ކުންފުނިތަކުން ވަކިކުރި މުވައްޒަފުންގެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމަށް އެހީތެރިވާނެ ކަމަށް އެމްޑީޕީން ބުނެފި

ކުންފުނިތަކުން ވަކިކުރި މުވައްޒަފުންގެ މައްސަލަ ޓްރައިބިއުނަލަށް ހުށަހެޅުމަށް އެހީތެރިވާނެ ކަމަށް އެމްޑީޕީން ބުނެފި

ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރާ ގިނަ މުވައްޒަފުންތަކެއް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން އެއް ފަހަރާ ވަޒީފާތަކުން ވަކިކޮށްފައިވާ ކަމަށާއި އެ މުވައްޒަފުން ވަޒީފާއިން ކަނޑާލި މައްސަލަ ވަޒީފާއާ ބެހޭ ޓްރައިބިއުނަލަށް ހުށަހެޅުމަށް އެހީތެރިވާނެ ކަމަށް އެމްޑީޕީން ބުނެފި އެވެ.

އެމްޑީޕީން މިރޭ ނެރުނު ނޫސްބަޔާނެއްގައި ބުނީ ރައީސް މުއިއްޒުގެ ސަރުކާރުން މުވައްޒަފުން ވަޒީފާއިން ކަނޑަމުންދާއިރު އެ މަނިކުފާނު ވަނީ ރިޔާސީ އިންތިހާބުގައި ތަކުރާރުކޮށް އެތައް ކެމްޕެއިން ޖަލްސާތަކުގައި އެކި ރަށްރަށުގައި ރައްޔިތުންނާ ބައްދަލުކޮށް ސަރުކާރު ހިއްސާވާ ކުންފުނިތަކުގައި ވަޒީފާ އަދާކުރަމުންދާ އެއްވެސް މުވައްޒަފެއް ވަޒީފާއިން ވަކިނުކުރާނެ ކަމަށް ވިދާޅުވެ އެކަމުގެ ޔަގީންކަން ރައްޔިތުންނަށް ދެއްވައިފައި ކަމަށެވެ.

"އިގުތިސޯދީ ގޮތުން ދަތި ދަނޑިވަޅެއްގައި އެތަކެއް އާއިލާތަކެއްގެ އާމްދަނީ ހުއްޓުވާލައި އެ އާއިލާތައް ހާލުގައި ޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫނެވެ. މި އަނިޔާވެރި ފިޔަވަޅު ރައްޔިތުންނަށް އަޅަމުންދާއިރު، ސަރުކާރުގެ މި ކުންފުނިތަކުގައި ކުރިން ނުތިބޭވަރަށް ޑެޕިއުޓީ މެނޭޖިންގ ޑައިރެކްޓަރުންނާއި އިސް ވެރިން ސަރުކާރުން ވަނީ އެ ކުންފުނިތަކަށް އައްޔަނުކޮށްފައެވެ." އެމްޑީޕީން ބުންޏެވެ.

"ދިވެހިރައްޔިތުންގެ ޑިމޮކްރެޓިކް ޕާޓީން ގޮވާލަނީ، ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވަޒީފާތަކުން މުވައްޒަފުން ވަކިކުރުން ހުއްޓާލުމަށެވެ. އަދި ވަޒީފާތަކުން ވަކިކުރަމުންދާ ފަރާތްތަކުގެ ހައްގުގައި ވަޒީފާއާބެހޭ ޓްރައިބިއުނަލްއަށް މައްސަލަ ހުށަހެޅުމުގައި މި ޕާޓީގެ ފަރާތުން އެހީތެރިކަން ފޯރުކޮށްދިނުމަށް ތައްޔާރަށް އޮތް ވާހަކަވެސް މިފުރުސަތުގައި ދަންނަވަމެވެ"

ކުންފުނިތަކުން މުވައްޒަފުން ކަނޑަމުންދާއިރު ސަރުކާރުގެ ސިޔާސީ މަގާމުތަކަށް އެތައް ބަޔަކު ދަނީ އަދިވެސް އައްޔަނުކުރަމުން ކަމަށް އެމްޑީޕީން ބުންޏެވެ. އަދި ސިޔާސީ މަގާމުތަކުގެ އަދަދު ރައްޔިތުންނަށް ސިއްރުކޮށްފައިވީ ނަމަވެސް އެ އަދަދު މިހާރު 2،000 އާ ގާތްކޮށްފައި ކަމަށް އެމްޑީޕީން ބުންޏެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *