ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހިދުމަތް ކުރީ ސަރުކާރުން ފަށައިދިނިތީ ވަރަށް ބޮޑަށް ޝުކުރު އަދާކުރައްވާ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު މުހައްމަދު އަމީން ވިދާޅުވެއްޖެ އެވެ.
ސަންގު ޓީވީއަށް ދެއްވި އިންޓަވިއެއްގައި އަމީން ވިދާޅުވީ އާރްޓީއެލް ބަސް އަދި އާރްޓީއެލް ފެރީ ނިޒާމަކީ ރައްޔިތުންނަށް ވަރަށް މުހިންމު ހިދުމަތްތަކެއް ކަމަށާއި އެއީ ރައްޔިތުން އަބަދުވެސް ބޭނުންވެފައިވާ ދެ ހިދުމަތް ކަމަށެވެ.
"އާރްޓީއެލްގެ ދެ ހިދުމަތެއް ދެއްތޯ މިއޮތީ ފައްޓަވާފަ. ދެ ހިދުމަތަކީ ވެސް އޭގެ ޒާތުގައި ރައްޔިތުންނަށް ވަރަށް ފައިދާކުރަނިވި އަދި ކުރަމުންދާ ބަސް ހިދުމަތަކީ ވެސް އާރްޓީއެލް ފެރީގެ ހިދުމަތް ވެސް ވަރަށް ގިނަ ބޭފުޅުން ބޭނުން ކުރައްވާ. އަޅުގަނޑު ހަމަ ވަރަށް ބޮޑަށް ޝުކުރު އަދާކުރަން އިނގޭތޯ މި މަސައްކަތް ފެއްޓެވި ބޭފުޅުން މީ ހަމަ ވަރަށް ރަނގަޅު. ދިވެހިރާއްޖޭގެ ހުރިހާ ދިމާއަކަށް ވެސް މީ ހަމަ ބޭނުންވާ ހިދުމަތެއް" އަމީން ވިދާޅުވި އެވެ.
އަމީން ވިދާޅުވީ އާރްޓީއެލް ހިދުމަތްތަކަށް ބަދަލުތަކެއް ގެންނަން ޖެހިފައިވާ ކަމަށެވެ. އެގޮތުން މިހާރު ބޭނުންކުރަމުންދާ ބަހަކީ މާލެއާއި ހުޅުމާލެއާ ބަލާއިރު ވަރަށް ބޮޑެތި ބަސްތަކެއް ކަމަށެވެ. އެހެންކަމުން އެއަށްވުރެ ކުދި ބަސްތަކެއް ގެނެސް ބަސް ދަތުރުކުރާ މަގުތަކަށް ބަދަލުތަކެއް ގެންނާނެ ކަމަށް އަމީން ވިދާޅުވި އެވެ.
އާރްޓީއެލް ފެރީ ދަތުރުކުރާ ރޫޓުތަކަށް ވެސް ބަދަލުތަކެއް ގެންނާނެ ކަމަށް އަމީން ވިދާޅުވި އެވެ. އަދި ފެރީގެ އަގުތައް ކަނޑައެޅުމުގައި ބަދަލުތަކެއް ގެންނާނެ ކަމުގެ އިޝާރާތެއް އަމީން ދެއްވި އެވެ. އަމީން އެގޮތަށް ވިދާޅުވުމަށްފަހު ފާހަގަކުރެއްވީ ފެރީގެ ހިދުމަތް ކުރިއަށް ގެންދިޔުމަށް 46 މިލިއަން ރުފިޔާގެ ސަބްސިޑީއެއް ދިން ކަމަށެވެ. މިއަހަރު ނިމޭއިރު އެ އަދަދު 200 މިލިއަން ރުފިޔާއަށް އަރާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
އެހެންކަމުން ފެރީ ދަތުރުކުރާނެ ރޫޓުތައް ކަނޑައަޅަންވާނީ އެންމެ ހަރަދު ކުޑަވާނެ ގޮތަކަށް ކަމަށް އަމީން ވިދާޅުވި އެވެ.