އަވަސް އަރުވާލައިގެން ރައީސް ވަކިކުރެވޭ ގޮތަށް ގަވައިދަށް ގެނައި އިސްލާހު ބަދަލުކޮށްފި

އަވަސް އަރުވާލައިގެން ރައީސް ވަކިކުރެވޭ ގޮތަށް ގަވައިދަށް ގެނައި އިސްލާހު ބަދަލުކޮށްފި

ރައީސުލްޖުމްހޫރިއްޔާ އާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ އިތުބާރު ނެތް މައްސަލަ މަޖިލިސް މަރުހަލާގެ ތެރެއިން އަވަސް އަރުވާލައިގެން ނިންމައިލެވޭ ގޮތަށް މަޖިލީހުގެ ގަވައިދުގައި އޮތް ބަޔަށް ބަދަލު ގެނެސްފިއެވެ.

އެ މަރުހަލާ އަވަސް އަރުވާލެވޭ ގޮތަށް ގަވަައިދު ބަދަލުވީ މިދިޔަ 19 ވަނަ މަޖިލީހުންނެވެ.

ނަމަވެސް މިހާރު އޮތް 20 ވަނަ ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރި އެ މަޖިލީހުގެ ގަވާއިދުގައި އެބަޔަށް ވަނީ ބަދަލު ގެނަސްފައެވެ. އެއީ މަޖިލިސް ގަވާއިދުގެ 224 ވަނަ މާއްދާގައި ހިމެނޭ ބައިތަކެކެވެ.

މިއަދު އަމަލު ކުރަން ފެށި ގަވާއިދުގައި ބުނަނީ، ރައީސް އާއި ނައިބު ރައީސް މަގާމުން ވަކިކުރަން ހުށަހަޅާ ގަރާރެއްގެ މައްސަލަ ތަހުގީގު ކުރުމަށް އެކުލަވާލާ ހަތް މެންބަރުންގެ ކޮމިޓީއަށް އެ މައްސަލަ ލިބޭތާ ގިނަވެގެން 10 ދުވަސް ތެރޭގައި ތަހުގީގު ނިންމަންވާނެ ކަމަށެވެ. ކުރިން އޮންނަނީ ގިނަވެގެން ފަސް ދުވަހުގެ ތެރޭގައި ތަހުގީގު ނިންމައި ރިޕޯޓު މަޖިލިސް ތަޅުމަށް ހުށަހެޅުމަށެވެ.

އެ ކޮމިޓީގެ ފުރަތަމަ ބައްދަލުވުން ބާއްވަން ޖެހެނީ މަދުވެގެން 24 ގަޑިއިރުގެ ނޯޓިސް މެންބަރުންނަށް ދިނުމަށް ފަހުގައި ކަމަށްވެސް ގަވާއިދުގައި ހިމަނާފައިވެއެވެ. ކުރިން އޮންނަނީ މަދުވެގެން ހަ ގަޑިއިރުގެ ނޯޓިސްއެއް ދޭން ޖެހޭނެ ކަމަށެވެ. އަދި އެ މައްސަލައާ ގުޅިގެން ކޮމިޓީއަށް އެއްވެސް މީހަކު ހާޒިރު ކުރާ ނަމަ، މަދުވެގެން ފަސް ދުވަހުގެ ނޯޓިސްއެއް ދޭން ޖެހޭގޮތަށް ވެސް ގަވާއިދަށް ވަނީ ބަދަލު ގެނަސްފައެވެ. ކުރިން އޮންނަނީ މަދުވެގެން ދެ ގަޑިއިރުގެ ނޯޓިސްއެއް ދިނުމަށެވެ.

ތަހުގީގު ކޮމިޓީގެ ރިޕޯޓު ރައީސް އާއި ނައިބު ރައީސަށް ފޮނުވާ ތާރީހުން ފެށިގެން ގިނަވެގެން ހަތް ދުވަސް ތެރޭގައި ލިޔުމުން ޖަވާބުދާރީވުމަށް މިފަހަރު ހިމަނާފައިވާ އިރު، ކުރިން އޮންނަނީ ދެ ދުވަސް ތެރޭ ލިޔުމުން ޖަވާބުދާރީވާން ޖެހޭނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދު ނިންމައި އާއްމު ކޮމިޓީން މަޖިލިސް ތަޅުމަށް ފޮނުވި ރިޕޯޓުގައި ވަނީ، އެކަންތައްތަަކަށް ބަދަލުކުރީ، ކުރިން ގަވައިދުގައި ކަނޑައަޅާފައިވާ ވަގުތުތަކާއި މުއްދަތުތަކަކީ އެކަށީގެންވާ މުއްދަތުތަކެއް ކަމަށް ކޮމިޓީގެ މެންބަރުންނަށް ގަބޫލު ނުކުރެވޭތީ ކަމަށެވެ.

ހިޔާލުފާޅު ކުރައްވާ!

Leave a Reply

Your email address will not be published. Required fields are marked *