ކުރީގެ ރައީސް އަބްދުﷲ ޔާމީނަކީ ވަރަށް ސްމާޓް މީހެއް ކަމަށް ކުރިން ގަބޫލު ކުރެއްވި ކަމަށާއި ނަމަވެސް އެއީ ތަންދޮރު ނޭނގޭ މީހެއްކަން އެނގުނީ މާފަހުން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.
ސަންގު ޓީވީ މިރޭ ދެއްވި އިންޓަވިއެއްގައި އަބްދުއްރަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒު، ކޮންޕްރޮމައިޒް ވާނެ އެއްވެސް ސަބަބެއް ނެތް ކަމަށާއި ޔާމީނަށް ވެގެން އުޅޭ ގޮތަކީ އުމުރުން ދުވަސްވީ ބޭފުޅުން ބުނާހެން "ފުޅަށް ބުޑުން ދަންޔާ ދޮން ހަސަނަށް ހީވާނެއޭ ކެޔޮގަނޑު ކަނޑަައިފިޔޭ" ކަމަށެވެ. އަބްދުއްރަހީމް ވިދާޅުވީ ކެބިނެޓުގެ ވަޒީރުންނަކީ އިރުއިރުކޮޅާ ބަދަލު ކުރަންޖެހޭ ބައެއް ނޫން ކަމަށާއި ޔާމީން ކަންތައް ކުރެއްވި ގޮތަކަށް ހުރިހާ ރައީސުން ކަންތައް ކުރަން ނުޖެހޭނެ ކަމަށެވެ.
"އަޅުގަނޑު ކުރީގަ ހިތަށް އަރާ ހަމަ ހަގީގަތުގައިވެސް ހާދަ ސްމާޓް ބޭފުޅެކޭ ޔާމީނަކީ. އެކަމަކު މިއަދު މިހާލަތަށް އައީމަ މި އެނގެނީ ވަރަށް ތަންދޮރު ނުދަންނަ ބޭފުޅެއްކަން. މި ބަސް މި ބޭނުން ކުރީ. ހަމަ ވަރަށް ސިޔާސީ ގޮތުން ތަންދޮރު ނުދަންނަ ބޭފުޅެއް ޔާމީނަކީ" އަބްދުއްރަހީމް ވިދާޅުވިއެވެ.
މިނިސްޓަރުން ބަދަލު ކުރުމަކީ އެ ދުވަހެއްގައި ހުންނަ މިޒާޖާއި އެއްގޮތަށް، ޔާމީން ކުރައްވާ ކަމެއް ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ. ނަމަވެސް ރައީސް މުއިއްޒު އެފަދަ ގޮތަކަށް ކަންކަން ނުކުރައްވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.
"މިއަދު ފިނޭންސް މިނިސްޓަރު ކަމަކު ނުދެއޭ، އޭނާ ވާނީ ބަދަލު ކުރަންށޭ. މިއަދު ޑިފެންސް މިނިސްޓަރު ކަމަކު ނުދެއޭ، އޭނާ ވާނީ ބަދަލު ކުރަންށޭ. މިއީ ސަރުކާރުތައް ހިންގާ ގޮތެއް ނޫން" ކަމަށް އަބްދުއް ރަހީމް ވިދާޅުވިއެވެ.
އަބްދުއްރަހީމް ވިދާޅުވީ ފިޔަވަޅެއް އަޅަން ޖެހޭނީ އެފަދަ ހާލަތެއް އައުމުން ކަމަށެވެ. ޕީއެންއެފްގެ ޖަލްސާތަކުގައި، ރައީސް އޮފީހުގެ މިނިސްޓަރަކަށް ހުންނެވި އާދަމް ރަމީޒަށްވެސް ފިޔަވަޅު އަޅަން ނުކެރޭނެ ކަމަށް ރައީސް ޔާމީން ގޮވަމުން ދިޔަ ކަމަށާއި އެކަމަކު އޭނާއި މެދުވެސް ހަމަ ފިޔަވަޅު އެޅީ ނޫންތޯ އަބްދުއްރަހީމް ސުވާލު ކުރެއްވިއެވެ.