މީގެ 30 އަހަރުފަހުން 2054 ވަނަ އަހަރު ރާއްޖޭގެ އާބާދީގެ 10 މީހުންގެ ތެރެއިން ހަތަރު މީހަކީ ބިދޭސީއަކަށް ވާނެ ކަމަށް މޯލްޑިވްސް ބިއުރޯ އޮފް ސްޓެސްޓިކްސްއިން ބުނެފި އެވެ.
ފައިނޭންސް ފޯރަމްގައި ވާހަކަދައްކަވަމުން އެ އިދާރާގެ ޗީފް ސްޓެޓިސްޓީޝަން އައިޝަތު ހަސަން ވިދާޅުވީ، މާލޭ ސަރަހައްދަށް މީހުން ހިޖުރަކުރަމުންދާ މިންވަރަށް ބަލާއިރު މާލޭ ސަރަހައްދަށް ރާއްޖޭގައި ދިރިއުޅޭ ދިވެހިންގެ އާބާދީގެ 64 އިންސައްތަ މީހުން ހިޖުރަކުރާނެ ކަމަށެވެ. އެއާއެކު 2054 ވަނަ އަހަރުގައި އަތޮޅު ތެރޭގައި ދިރިއުޅޭ އާބަދީ 30 ޕަސަންޓަށް ދަށްވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
އަދި ވިދާޅުވީ 2054 ވަނަ އަހަރު އަންނަންވާއިރު ރާއްޖޭގެ އާބާދީގެ 10 މީހުންގެ ތެރެއިން ކޮންމެ ހަތަރު މީހަކީ ބިދޭސީއަކަށް ވާނެ ކަމަށެވެ.
ރާއްޖޭގެ އާބާދީގެ 50 ޕަސަންޓް މީހުންގެ އުމުރު ހުރީ 30 އަހަރުން ދަށުގައި ކަމަށާއި އެހެންކަމުން އުމުރުން ދުވަސްވީ މީހުން އިތުރުވަމުންދާނެ ކަމަށެވެ. 2030 ވަނަ އަހަރުގެ ނިލަޔަށް 65 އަހަރުން މަތީގެ އާބާދީ ހަތް އިންސައްތަ އިތުރުވެގެންދާނެ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި 2050 ވަނަ އަހަރު އާބާދީގެ އެވަރެޖް އުމުރު 47 އަހަރަށްވުރެ މައްޗަށް އަރާނެ ކަމަށް ވިދާޅުވި އެވެ.
2022 ވަނަ އަހަރުގެ ބޯހިމެނުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ރާއްޖޭގެ އާބާދީގެ 311،994 އަކީ ފިރިހެނުންނެވެ. އަދި 203،138 މީހުންނަކީ އަންހެނުންނެވެ.