޅުވެފައި ވަނީ ދައުލަތުގެ ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރުމަކީ ކުރެވިގެންވާނެ ކަމެއް ނޫން ކަމަށެވެ. މީގެކުރިންވެސް މަދަނީ ބައެއް މައްސަލަ ތަކުގައި ޑެޕިއުޓީ މިނިސްޓަރުންނާއި ސްޓޭޓް މިނިސްޓަރުން ދައުލަތާ ދެކޮޅަށް ކޯޓުގައި ވަކާލާތު ކުރުމުން ދައުލަތުން ހައި ކޯޓުގައި މިކަން ފާހަގަ ކޮށްފައިވެއެވެ.
އަޑު އެހުމުގައި ޕީޖީގެ ވަކީލް އެހެން ވިދާޅުވުމުން ރާޣިބު ވަނީ އެއަށް ރައްދު ދެއްވައިފައެވެ. ދައުލަތުން މި މައްސަލަ ފެންމަތި ކުރުމުން އެ މައްސަލައިގެ ޝަރީއަތް އިއްޔެ އިތުރަށް ކުރިއަށް ގޮސްފައެއް ނުވެއެވެ. އަދި އެކަމާމެދު ފަނޑިޔާރުންގެ ބެންޗުން ވަކި ގޮތެއް ނުނިންމަވައެވެ.
ޑެޕިއުޓީ މިނިސްޓަރު ރާޣިބަކީ ކ. ޖުޑީޝަލް ދާއިރާގެ ކުރީގެ އިސް މެޖިސްޓްރޭޓެވެ. އޭނާ 2019 ވަނަ އަހަރު އެ މަގާމުން އިސްތިއުފާ ދެއްވީ ސުލޫކީ މައްސަލައެއް ސާބިތުވެ އޭނާ ވަކިކުރަން ރައްޔިތުންގެ މަޖިލީހަށް ހުށަހަޅަން ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) ލަފާ ދިނުމާއެކުއެވެ. އޭގެފަހުން ޕީޕީއެމްގެ ގާނޫނީ ޓީމްގައި އޭނާ މަސައްކަތް ކުރެއްވިއެވެ.
މީގެކުރިން ޓެކްސް މައްސަލައެއްގައި މީރާއާ ދެކޮޅަށް ޑެޕިއުޓީ މިނިސްޓަރަކު ދައުލަތާ ދެކޮޅަށް ވަކާލާތު ކުރި މައްސަލައެއް ފެންމަތިވިއެވެ. އެ މައްސަލައާއި ގުޅިގެން ރައީސް އޮފީހުން ބުނެފައި ވަނީ ދައުލަތުގެ އެއްވެސް މަގާމެއްގައި ހުންނަ މީހަކު، ސިޔާސީ މީހުންވެސް ހިމެނޭ ގޮތަށް ދައުލަތުގެ މުއައްސަސާއަކާ ދެކޮޅަށް ޝަރީއަތުގައި ވަކާލާތު ކުރުމަކީ ހުއްދަ ކަމެއް ނޫން ކަމަށެވެ.
މީގެއިތުރުން ރައްޔިތުންގެ މަޖިލީހުގެ ހޮޅުދޫ ދާއިރާގެ މެމްބަރު އަބްދުއްސައްތާރު މުހައްމަދު މަދަނީ މައްސަލައެއްގައި ދައުލަތާ ދެކޮޅަށް ވަކާލާތު ކުރައްވަން ހައި ކޯޓަށް ވަޑައިގެންނެވި މައްސަލައެއްވެސް މި ފަހުން ފެންމަތިވިއެވެ. އެކަމާމެދު ފަނޑިޔާރުންގެ ބެންޗުން ސުވާލު އުފެއްދެވުމުން އެ މައްސަލައިން އޭނާ ތަނާޒުލް ވެވަޑައިގެންނެވިއެވެ.