ބަޣާވާތުގެ ތުހުމަތު އަޅުވައި ހައްޔަރު ކުރިޔަަސް ފަހަތަށް ނުޖެހޭނަން: ފައްޔާޒު

ބަޣާވާތުގެ ތުހުމަތު އަޅުވައި ހައްޔަރު ކުރިޔަަސް ފަހަތަށް ނުޖެހޭނަން: ފައްޔާޒު

އެމްޑީޕީއަކީ ބަޣާވާތް ކުރާ ޕާޓީއެއް ނޫން ކަމަށާއި އެފަދަ ތުހުމަތެއް އަޅުވައި ހައްޔަރު ކުރިޔަސް ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމަށް އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު ވިދާޅުވެއްޖެއެވެ.

ބީއެމްއެލް އިން ކާޑުގެ ޑޮލަރު ލިމިޓާ ގުޅޭ ގޮތުން ނިންމި ނިންމުމަކީ ސިޔާސީ ބަޔަކު އަޑީގައި ތިބެގެން ސަރުކާރު ވައްޓާލަން އުޅުނު ކަމަށް ބެލެވޭ ކަމަށް ބުނެ ފުލުހުން ވަނީ މައްސަލަ ތަހުގީގު ކުރަން ފަށައިފައެވެ.

އެކަމާ ގުޅުވައި ރައީސް ޑރ. މުހައްމަދު މުއިއްޒު ރޭ ވިދާޅުވީ އެއީ ގެންނަން އުޅުނު ސީދާ ބަޣާވާތެއް ކަމަށެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ފައްޔާޒު ވިދާޅުވީ އެމްޑީޕީން މަގުމަތީގެ ހަރަކާތަށް ނުކުންނަނީ ސަރުކާރު ވައްޓާލަން ނޫން ކަމަށެވެ. އެއީ ސަރުކާރު ޒިންމާދާރުކޮށް، ޖަވާބުދާރީ ކުރުވަން ކުރާ ކަމެއް ކަމަށް އޭނާ ވިދާޅުވިއެވެ.

"ޕޮލިސް ސާވިސްގެ ހުރުމަތަށްޓަކައި [ސީޕީ ޝުޖާއު] އެ ބޭފުޅާ އިސްތިއުފާ ދެއްވަން އެބަޖެހޭ. އަޅުގަނޑުމެން ފަހަތަށް ޖެހޭނެ ކަމަށް ޕީއެންސީއަށް ހީފުޅު ކުރެވެންޏާ އެއީ ވަރަށް ބޮޑު ކުށް ހީއެއް. މާލީ ބަޣާވާތެކޭ ކިޔަސް، މެންޓަލް ބަޣާވާތަކޭ ކިޔަސް އަޅުގަނޑުމެން އަދި އެހެން ފަހަތަކަށް ޖައްސާލައެއް ނުލެވޭނެ، މި ސަރުކާރުގެ އޮޅުވާލުންތަކާއި ދޮގުތަކުގެ ވާހަކަ ތާއަބަދަށް ދައްކާނަން،" ފައްޔާޒު ވިދާޅުވިއެވެ.

ފައްޔާޒު ވިދާޅުވީ ޖަލަށްލާނެ ކަމުގެ ބިރަށް އެމްޑީޕީވެސް ދިވެހި ރައްޔިތުންވެސް ފަހަތަށް ނުޖެއްސޭނެ ކަމަށެވެ. ޕީޕީއެމްގެ ކުރީގެ މާޒީ އިއާދަވާނަމަ ރައްޔިތުން މަގުމައްޗަށް ނުކުންނާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. މިހާރު ކަންތައް ވަމުންދާ ގޮތުން ދެމަސް ތެރޭގައި ރައީސް މުއިއްޒު، އިސްތިއުފާ ދެއްވާނެ ކަމަށް ފައްޔާޒު ވިދާޅުވިއެވެ. އެއީ ސަރުކާރު ތެރެއިން އަންނަ ބަޣާވާތަކުން ކަމަށް ފައްޔާޒު ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *