ބީއެމްއެލްގެ ބޯޑާއި އިސްވެރިންގެ މުސާރައިގެ މައުލޫމާތު ދުލެއް ނުކުރެވޭނެ: ސުޕްރީމް ކޯޓް

ބީއެމްއެލްގެ ބޯޑާއި އިސްވެރިންގެ މުސާރައިގެ މައުލޫމާތު ދުލެއް ނުކުރެވޭނެ: ސުޕްރީމް ކޯޓް

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) ގެ ޑިރެކްޓަރުންގެ ބޯޑާއި އެ ބޭންކްގެ އިސްވެރިންގެ މުސާރަ އާއި އިނާޔަތްތަކާބެހޭ މައުލޫމާތު ތަކަކީ، ވިޔަފާރީގެ ސިއްރު ކަމަށްވާތީ އާއި އެއީ ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައުލޫމާތުތަކެއް ކަމަށްވުމުން އެ މައުލޫމާތުތަކަކީ ދޫ ނުކުރެވޭނެ މައުލުމާތުތަކެއް ކަމަށް ސުޕްރީމް ކޯޓުން ކަނޑައަޅައި ހުކުމް ކޮށްފިއެވެ.

މި މައްސަލައަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން ގ.ކެތުލިން އަހްމަދު އައިމަން ލަތީފްގެ ފަރާތުން ބީއެމްއެލްގެ ޑިރެކްޓަރުންގެ ބޯޑުގެ މެންބަރުންނާއި ހިންގުމުގެ އިސް މުވައްޒަފުންނަށް ދީފައިވާ މުސާރަ އާއި އިނާޔަތްތަކުގެ ތަފްސީލު ވަކިވަކީން އެނގޭނެހެން ހޯދުމަށާއ،ި ބޭންކުގައި މަސައްކަތްކުރާ އެންމެހައި މުވައްޒަފުންގެ މަގާމުތަކުގެ ތަފްސީލު ކޮންމެ މަގާމެއްގައި ތިބި މުވައްޒަފުންގެ އަދަދު އެނގޭނެހެން ހޯދުމަށް ހުށަހެޅި މައްސަލައެކެވެ.

ނަަމަވެސް ބީއެމްއެލްއިން އެ މައުލޫމާތު ނުދިނުމުން އައިމަން އެ މައްސަލަ އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހަށް ހުށަހެޅިއެވެ. އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުން އެ މައްސަލަ ބެލުމަށްފަހު އަމުރުކުރީ ބީއެމްއެލްއިން އެ މައުލޫމާތު އައިމަން އަށް ދޫކުރުމަށެވެ.

އިންފޮމޭޝަން ކޮމިޝަނަރުގެ އެ ނިންމުމާމެދު ހިތްހަމަނުޖެހިގެން ބީއެމްއެލްގެ ފަރާތުން އެ މައްސަލަ ހައިކޯޓުގައި އިސްތިއުނާފުކުރިއެވެ.

އެ މައްސަަލަ ބެލުމަށްފަހު ހައިކޯޓުން ކުރި ހުކުމުގައި ވަނީ، ބީއެމްއެލް އަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ 72 ވަނަ މާއްދާގެ (ޅ) ގެ މާނަކުރުމުގައި ހިމަނާފައިވާ ބައިތަކުގެ ތެރެއިން އެތަނެއް ހިންގުމުގައި ދައުލަތުގެ މަސްއޫލިއްޔަތެއް އަދާކުރާ ތަނެއްގެ ގޮތުގައި ބެލެވޭ ކުންފުންޏެއް ކަމަށެވެ. އެ ސަބަބަށްޓަކައި އެ ގަވާއިދުގައި ދައުލަތުގެ އިދާރާ މާނަކޮށްދީފައިވާ އިބާރާތުގެ ތެރޭގައި "ދައުލަތުން އުފައްދާފައިވާ ކުންފުނިތައް" ހިމަނާފައި އޮތުމަކީ ގާނޫނާ ފުށުއަރާ ކަމެއް ނޫންކަމަށާއި އެއީ ގާނޫނުގައިވާ "ދައުލަތުގެ އިދާރާ" އަށް ދީފައިވާ މާނަ އިތުރަށް ތަފްސީލުކޮށްދިނުމަށް ހިމަނާފައިވާ ބައެއް ކަމަށެވެ. އަދި އައިމަން ހޯދަން އެދިފައިވާ މައުލޫމާތު ހާމަކުރުމުން ބޭންކުގެ ވިޔަފާރިއަށް ނުވަތަ ބޭންކުގެ މާލީ މަސްލަހަތަށް ގެއްލުން ވެދާނެ ސަބަބެއް ބީއެމްއެލް އަށް ބުނެދެވިފައި ނުވާ ކަމަށްވެސް ބުނެފައިވެއވެެ.

ހައިކޯޓުގެ އެ ނިންމުމާމެދު ހިތް ހަމަނުޖެހިގެން ބީއެމްއެލްގެ ފަރާތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރިއެވެ.

މި މައްސަލަ ބެއްލެވި ސުޕްރީމް ކޯޓުގެ ބެންޗުގައި ތިއްބެވި ފަނޑިޔާރުންގެ އިއްތިފާހުން މިއަދު ކުރި ހުކުމްގައި ވަނީ، ހައިކޯޓުން ކޮށްފައިވާ ހުކުމުގައި ބީއެމްއެލްއަކީ "ދައުލަތުގެ އިދާރާ" އެއްކަމަށް ނިންމާފައިވާ ނިންމުމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެއްލެވި ފަނޑިޔާރުންގެ އިއްތިފާގުން ތާއީދުކުރައްވާ ކަމަށެވެ. އަދި ބީއެމްއެލްއަކީ މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނު ގެ 72 ވަނަ މާއްދާގެ (ޅ) ގައި ބަޔާންކޮށްފައިވާ "ދައުލަތުގެ އިދާރާ" އެއް ކަމަށް ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަމަށްވެސް ބުނެފައިވެއެވެ.

ނަމަވެސް މި މައްސަލައިގައި އައިމަން ކަތީފް ހޯދަން އެދިފައިވާ މައުލޫމާތަކީ ވިޔަފާރި ސިއްރު ކަމަށްވާތީ އާއި އެ މައުލޫމާތަކީ ތިންވަނަ ފަރާތެއްގެ ޒާތީ މައުލޫމާތު ހިމެނޭ މައުލޫމާތުތަކެއް ކަމަށްވުމުނ،ް އެ މައުލޫމާތަކީ ދޫނުކުރެވޭނެ މައުލޫމާތެއް ކަމަށް މި މައްސަލަ ސުޕްރީމް ކޯޓުގައި ބެލި ފަނޑިޔާރުންގެ އިއްތިފާގުން ކަނޑައަޅާ ކަަމަށްވެސް ބުނެފައިވެއެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *