މާލޭގެ ގްރޫޕަކުން ގޮސް އަނިޔާވެރިކޮށް މަރާލި ރ. މީދޫ/ ފެންފިޔާޒުގެ، މުހައްމަދު އަނަސްގެ މަރުގެ މައްސަލައިގައި ދައުވާ ލިބުނު މީހުން ދަށު ކޯޓުން ސަލާމަތްވި މައްސަލައާ ގުޅިގެން ހައިކޯޓުގައި ހިނގަމުންދާ އިސްތިއުނާފީ މައްސަލައިގައި، ވަކީލުން ހަމަނުއްޖައްސައި ތިބި ހަތަރު މީހުންނަށް ފަހު ފުރުސަތުގެ ގޮތުގައި ވަކީލުން ހަމަޖައްސަން ހަތް ދުވަހުގެ ފުރުސަތެއް ހައިކޯޓުން ދީފި އެވެ.
އަނަސް މަރާލާފައިވަނީ 2017 ވަނަ އަހަރުގެ ޖުލައި 31 ވަނަ ދުވަހުގެ ރޭ 9:15 ހާއިރު ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި ގްރޫޕަކުން ވަޅިން ހަމަލާދީ ހިންގި މާރާމާރީގަ އެވެ.
އަނަސް މަރާލި މައްސަލައިގައި އަށް މީހެއްގެ މައްޗަށް ދައުވާ ކުރި އެވެ.
އޭގެ ތެރެއިން ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ދައުވާ ތިން މީހެއްގެ މައްޗަށް ކުރި އެވެ. އޭގެ ތެރޭގައި ހިމެނެނީ، އަފްރާހު އަބްދުއްރައްޒާގު، މ. ލޮނުމިދިލިގެ، އާއި އަހުމަދު ޒަޔާން، އަސުރުމާގެ، ޅ. ކުރެންދޫ އަދި އުސްމާން ޝަރީފް، މ. ދިމިޝްގު އެވެ.
މީގެ އިތުރުން ނައިހު އަބްދުﷲ، ނަންނާރިގެ، ލ. ގަން ތުނޑީ އާއި ހަސަން މަހްފޫޒް، ވެސްޓަންވިލާ، ސ. ފޭދޫ އާއި ސިމާހު މޫސާ، ދަފްތަރު ނަމްބަރު 1746، މާލެ އަދި މުހައްމަދު ޝާޒް، ގުލްފާމުގެ، ތ. ކިނބިދޫގެ މައްޗަށް ގަސްދުގައި މީހަކު މަރާލުމުގައި ބައިވެރިވުމުގެ ދައުވާ ކުރި އެވެ.
އެ މީހުންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން ހުކުމް ކުރީ މިދިޔަ ފެބްރުއަރީ މަހު އެވެ.
މީގެ އިތުރުން އެ މައްސަލައިގައި ކުޑަކުއްޖަކުވެސް ހިމެނެ އެވެ. އެ ކުއްޖާގެ މައްޗަށް ކުރީ ގަސްދުގައި މީހަކު މެރުމުގެ ކުށުގެ ދައުވާ އެވެ. ޖުވެނައިލް ކޯޓުގައި އެ ކުއްޖާގެ މައްޗަށް ކުރި ދައުވާ ސާބިތުނުވާ ކަމަށް 2021 ވަނަ އަހަރު ހުކުމް ކުރުމުން ދައުލަތުން ހަމަ އެ އަހަރު އެ މައްސަލަ ހައިކޯޓަށް ހުށަހެޅި އެވެ. ހައިކޯޓުން ހުކުމް ކުރީ އެކުއްޖާގެ މައްޗަށް ކުށް ސާބިތުވާ ކަމަށެވެ. އެހެންކަމުން 18 އަހަރު ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ހުކުމްކުރި އެވެ.
އެ މައްސަލައި ދޫވެފައިވާ ހަތް މީހުންގެ މައްޗަށް ދައުލަތުން ހުށަހެޅި، އިސްތިއުނާފުގެ މައްސަލަ ހައިކޯޓުގައި ފެށީ މިދިޔަ އޯގަސްޓް މަހުގެ ހަތް ވަނަ ދުވަހު އެވެ. އެދުވަހުވެސް މައްސަލަ ކުރިއަށް ނުގެންދެވުނީ ވެސް ބައެއް މީހުންނަށް ވަކީލަކު ހަމަޖެހިފައި ނުވާތީ އެކަށް ފުރުސަތު ދިނުމަށެވެ. އެދުވަހުވެސް އެކަމަށް ހަތްދުވަހުގެ ފުރުސަތު ކޯޓުން ދިނެވެ.
މިއަދުގެ އަޑުއެހުމުގައި މި މައްސަލަ ބައްލަވާ ހައިކޯޓް ބެންޗުގެ ރިޔާސަތުގައި އިންނެވި ފަނޑިޔާރު މުހައްމަދު ޝަނީޒު، ދިފާއީ ވަކީލަށް ފުުރުސަދު ދެއްވުމުން، ދިފާއީ ވަކީލެއްގެ ގޮތުގައި ވަޑައިގެން އިންނެވި، މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވީ އޭނާއަކީ އަފްރާހު، ޒަޔާން އަދި އުސްމާން ޝަރީފްގެ ގާނޫނީ ވަކީލު ކަމަށެވެ.
އެހެންކަމުން ވަކީލުން ހަމަޖެއްސުމުގެ ކަންތައް ދަނީ ކިހިނެއްތޯ، އާއި ވަކީލަކު ބޭނުން ނުކޮށް ކުރިއަށްދާން ބޭނުންވަނީތޯ، ދެން ތިބި މީހުންނާ މުހާތަބު ކުރައްވައި ފަނޑިޔާރު ސުވާލު ކުރެއްވި އެވެ.
ޖަވާބު ދެމުން މަހުފޫޒް ބުނީ، އޭނާ ކުރިއަށްދާން ބޭނުންވަނީ ވަކީލަކާއެކީގައި ކަމަށެވެ. އެކަމަށްދިން ހަތް ދުވަހުގެ މުއްދަތުގައި ވަކީލަކު ހަމަނުޖެއްސީ ކީއްވެގެންތޯ، ސުވާލުކުރެއްވުމުން އޭނާ ބުނީ، ވަކީލަކު ހަމަޖައްސާނެ ފަދަ ތަަނަވަސް ކަމެއްނެތީ ކަމަށެވެ. ނަމަވެސް ކުރިއަށް އޮތް ހަފްތާގެ ތެރޭގައި ވަކީލަކު ހަމަޖެއްސޭނެކަމަށް ބެލެވޭކަމަށްވެސް ބުންޏެވެ. ދެން ތިބި މީހުންވެސް ބުނީ ހަތް ދުވަހުގެ ތެރޭގައި ވަކީލަކު ހަމަޖެއްސޭނެ ކަމަށެވެ.
އެހެންކަމުން ފަނޑިޔާރު ވިދާޅުވީ، އިސްތިއުނާފް ހުށަހެޅުއްވުމަށް ޕީޖީގެ ވަކީލުންނަށް މިއަދު ފުރުސަތު ދެއްވިނަމަވެސް ދައްކަންހުރި ގިނަ ވާހަކަތަކަކީ ތަކުރާރުކުރަންޖެހިދާނެ ވާހަކަތަކެއްކަމަށް ފެންނާތީ މި މައްސަަލައިގައި ވަކީލުން އައްޔަން ނުކުރެވި ވާ ފަރާތްތަަކް ވަކީލުން އައްޔަންކުރަން ފަހު ފުރުސަތު ދިނުމާއެކު، އެމީހުންނަށް ވަކީލުން އައްޔަންކުރެއްވޭތޯ ބެއްލެމަށްފަހުގައި އަޑުއެހުންތައް ކުރިއަށް ގެންދަން ނިންމާ ކަމަށެވެ.
އެއާއެކު ފަނޑީޔާރު ވިދާޅުވީ، މައްސަލަ ރައްދުވާފަރާތްތަކަށް ވަކީލުން ހަމަޖައްސަން ތިން ހަތްދުވަހުގެ ތެރޭގައި ވަކީލަކު އައްޔަން ކުރުމަށްފަހު އެކަން ކޯޓަށް އަންގަންވާނެ ކަމަށެވެ. ނަމަވެސް އެ ހަތްދުވަސް ތެރޭގައި މައްސަލައިގެ އަޑުއެހުން ނުބޭއްވިދާނެ ކަމަށްވެސް ވިދާޅުވި އެވެ.
ވަކީލުން ހަމަޖައްސަންދިން މުއްދަތުގައި، ވަކީލަކު އައްޔަންކޮށްފައިނުވާނަމަ، ވަކީލަކު އައްޔަންކުރަން ބޭނުން ނުވަނީ ކަމަށް ބަލައިގެން މައްސަލަ ކުރިއަށް ގެންދަވާނެ ކަމަށްވެސް ފަނޑިޔާރު ވިދާޅުވި އެވެ.
ދެން ފަނޑީޔާރު ވިދާޅުވީ، މިމައްސަލައިގައި އިސްތިއުނާފް ރައްދުވާ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމައިދިނުމަށްވެސް ޕީޖީން ހައިކޯޓުގައި އެދިފައިވާ ކަމަށެވެ. ނަމަވެސް ވަކީލުން އައްޔަންކުރުމުގެ ކަންކަން ގޮސްފަ އޮތް ގޮތުން، ޕީޖީ އޮފީހުން ފާހަގަކުރަން ކަމެއް އޮތްނަމަ އެކަމަށް ފަނޑީޔާރު ފުރުސަތު ދެއްވި އެވެ.
އެކަމާގުޅިގެން ދައުލަތުގެ ވަކީލާ، ސީނިޔާ ޕަބްލިކް ޕްރޮސިކިއުޓާ އައިޝަތު މުހައްމަދު ވިދާޅުވީ، މައްސަލަ ރައްދުވާ ފަރާތްތަކަށް ވަކީލުން ހަމަޖައްސަން ދިން މުއްދަތަށް ދައުލަތުން އިއުތިރާޒް ނުކުރާ ކަމަށެވެ. އަދި ފަނޑިޔާރު ނިންމެވިގޮތަށް ދައުލަތުންވެސް އެދެނީ މައްސަލަ ރައްދުވާ ފަރާތްތައްވެސް ވަކީލުންގެ ހާޒިރުގައި މައްސަލަ ކުރިއަށް ގެންދިއުމަށް ކަމަށްވެސް ވިދާޅުވި އެވެ.
ނަމަވެސް މައްސަލަ ރައްދުވާ ފަރާތްތަކުގެ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދި ޕީޖީ އޮފީހުން ފޮނުވާފައިވާ ލިއުންތަކާއި، ސިޓީ ދިފާއަށް ނުލިބޭކަމަށް ދިފާއީ ވަކީލު ވިދާޅުވި އެވެ.
ފަނޑީޔާރު ވިދާޅުވީ، އެސިޓީ ދިފާއަށް ރައްދުކޮށްދިން ލިއުންތަކުގެ ތެރޭގައި ހިމެނޭނެ ކަަމަށެވެ. އަދި އެކަން ބެއްލުމަށްފަހު ސިޓީ ނެތްނަމަ ކޯޓުގެ ސަމާލުކަމަށް އެކަން ގެނއުމަށް ވެސް އެދިވަޑައިގެންނެވި އެވެ.
އެހިސާބުން މިއަދުގެ އަޑުއެހުން ނިންމަވާލައްވަމުން ފަނޑިޔާރު ވިދާޅުވީ، ދެން މި މައްސަލައިގެ އަޑުއެހުން އޮންނަދުވަހު އިސްތިއުނާފް މައްސަލައިގެ ކުރިން ކުރިއަށްގެންދާނީ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމައިދިނުމަށް އެދި ޕީޖީ ހުށަހެޅި މައްސަލަ ކަމަށެވެ.
އެ މައްސަލަ ހައި ކޯޓުން ބައްލަވަނީ ފަނޑިޔާރު މުހައްމަދު ޝަނީޒާއި އިސް ފަނޑިޔާރު ހުސައިން ޝަހީދާއި ފަނޑިޔާރު މުހައްމަދު ފައިސަލެވެ. ބެންޗުގެ ރިޔާސަތަކީ ފަނޑިޔާރު ޝަނީޒެވެ.