ރާއްޖެއަށް ދަތިވާ ކަންކަމުގައި އެންމެ ބޮޑަށް ބަރޯސާ ވަނީ އިންޑިޔާއަށް: ޒަމީރު

ރާއްޖެއަށް ދަތިވާ ކަންކަމުގައި އެންމެ ބޮޑަށް ބަރޯސާ ވަނީ އިންޑިޔާއަށް: ޒަމީރު

ރާއްޖެއަށް ދަތިވާ ކަންކަމުގައި އެންމެ ބޮޑަށް ބަރޯސާވެވެނީ އަވައްޓެރި އިންޑިއާއަށް ކަމަށް ފޮރިން މިނިސްޓަރު މޫސާ ޒަމީރު ވިދާޅުވެއްޖެ އެވެ.
ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ޒަމީރު ވިދާޅުވީ، ލީސްޓް ޑިވެލޮޕިން ނޭޝަންއަކަށް ރާއްޖެ އޮތް އިރު ޔޫރަޕްގެ  ގައުމުތަކަށް މަސް އެކްސްޕޯޓުކުރާއިރު ޖީއެސްޕީ ޕްލަސްއެއް އޮންނަ ކަމަށެވެ. ނަމަވެސް، ރާއްޖޭގެ ހާލަތު ބަދަލުވުމާއި އެކު ރާއްޖެއިން އެ ގައުމުތަކަށް އިމްޕޯޓުކުރާ މަހުގެ ބާވަތްތަކުން 24 އިންސައްތަ ޑިއުޓީ ނަގަން ފަށައިފައިވާ ކަމަށެވެ.
ޒަމީރު ވިދާޅުވީ އެކަން އެގޮތަށްވުމުގެ ސަބަބުންރާއްޖޭގެ އުފެއްދުންތަކަށް ކޮމްޕީޓް ކުރަން އުނދަގޫވެފައިވާ ކަމަށެވެ. ރާއްޖެއިން ޖެހެނީ 0 ޑިއުޓީގައި އެތެރެކުރާ ގައުމުތަކާއި ވާދަކުރަން ކަމަށާއި ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވިސްނުންފުޅާއި އެކު ގައުމުތަކާއި އެކު ފްރީޓްރޭޑް އެގްރީމަންޓް ހެދިއްޖެނަމަ ރާއްޖެއަށް ބޮޑެތި ފައިދާތަކެއް ވެގެންދާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

އެގޮތުން، ޗައިނާއަށް މިސާލު ނަންގަވައި ޒަމީރު ވިދާޅުވީ ރާއްޖޭގެ އުފެއްދުންތައް މުޅި ޗައިނާއަށް ޑިއުޓީއަކާއި ނުލައި އެކްސްޕޯޓް ކުރެވޭނެ ކަމަށެވެ. އެފްޓީއޭގެ އެއްބަސްވުން އެކުލަވާލުމަށް، ޗައިނާ، އިންޑިއާ، އިނގިރޭސިވިލާތް އަދި ތުރުކިއޭ އާއި އެކު މަޝްވަރާކުރުމަށް ނިންމާފައިވާއިރު، ޑިއުޓީއަކާ ނުލައި އިންޑިއާއަށް ރާއްޖޭގެ ވެލިއު އެޑެޑް ޕްރޮޑަކްޓްސް އެތެރެކުރެވުނަސް ވަރަށް ބޮޑު މާކެޓެއް ލިބިގެންދާނެ ކަމަށް ޒަމީރު ވިދާޅުވި އެވެ.

"ރާއްޖޭގެ ޓޫނާއާއި ވެލިއު އެޑެޑް ޕްރޮޑަކްޓްސް އިންޑިއާގެ މާކެޓަށް ލިބުނުކަމުގައި ވިޔަސް އިންޑިއާއަށް ޓެރިފް ނެތި އަޅުގަނޑުމެންނަށް އިމްޕޯޓު ކުރެވޭނެ މެކޭނިޒަމް އެއް އަޅުގަނޑުމެންނަށް ރޭވިއްޖިއްޔާވެސް ވަރަށް ބޮޑު މާކެޓެއް އަޅުގަނޑުމެންނަށް ހުޅުވިގެންދާނެ. އިންޑިއާއަކީ ރާއްޖެއާއި އެންމެ ގާތް ގުޅުމެއް އޮންނަ އަޅުގަނޑުމެންނަށް ދަތިވާ ކޮންމެ ފަހަރަކު އަބަދުވެސް އަޅުގަނޑުމެން އެގައުމަކަށް އަބަދުވެސް ޑިޕެންޑް ވާ ގައުމު. އެހެން ވީމައި އަޅުގަނޑުމެންނަށް ވަރަށް ބޮޑު ކުރިއެރުމެއް ލިބިގެންދާނެ"، ހާރިޖީ ވަޒީރު މޫސާ ޒަމީރު ވިދާޅުވިއެވެ.

ޒަމީރު ވިދާޅުވީ، ފޮރިން ސާރވިސްގައި ތިބި ތަޖުރިބާކާރު ޑިޕްލޮމެޓުން އެކި ގައުމުތަކާއި ބައްދަލުކޮށް އެފްޓީއޭގެ މަޝްވަރާ ކުރަމުންދާ ކަމަށެވެ. އެބޭފުޅުންނަކީ ރައިސް ދެއްވާ އިރުޝާދާއި އެއްގޮތަށް މަސައްކަތް ކުރާ ވަރަށް ގާބިލު ޓީމެއް ކަމަށާއި ރައީސްގެ ލަނޑުދަނޑިތައް ހާސިލުކުރުމަށް އިންޑިއާއާއި ތުރުކިއޭ އަދި އިނގިރޭސިވިލާތާއި އެކުވެސް މަޝްވަރާކޮށް ބޮޑެތި ކުރިއެރުންތައް ލިބެމުން އަންނަ ކަމަށް ވިދާޅުވިއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *