ރާއްޖޭގެ އިގްތިސޯދަށް ގެއްލުންވަމުންދަނީ މި ސަރުކާރުގައި ގޮތެއް ނެތުމުގެ ސަބަބުން ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ގައުމީ މަޖިލީހުގެ ބައްދަލުވުމުގައި ޝާހިދު ވިދާޅުވީ އިންޑިއާގެ ފޮރިން މިނިސްޓަރު ސުބްރަމާނިއަމް ޖައިޝަންކަރު މިއަންނަ ހުކުރު ދުވަހު ރާއްޖެއަށް ރަސްމީ ދަތުރުފުޅެއްގައި ވަޑައިގަންނަވާއިރު މި ސަރުކާރުގެ ސަބަބުން ރާއްޖެއާއި އިންޑިއާއާ ދެމެދު އޮތް ގުޅުން ބޮޑުތަނުން ގޯސްވެފައިވާ ކަމަށެވެ.
"ހަނދުމަފުޅު ކުރައްވާތި ރާއްޖޭގެ ރައްޔިތުންނަށް މި ސަރުކާރުގެ ގޮތެއް ނެތްކަމުން ލިބެމުންދާ ގެއްލުންތައް. އިންޑިއާއިން ރާއްޖެ އަންނަ ޓޫރިސްޓުންގެ އަދަދު 43 ޕަސަންޓު ދަށަށް ގޮސްފައި މިވަނީ. އޭގެ ސަބަބުން ރިސޯޓުތައް ފަޅުވެ ރިސޯޓުތަކުގެ އޮކިއުޕެންސީ މިދިޔަ ދުވަސްތަކުގައި މިވަނީ އިންތިހާއަށް ދަށަށް ގޮސްފައި،" ޝާހިދު ވިދާޅުވި އެވެ.
ޝާހިދު ވިދާޅުވީ މި ސަރުކާރު ވެރިކަމަށް އައިސްފައިމިވަނީ އިންޑިއާއާ ގުޅޭގޮތުން ގިނަ ދޮގުތަކެއް ހެދުމަށްފަހު ކަމަށެވެ. އެގޮތުން އިންޑިއާއާއި ގުޅިގެން ރާއްޖޭގެ ކަނޑު ވިއްކާލި ކަަމަށް ބުނެ ދޮގު ވާހަކަތަކެއް ދެއްކި ކަމަށް ޝާހިދު ވިދާޅުވި އެވެ.
"އަޅުގަނޑު އެދެން މިއަދުގެ ސަރުކާރުން އެންމެ ކަމަކަށް. އެއީ އެބޭފުޅުން ވެރިކަމަށް ވަޑައިގަންނަވަންވެގެން ވާހަކަފުޅު ދައްކަވާ މަގުމަތީގައި އުޅުއްވި އިރު، ޕެނަލްތައް ބާއްވައިގެން ވާހަކަދެއްކި އިރުގައި ވިދާޅުވީ، އެމްޑީޕީގެ ސަރުކާރުން ރާއްޖޭގެ ކަނޑު ވިއްކާލީއޭ. އިންޑިއާ ބައިވެރިވެގެންނޭ. ޚާރިޖީ ވަޒީރު އެ ވަޑައިގަންނަވަނީ ހުކުރު ދުވަހު. ޚާރިޖީ ވަޒީރު އަރިހުގައި އިތުރު ލާރިއަށް އެދޭއިރު، އަދި އައްސަވާލައްވަން ވާނެ (އެމްޑީޕީ ސަރުކާރާ) ބައިވެރިވެގެން ވިއްކާލި ކަނޑު ކޮބައިހެއްޔޭ،" ޝާހިދު ވިދާޅުވިއެވެ.
ޖައިޝަންކަރު ރާއްޖެއަށް ކުރައްވާ ދަތުރުގައި ރާއްޖޭގައި އިންޑިއާއިން ނިންމާފައިވާ މަޝްރޫއުތައް އިފްތިތާހުކޮށް، އިންޑިއާގެ ފަރާތުން އެހީތެރިކަން ލިބޭނެ ކަމަށް އުންމީދު ކުރައްވާ ޝާހިދު ވިދާޅުވި އެވެ.